9. ذو القَرْنَين ބިނާކުރެއްވި ހުރަސް  އެއީ ސައިރަސް ބިނާކުރި ހުރަހެއްބާ؟
 
މި ސުވާލަކީ ޖަވާބު ދިނުން އެހާ ފަސޭހަ ސުވާލެއް ނޫނެވެ. ފުރަތަމަ ކަމަކީ އެލެގްޒެންޑާރ އެކޭ އެއްފަދައިން ސައިރަސް ފާރެއް ބިނާ ކުރިކަން އާކިޔުލޮޖިކަލް ހެކި ފެނިފައި އަދި ނެތުމެވެ. ފެނިފައިވާ ފާރުތަކާއި ސައިރަސް އަދި އެލެގްޒެންޑާރ އުޅުއްވިތާރީޚާއި ދިމާނުވާކަމެވެ. ހަޤީގަތަކީ ޒުލްޤަރުނައިނި ވަކިކުރުމުގައި އޮތް އެންމެ ބޮޑު ޕަޒަލް އަކީ އެއީ އެވެ. އެހެންކަމުން ހުރިހާ ޢިލްމުވެރިވެރިންވެސް ފާރާމެދު ގެންގުޅެފައިވަނީ ލަފާކުރުންތަކަކެކެވެ.  
 
ކީރިތި ޤުރުއާނުގައިވާ ގޮތުން ذو القَرْنَين އަރިހުގައި ހުރަސްލައިދޭން އެދުނު ޤައުމުގެ މީހުންނާއި ބައްދަލުވެފައިވަނީ ދެފަރުބަދައެއްގެ ދޭތެރެއިންނެވެ. އެދެ ފަރުބަދަ ވަނީ އިރާއި ހުޅަނގުގައި ނޫންކަން އެނގެއެވެ. ސަބަބަކީ އެދެފަރުބަދަ މެދުން އޭނާއާއި ބަޔަކު ބައްދަލުވެފައިވަނީ އެހެން މަގަކުން އޭނަ ދިޔައިރު އެވެ. ވުމާއެކު އަޅުގަނޑު ލަފާކުރަނީ މި ހާދިސާ ގުޅިފައިވަނީ ސައިރަސްގެ އުތުރު ނުވަތަ ދެކުނުގެ ދަތުރުފުޅުތަކާއެވެ. ދެކުނަށް ކުރެއްވި ދަތުރުފުޅަކީ މެސަޕޮޓެމިޔާ ހިއްޕެވުމަށް ކުރެއްވި ދަތުރުފުޅުތަކެވެ. އެސަރަހައްދު ޖެހިގެން އެއްފަރާތުގައި އޮތީ ފާރިސް ކަރައެވެ. މެސަޕޮޓެމިޔާގެ ތާރީޚުން ޔައުޖޫޖު މައުޖޫޖް ފަދަ ބަޔަކު އެސަރަހައްދަށް ހަމަލާދޭކަމުގެ ވާހަކައެއް އައިސްފައި ނެތެވެ. މިއާއި ޚިލާފަށް އުތުރަށް ބަލާއިރު ސްޓޭޕްގެ ޤަބީލާތަކުގެ ހަމަލާތަކުން ދިފާއުވުމަށް ލައިފައި ހުރި ބޮޑެތި ފާރުތަކުގެ ނިޝާން ފެންނަން އެބަހުއްޓެވެ. މިފާރުތަކަކީ ފަހުގެ ބިނާތަކެއް ކަމުގައި ވިޔަސް ސައިރަސްގެ ދުވަސްވަރުގެ ކުރިންވެސް މެދު އިރުމައްޗަށް އަރާ މިފަދަ ޖަމާއަތްތަކުން ހަމަލާދޭކަން ލިޔެކިޔުމުން ފެނެއެވެ. 
 
ސައިރަސްގެ އެމްޕަޔާރ: ސޯސް- ushistory.org
 
 
ثُمَّ أَتْبَعَ سَبَبًا ﴿٩٢﴾حَتَّىٰ إِذَا بَلَغَ بَيْنَ السَّدَّيْنِ وَجَدَ مِن دُونِهِمَا قَوْمًا لَّا يَكَادُونَ يَفْقَهُونَ قَوْلًا ﴿٩٣﴾
 
ދެން އޭނާ، އެހެން މަގަކުން ކުރިޔަށް ވަޑައިގަތެވެ. ދެފަރުބަދަ ދޭތެރެއަށް އޭނާ ވަޑައިގަތުމަށް ދާންދެނެވެ. އެތާނގެ ކައިރިން އޭނާއަށް ބަޔަކުމީހުން ފެނިވަޑައިގަތެވެ. އެއްވެސް ބަހެއް (އުނދަގުލަކާލައިގެން މެނުވީ) އެއުރެންނަށް އެނގުމަކާ ގާތްވެސް ނުވެއެވެ. (ޤުރުއާން، 93-92: 18)
 
ޤުރުއާންގައި އައިސްފައިވާ ދެފަރުބަދަ އަކީ މިދަންނަވާ ދެ ސަރަހައްދުންކުރެ ސަރަހައްދެގައިވާ ފަރުބަދަތަކަކަށް ކަމަށް ބެލިދާނެއެވެ. ފުރަތަމަ ގޮތަކީ މި ދެފަރުބަދަ އަކީ ގްރޭޓާރ ކޯކަސަސް އާއި ލެސާކޯކަސަސް ކަމަށް ބެލުމެވެ. އާމީނިޔާއޮންނަނީ މިދެފަރުބަދަ ދެމެދުގައެވެ. އެއީ މިހާރުގެ ޖޯޖިޔާއާއި އަޒަބައިޖާން އާއި އާމީނިޔާގެ ސަރަހައްދެވެ. މިސަރަހައްދަކީ ސައިރަސް މީޑިޔާ ހިފުމުން ސައިރަސްގެ ދަށަށް އައި ސަރަހައްދެކެވެ. ގްރީކްގެ ތާރީޚީ ޢިލްމުވެރިއެއް ކަމުގައިވާ ޒެނަފޯން ވެދާޅުވެފައިވަނީ އާމީނިޔާގެ ރަސްގެފާނު ޓިގްރީންއަކީ ސައިރަސްގެ އެކުވެރިއެއް އަދި ގާތް ރަސްކަލެއްކަމަށެވެ. ބައެއް ތާރީޚީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މީޑިއާ އެމްޕަޔާރ ވައްޓާލުމުގައި ޓިގްރީން ސައިރަސްއަށް އެހީތެރި ވެފައިވެއެވެ. ޤުރުއާންގައި އެވާ ޔައުޖޫޖް މައުޖޫޖް މީހުންނަކީ ކޯކަސަސަް ފަރުބަދައި އުތުރުގައި އުޅޭ ސީތިއަނުން ކަމުގައި އަޅުގަނޑަށް ލަފާކުރެވެއެވެ. އެމީހުން އުޅެފައިވާނީ މިހާރުގެ ރަޝިޔާގެ ސަރަހައްދުގައެވެ، ޑެރިއަލް ގޯޖުން ކޯކަސަސް ފަރުބަދަ ހުރަސްކޮށް އާމީނިޔާއަށް އަރައި ފޭރި ހަމަލާދީ ހަދަމުންދާތީ ސީތިއަނުންނަށް ފަރުބަދަ ހުރަސްކުރެވެން އޮންނަ ޑެރިއަލްގޯޖު ގައި ހުރަހެއްލައިދޭން ސައިރަސް ގާތު އެސަރަހައްދާއި ގާތުގައި އުޅޭ މީހުން (ކުރީގެ ޖޯޖިޔާ މީހުން) އެދުމަކީ ވެދާނެގޮތެކެވެ. 
 
 
 
ގްރޭޓާރ އަދި ލެސާ ކޯކަސަސް ފަރުބަދަތައް: ސޯސް- Geography
 
 
ދެވަނައަށް ވެދާނެގޮތަކީ ސައިރަސް އާއި މިބައިމީހުން ޑެރިއަލްގޯޖުން، މައުންޓް ކަޒަބަކް އާއި މައުންޓް ޝާނީއާއި ދެމެދުން ދިމާވުމެވެ. މިބައިމީހުން ރަޝިޔާވީފަރާތުން އަންނަ ސީތިއަނުން ޑެރިއަލް ގޯޖުގައި ދިރިއުޅޭ ކުދިކުދިކުދި އަވަށްތަކަށް އަރާ ފޭރޭތީ އެދެފަރުބަދަ ދޭތެރޭ ހުރަހެއް ލައި ދިނުމަށް އެދުނީކަމަށް ވެދާނެއެވެ. އެހެން އެބައިމީހުން އެދޭނަމަ އެދޭނީ ސައިރަސް އުތުރަށް ފެށިކެމްޕެއިން ދަތުރުގެ ތެރެއިން އާމިނިޔާގެ މަގުން ޑެރިއަލް ގޯޖުން ދަތުރެއް ކޮށްގެންނެވެ. މި ލަފާކުރުން ރަނގަޅުވެސް ވެދާނެއެވެ. ސަބަބަކީ ދެން ކޯކަސް ފަރުބަދަތައް ހުރަސް ކުރެވެން އޮންނަ ޑާބެންޑްގެ ސަރަހައްދަކީ ސައިރަސްގެ ބާރުގެ ދަށުގައި އޮތްތަންތަނެއް ނޫނެވެ. ކޮންމެގޮތަކަށް ވިޔަސް މިފަދަ ހުރަހެއްގެ ސަބަބުން އެކަމަށް އެދުނުބަޔަކުގެ ދަނޑުބިންތަކާއި ގާތުގައިވާ އާކިމަނީޑް އެމްޕަޔާރގެ އެހެނިހެން ރައްތަކަށް ރައްކާތެރިކަން ލިބިގެންދާނެއެވެ. ޚާއްސަކޮށް ޑެރިއަލް ގޯޖުގައާއި އެތަނުގެ ކައިރީގައި ދިރިއުޅޭ މީހުންނަށެވެ. ذو القَرْنَين އަށް އެމީހުންދައްކާވާހަކަ އޮޅުން ފިލަން އުނދަގޫކަމަށް ޤުރުއާނުން އެނގެއެވެ. އެ ސަބަބަކީ މި ދަންނަވާ ސަބަބުކަމުގައި އަޅުގަނޑަށް ލަފާކުރެވެއެވެ. އެއީ އޭރުގެ އުތުރު އާމޭނިޔާ (މިހާރުގެ ޖޯޖިޔާ) ބަހާއި ފާރިސީ އާއި ބޮޑެތި ތަފާތުތަކެއް ހުރުމުންނެވެ. ފާރިސީއަކީ އިންޑޯ-އާރިއަން ބަހެކެވެ. ޖޯޖިއަން އަކީ ކަރުޓުވީލިއަން ބަހެކެވެ. ވުމާއެކު ފާރިސީންނާއި އެންމެބޮޑަށް ދިމާވަނީ ދެކުނު އާމީނިއަނުން ކަމުގައިވެފައި އޭރުގެ އުރުތުރު އާމީނިއަނުން (މިހާރުގެ ޖޯޖިއަނުން) ގެ ބަސް ދޭހަކުރަން ފާރިސީންނަށް އުދަގޫލީ ކަމުގައި ވެދާނެއެވެ. އަދި ޑެރިއަލްގޯޖުގައި މިހާރުވެސް އުޅެނީ ޖޯޖިޔާގެ ނަސްލުގެ މީހުންނެވެ.
 
قَالُوا يَا ذَا الْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِي الْأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَىٰ أَن تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا ﴿٩٤﴾ قَالَ مَا مَكَّنِّي فِيهِ رَبِّي خَيْرٌ فَأَعِينُونِي بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا ﴿٩٥﴾
 
އެއުރެން ބުނެފޫއެވެ. އޭ ذوالقرنين އެވެ! ހަމަކަށަވަރުން، يأجوج مأجوج ބާގައިމީހުންނަކީ، ބިމުގައި ފަސާދަކޮށްއުޅޭ ބަޔެކެވެ. ފަހެ، ކަލޭގެފާނު ތިމަންމެންނާ އެއުރެންނާ ދެމެދުގައި ހުރަހެއް ލައްވައިދެއްވާންކަމަށް ކަލޭގެފާނަށް ތިމަންމެން ޖިޒީއެއް ދެންތޯއެވެ؟ އޭނާ ވިދާޅުވިއެވެ. ތިމަންގެ ވެރިރަސްކަލާނގެ އެކަމުގައި ތިމަންނައަށް ދެއްވާފައިވާ ބާރު (ތިޔަ ޖިޒީއަށްވުރެ) މާރަނގަޅެވެ. ފަހެ، ތިޔަބައިމީހުން ބާރެއްލައިދީ، ތިމަންނާއާ ވާގިވެރިވާށެވެ! އޭރުން ތިޔަބައިމީހުންނާ އެއުރެންނާ ދެމެދު ހުރަހެއް ލައިދޭހުށީމެވެ. (ޤުރުއާން، 94 -95 :18)