2. އަކީމަނީޑް އެމްޕަޔާރގެ ދުވަސްވަރު ފާރިސީންގެ ދީން
 
އަކީމަނީޑް އެމްޕަޔާރ ގެ ރަސްރަސްކަލުންގެ ދީނަކީ ޒޮރޯސްޓްރިއަނިޒަމް އެވެ. ޢަރަބި ބަހުން ޒޮރޯސްޓްރިއަނުންނަށް ކިޔާ އުޅެނީ مجوس އެވެ. 12 ވަނަ ގަރުނުގެ ދީންތަކުގެ ތާރީޚް ދިރާސާކުރެއްވި މުސްލިމު އަދި ފާރިސީ ޢިލްމުވެރިއެއްކަމުގައިވާ މުޙައްމަދު އަލް ޝަހުރަސްތާނީ ވިދާޅުވެފައިވަނީ މަޖޫސިއްޔަ 3 މަޒުހަބަކަށް (ސެކްޓްސް) އަށް ބަހާލެވޭ ކަމަށެވެ. އެއީ “ކަރުމަރުތިއްޔަ”، “ޒުރުވަނިއްޔަ” އަދި “ޒަރަދުސްތިއްޔަ” އެވެ. “ޒަރަދުސްތިއްޔަ” އަކީ ޒަރަދުސްތުރާއަށް ރަނގަޅަށް ތަބާވާމީހުންނެވެ.  مجوس މިބަސް ބޮޑަށް ނިސްބަތްވަނީ ޒޮރޯސްޓްރިއަން ޕްރީސްޓުންނަށެވެ. ޔޫރަޕާއި ދުނިޔޭގެ އެހެންތަންތަނުގައި މިބައި މީހުންނަށް މާޖީ އޭވެސް ކިޔާއުޅުނެވެ. ކީރިތި ޤުރުއާންގައި މިބައިމީހުންގެ ވާހަކަ އައިސްފައިނީ سورة الحج ގެ 17 ވަނަ އާޔަތުގައެވެ. އެ އާޔަތުގައި މިބައިމީހުންގެ ވާހަކަ އައިސްފައިވަނީ شريك ކުރި މީހުންނާއި ވަކިންނެވެ. 
 
الَّذِينَ آمَنُوا وَالَّذِينَ هَادُوا وَالصَّابِئِينَ وَالنَّصَارَىٰ وَالْمَجُوسَ وَالَّذِينَ أَشْرَكُوا إِنَّ اللَّـهَ يَفْصِلُ بَيْنَهُمْ يَوْمَ الْقِيَامَةِ ۚ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ شَهِيدٌ ﴿١٧﴾ 
 
ހަމަަކަށަވަރުން، إيمان ވިމީހުންނާއި، يهودى ވި މީހުންނާއި، صابئ ންނާއި، نصارى އިންނާއި، مجوسى ންނާއި، شريك ކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، اللَّه، އެއުރެންގެމެދުގައި، قيامة ދުވަހުން ނިޔާކަނޑައަޅުއްވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް، މޮޅަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ (ޤުރުއާން،  22:17)
 
ޒޮރޮސްޓްރިއަނިޒަމް އަކީ ޓްރައިބަލް ދިރިއުޅުމެއް އުޅުނު ޒަރަތުޝްތުރާ ކިޔާ މީހަކު ފާރިސްކަރައަށް ތައާރަފްކުރިދީނެކެވެ. ބައެއް ތާރީޚީ ޢިލްމުވެރިން ބުނަނީ ޒަރަތުޝްތުރާ ދިރިއުޅެފައިވަނީ ސައިރަސް ދަ ގެރޭޓްގެ ދުވަސްވަރުގައެވެ (628-551 ބީ.ސީ.). ތާރީޚީގޮތުން އެކަން އެނގެނީ އެންމެފުރަތަ އޭނާގެ ދީނަށް ތަބައުވީ ރަސްކަލަކީ ކޮރަސްމިޔާގެ ރަސްގެފާނު ވިޝްތަސްޕާ އެވެ. އެއީ 588 ބީސީގައެވެ. އެހެން އިލްމުވެރިން ވިދާޅުވަނީ އެއަށްވުރެ ކުރީގައި ކަމުގައެވެ. މިއީ އިސްލާމްދީން ފައުޅުކުރެއްވުމުގެ 2000 އަހަރަށްވުރެ ކުރިއެވެ. ބުނެވޭގޮތުގައި ޒަރަތުޝްތުރާ ވިޝަންއެއް (ޢިލްހާމެއް) އަހުރާ މަޒްޑާ (އެންމެމަތިވެރު ރަސްކަލާނގެ) ފަރާތުން ދީނަށް ގޮވާލުމަށް  ލިބުނެވެ. އޭރު ފާރިސްކަރައިގެ މީހުންނަކީ ގިނަ ކަލާނގެތަކަކަށް އަޅުކަންކުރަމުން އައިބަޔެކެވެ. ފުރަތަމަ ޒަރަތުޝްތުރާގެ ނަސޭހަތްވެސް އާންމުންނާއި އޭރުގެ ދީނީމީހުން ދެކޮޅުހެދިއެވެ. ޒަރަތުޝްތުރާ މީހުންނަށް ބުނެދެމުން ގެންދިޔައީ އަހުރާ މަޒްޑާއަކީ އަބަދަށް ދެމިގެންވާ އެންމެ މަތިވެރި ކަލާނގެކަމާއި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކަމެވެ. އަދި މާއްދީ އަދި ރޫޙާނީ ޢާލަމް ހައްދަވައި އަދި އައްޔާއި އަނދިރިކަން ގެންނަވާ އަދި ހުރިހާއެއްޗަކަށް ހުކުމްކުރައްވާ ރަސްކަލާނގެ ކަމުގައެވެ. އެހެން ކަލާނގެތަކަށް އަޅުކަން ނުކުރުމަށެވެ. މަރުވުމުން ހިސާބުބެއްލެވޭނެ ކަމާއި ނަރަކައާއި ސުވަރުގެ ވާކަމެވެ (އެންސައިކްލޮޕީޑިޔާ ބްރިޓާނިކާ).
 
ގާތާ: ފޮޓޯ- wikimediacommon
 
ޒަރަތުޝްތުރާ ބުނެދިނުން (ގާތާސް) ލިޔެފައިވަނީ ޅެންބަހުރުވައިން (ހައިމްސް) ގެ ގޮތުގައި “އެވެސްޓާ” ގައެވެ. މިބައިމީހުންގެ ލިޓްރޭޗާރ ފޮތްތަކުގައިވާގޮތުން އީރާންގައި އާކައިވް ކޮށްފައިހުރި އެވެސްޓާގެ ލިޔުންތައް އެލްގްޒަންޑާރ ދަގްރޭޓްގެ ދުވަސްވަރު އަންދާލީއެވެ. (ހޯން، 1917). މިހާރު މިބައިމީހުން ގެންގުޅޭ ފޮތް އެކުލަވާލައިފައި ވަނީ ފާރިސްކަރައިގެ އެކި ސިޓީތަކުން ހޯދި ބައިތައް ބޭނުންކޮށްގެން ސަސާނިއަނުންގެ ރަސްކަލުން 3-7 ޤަރުނާއި ދެމުދުގައެވެ. އިސްލާމީ ޢިލްމުވެރިން މިބައިމީހުން އަހުލުކިތާބީންގެ ތެރޭ ނުހިމަނައެވެ. ކޮންމެގޮތެއްވިޔަސް، ޤުރުއާނުގައި މިބައިމީހުންގެ ވާހަކަ ޝަރީކު ކުރި މީހުންނާއި ވަކިން އައިސްފައިވާކަން ފާހަގަކުރަން ޖެހެއެވެ. ޒަރަތުޝްތުރާ ވާހަކަ ޤުރުއާނުގައި ނުވެއެވެ. އެހެންނަމަވެސް ކީރިތި ޤުރުއާންގެ سورة النساء ގެ 164 އާޔަތާއި سورة النحل ގެ 36 ވަނަ އާޔަތަކީ ވެސް މިތަނުގައި ހަނދާންކޮށްލުން މުހިންމު އާޔަތްތަކެކެވެ. 
 
وَرُسُلًا قَدْ قَصَصْنَاهُمْ عَلَيْكَ مِن قَبْلُ وَرُسُلًا لَّمْ نَقْصُصْهُمْ عَلَيْكَ ۚ وَكَلَّمَ اللَّـهُ مُوسَىٰ تَكْلِيمًا ﴿١٦٤﴾
 
ކުރިން އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވާފައިވާ رسول ންނާއި، ކަލޭގެފާނަށް އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކިޔައިދެއްވާފައިނުވާ رسول ން، ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. މެދުވެރިއެއްނެތި موسى ގެފާނަށް اللَّه ބަސް وحى ކުރެއްވިއެވެ. (ޤުރުއާން،  4:164).
 
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ فَمِنْهُم مَّنْ هَدَى اللَّـهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ الضَّلَالَةُ ۚ فَسِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ ﴿٣٦﴾
 
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްމެ رسول އަކު ފޮނުއްވީމެވެ. އެއީ، اللَّه އަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ. ފަހެ، اللَّه ތެދުމަގު ދެއްކެވި މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި މަގުފުރެދުން އެބަޔެއްގެ މައްޗަށް حق ވެގެންވީ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ފަހެ، ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ. ފަހެ، ދޮގުކުޅަމީހުންގެ ނަތީޖާއޮތީ ކޮންފަދައަކުންކަން ތިޔަބައިމީހުން ދެކޭށެވެ! (ޤުރުއާން، 16:36)
 
ކުރީކޮޅު ޒޮރޯސްޓްރިއަނުން އަޅުކަންކުރަމުން ގޮސްފައިވަނީ އަލި، ހާމަތަންތަނުގައި ކަމަށް ލިޔުންތަކުން ފެނެއެވެ. އަނދިރި ތަންތަނުގައި އަޅުކަންކުރާނަމަ އަލިފާން މަޅިއެއްލައި އޭގެކައިރީތިބެ އަހުރާ މަޒުޑާއަށް އަޅުކަންކުރެއެވެ. ފަހަރުގައި އައްޔާއި ހޫނުގެ ބޭނުމުގައި ޓްރައިބަލް ދިރިއުުޅުމުގައި މިގޮތަށް އަޅުކަންކުރަމުންގަޮސް، ޒަމާން ބަދަލުވެ ދުވާލުގަޑިތަކުގައިވެސް އަލިފާން ބޭނުންކުރުމުގެ އާދަ ފެށި އަލިފާނަކީ މާތް އެއްޗަކަށް އެންމެފަހުން ވީކަމަށް ވެދާނެއެވެ. ކޮންމެ ރަސޫލަކުވެސް ގެންނަވަނީ އެއްދީނެކެވެ. ދީނަށް ކަންކަން މަސްއުނިކުރަނީ އެދީނަށް ތަބާވާ ކޮންމެވެސް ބަޔެކެވެ. ކޮންމެއަކަސް އަލިފާނާއި ދިމާއަށް އެނބުރި ތިބެ އަޅުކަންކުރާތީ ދުނިޔޭގެ ގިނަ މީހުން މިބައި މީހުން ދެކެނީ އަލިފާނަށް އަޅުކަންކުރާ ބައެއްގެ ގޮތުގައެވެ. އަލިފާނަކީ ކަލަކުކަމަށް ބަަލައި ސީދާ އެއަށް އަޅުކަންކުރާ ބަޔަކުވެސް ދުނިޔޭގައި އުޅެއެވެ.  ޤްރީކްގެ ތާރީޚީ އިލްމުވެރިއާ ހޮރާޑަޓަސް (484-425 ބީ.ސީ.އީ) ފާރިސީންގެ ރަސްކަމުގެ ދުވަސްވަރު ސޫސާ (މައިގަނޑު ސިޓީއެއް) ގެ މީހުންގެ ދީން އަންގައިދޭން ލިޔެފައިވާ ލިޔުމުން އެނގެނީ ސައިރަސް ދުވަސްވަރު އަލިފާން ފައްޅިތަކެއް އަދި ފާރިސްކަރައިގައި ނުހުންނަކެމެވެ. 
 

The customs which I know the Persians to observe are the following: they have no images of the gods, no temples nor altars, and consider the use of them a sign of folly. This comes, I think, from their not believing the gods to have the same nature with men, as the Greeks imagine. Their wont, however, is to ascend the summits of the loftiest mountains, and there to offer sacrifice to Zeus, which is the name they give to the whole circuit of the firmament. ……..They likewise offer to the sun and moon, to the earth, to fire, to water, and to the winds. These are the only gods whose worship has come down to them from ancient times. …….. (Harodotus, 1.131)

 
އަލިފާން ފައްޅިތައް ހަދައި ފާރިސްކަރައިގެ ރަސްމީ ދީނަކީ ޒޮރޯޓިއަނިޒަމް ކަމުގައި ހެދީ ސަސާނިޑް ޑައިނާސްޓީގެ ދުވަސްވަރު (226ބީ.ސީ-650 ސީ.އީ) އެވެ. އަލިފާން ފައްޅިތަކުގެ ބޭރުގައި ކުރަހާފައި ހުންނަ ދެ ފިޔަލީ ތުބުޅި ހުންނަ ފިރިހެނެއްގެ މަތި ބައި ދައްކުވައިދޭ ކުރެހުމަކީ މިބައިމީހުންގެ ދީނުގެ “ފަރަވަހަރު” ނިޝާނެވެ. ތިރީގައިވާ ލިޔުންކޮޅަކީ ސައިރަސްގެ ކާފަދަރިކަލުން ޑާރިއަސް 2، ގެ ރަސްކަމުގައި އެލްވެންޑްގައި ގަލުގައި ކަނޑާފައިވާ ލިޔުންކޮޅެއްގެ މާނައެވެ. މީގެން އެނގެނީ އެބައިމީހުންގެ (އަކީމަނީޑް އެމްޕަޔާރގެ ރަސްރަސްކަލުންގެ) އަޤީދާ ހުރީކިހިނެއްކަމެވެ.  މިލިޔުން ލިޔެފައިވަނީ އީސާގެފާނުން ދުނިޔެއަށް ވަޑައިގަތުމުގެ 400 އަހަރަށްވުރެ ވެސް ކުރިންއެވެ.  
 
“There is one God, omnipotent Ahura Mazda,
It is He who has created the earth here;
It is He who has created the heaven there;
It is He who created mortal man.”
 
The Other Iran– ޑާރިއަސް 1 ގެ މަޤްބަރާގެ ދޮރުމަތީ ލިޔެފައިވާ ލިޔުމެއް
 
އިސްލާމްދީނުގެ މާތް ނޫރު ފާރިސްކަރަޔަށް އައުމާއެކު މިދީނުގެ ގިނަމީހުން އިސްލާމްދީނުގެ ހިދާޔަތުގައި ހިފިއެވެ. ނަމަވެސް ބައެއްމީހުން ފާރިސްކަރަ ދޫކޮށް އިންޑިޔާ އަަށާއި އެހެނިހެން ޤައުމުތަކަށް ހިޖުރަ ވެސް ކުރިއެވެ. އަޅުގަނޑަށް ވިސްނޭގޮތުގައި ސައިރަސް އަކީ އެއްކައުވަންތަ ކަލަކުވާކަން ޤަބޫލުކުރެއްވި އަދި ޒަރަތުސްތުރާގެ ދީނުގައި ރަނގަޅަށް ހިއްޕަވައިގެން ހުންނެވި ރަސްކަލަކަށް ވުން ވަރަށްގާތެވެ. ޚާއްސަކޮށް ޒަރަތުސްތުރާ ދުނިޔޭގައި ހުންނެވީ ސައިރަސްގެ ދުވަސްވަރުގައި ނުވަތަ އެއަށްވުރެ ކުރީގެ ސައިރަސް އާއި ކައިރި ދުވަސްވަރެއްގައި ނަމައެވެ. މިގޮތަށް އެލްގްޒެންޑާރ ދަ ގްރޭޓަށް ގުޅުވާ ނުލެވޭ ސަބަބަކީ އޭނާއަކީ ގްރީކްގެ ގިނަކަލާނގެތަކެއް ޤަބޫލުފުޅުކުރެއްވި ރަސްކަލެއްކަން ތާރީޚުން ފެންނަން އޮތުމުންނެވެ. އެގޮތުން އޭނާއަކީ ގްރީކް ކަލާނގެ ޒިއަސްގެ ދަރިކަލެއްކަމަށް އޭނާއައީ ޤަބޫލުފުޅު ކުރައްވަމުންނެވެ (ވޭސަން، 2016). މީގެ އިތުރަށް ހަނގުރާމަ ތަކުގައިލިބުނު ކާމިޔާބީތައް ފާހަގަކުރެއްވުމަށް ގްރީގް ކަލާނގެތަކަށް ޤުރުބާން ކުރައްވާފައިވާ ކަން ލިޔުންތަކުން ފެނެއެވެ.