4. ހުޅަނގަށް ކުރެއްވި ދަތުރުފުޅު: ލީޑިޔާ ހިއްޕެވުން
 
ލީޑިޔާ- ފޮޓޯ: Roke
 
ލީޑިޔާ އަކީ މިހާރުގެ ތުރުކީ އާއި އެޖިއަންކަނޑުގައި ތުރުކީގެ އައްސޭރީގައި އޮތް ޖަޒީރާތައް ހިމެނޭ ސަރަހައްދެވެ. ލީޑިޔާއަކީ މުއްސަނދި އެމްޕަޔާރ އެކެވެ. ލީޑިޔަން އެމްޕަޔާރއާއި ސައިރަސް ހަނގުރާމަކުރައްވަން ޖެހިވަޑައިގަތް އެންމެ ބޮޑު ސަބަބަކީ އަކީމަނީޑް އެމްޕަޔާރގެ ދަށުގައި އޮތް ކެޕަޑޯސިޔާ (Cappadocia) ގެ ޕަޓޫރިޔާ (Pteria) އަށް ލީޑިޔަން އެމްޕަޔާގެ ރަސްގެ ފާނު ކްރީސަސް (Croesus) އަރުއްވައި، އެރަށް ހިއްޕަވައި، މުޅި ރަށް ސުންނާފަތި ކުރައްވަވައި، އެރަށުގައި ތިބި ރައްޔިތުން  ހައްޔަރުކުރައްވައި، އަޅުންނަށް ހެދެވުމުގެ ސަބަބުންނެވެ، އަދި ސައިރަސް ލީޑިޔާއަށް ވަޑައިގެންނެވިއިރު އޭނާގެ ބާރުގެ ދަށުގައި އޮތްތަންތަނުން ހަނގުރާމަވެރިން ހޯއްދައިގެން ކްރީސަސްއާއި ހަނގުރާމަޔަށް ބޮޑުލަޝްކަރެއް އެއްކުރެއްވެވިއެވެ. ލީޑިޔާގެ އުތުރުގައި އޮންނަނީ ކަޅު ކަނޑު (Black Sea) އެވެ. ލީޑިޔާއާއ ހަމަޔަށް ސައިރަސްއަށް ވަޑައިގަނެވޭނީ ކަޅު ކަނޑާއި ހަމަޔަށް ދަތުރުފުޅު ކުރައްވައިގެންނެވެ.  ކްރީސަސް އާއި ދެކޮޅަށް ސައިރަސް ކުރެއްވި ތިމްބްރާ ހަގުރާމަ ހިނގާފައިވަނީ ސާޑިސްގެ އުތުރުގައި އޮތް ހުސްބިމުގައެވެ. ފުަރަތަމަ ހިނގި ޕެޓޫރިޔާގެ ހަނގުރާމައިގައި ދެފަރާތް އެއްވަރުވެފައި އޮއްވާ ތިމްބްރާ (Battle of Thymbra) ގެ ހަނގުރާމައިގައި ސައިރަސް ސާރޑިސް (Sardis) ހިސޯރު (Siege) ކުރެއްވިއެވެ. މި ވަރުގަދަ ހަނގުރާމަޔަށްފަހު ލީޑިޔާގެ ރަސްގެފާނު އަމާންދީ ސައިރަސް ލިޑިޔާގެ ވެރިރަށް ސާޑިސް (Sardis) ހިއްޕެވިއެވެ. އެއީ 550 ބީ.ސީ. ގައެވެ. އޭގެފަހުގައި ގްރީކްގެ އަޔޯނިޔާ (Ionia) އާއި އަޔޯލިސް (Aeolis) ގެސިޓީތައްވެސް ސައިރަސްގެ ޖެނެރަލުން ހިއްޕެވިއެވެ. މިރަށްތަކުގެ މީހުން ކުރިން ތިބީ މުއްސަނދި ކްރީސަސްއަށް ޖިޒީ ދީގެންނެވެ. މިއީ އެޖެޔަން ކަނޑުގެ އައްސޭރީގައި އޮތް ރަށްތަކެކެވެ.
 
إِنَّا مَكَّنَّا لَهُ فِي الْأَرْضِ وَآتَيْنَاهُ مِن كُلِّ شَيْءٍ سَبَبًا ﴿٨٤﴾ فَأَتْبَعَ سَبَبًا ﴿٨٥﴾ حَتَّىٰ إِذَا بَلَغَ مَغْرِبَ الشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْمًا ۗ قُلْنَا يَا ذَا الْقَرْنَيْنِ إِمَّا أَن تُعَذِّبَ وَإِمَّا أَن تَتَّخِذَ فِيهِمْ حُسْنًا ﴿٨٦﴾
 
އިރުއޮސްފުހޭ ތަނަށް އޭނާ ވަޑައިގަތުމަށް ދާނދެނެވެ. އެހިނދު ކަޅުކުލައިގެ ފެންގަނޑަކަށް އިރުއޮސްފުހޭތީ، އޭނާއަށް ފެނިވަޑައިގަތެވެ. އަދި އެތާނގެ ކައިރިން އޭނާއަށް قوم އެއްގެ މީހުން ފެނިވަޑައިގަތެވެ. ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭ ذوالقرنين އެވެ! އެހެންޏާ އެއުރެންނަށް ތިބާ އަދަބުދެއްވާށެވެ! އެހެންޏާ އެއުރެންނާމެދު އޯގާތެރިކޮށް ކަންތައް ކުރައްވާށެވެ! (ޤުރުއާން؛ 18:86).
 
 
މަތީގައިވާ އާޔަތުގައި އެވާ ކަޅުކުލައިގެ ފެންގަޑަކީ އަޅުގަނޑު ދެކޭގޮތުގައި ބްލެކްސީ އެވެ. ބްލެކްސީ އޭ ކިޔަނީ އެހެންކަނޑުތަކަށްވުރެ ވިސިބިލިޓީ ދަށްވީމައެވެ. ބްލެކްސީގައި އަޑިފެންނަ ފުންމިނަކީ 5 މީޓަރެވެ. ޖެހިގެން އޮންނަ މެޑިޓެރެނިއަން ކަނޑުގެ 35 މީޓަރު އަޑިފެނެއެވެ. ސައިންސްވެރިން ބުނަނީ އެހެންވާ ސަބަބަކީ ބްލެކްސީގެ ލޮނުކަން ދަށްވުމުން މައިކްރޯ އަލްގޭ ހުންނަމިންވަރު މަތިކަމުންނެވެ. ވުމާއެކު ވިއްސާރަކޮށް އުޑުމަތި ބަނަކޮށް އޮންނަ ވަގުތުތަކުގައި އާއި އިރުއޮއްސޭ ވަޤުތުގައި ކަނޑު ވަރަށް ކަޅުކޮށް ފެނެއެވެ. ބްލެކްސީ މެދުގައި އޮންނަ އެންމެ ފުންތަނުގައި 2206 މީޓަރު ހުރެއެވެ.  އެންމެ ދިގުތަނުގައި 1210 ކިލޯމީޓަރު އަދި އެންމެ ފުޅާތަނުގައި 560 ކޮލޯމީޓަރު ހުރެއެވެ. އެއްމެ ދިގު ހިސާބުން އެއްފަރާތުން އަނެއްފަރާތް ނުފެނެއެވެ. މިސާލަކަށް ތުރުކީ-ޖޯޖިއާރ ގެ ބޯޑަރު ހިސާބުން ބެލިއަސް އިރުއޮއްސޭތަން ފެންނާނީ ކަނޑަށެވެ. ސަބަބަކީ އަނެއްފަރާތުގައި އޮންނަ ބަލްގޭރިޔާ ފެންނަވަރަށް ވުރެ މާ ދުރުވުމެވެ.  ޤުރުއާނުގައި ފެންގަނޑެއްގެ ގޮތުގައި ސިފަކޮށްފައި އެވަނީ އަޅުގަނޑަށް ލަފާކުރެވޭގޮތުގައި ވަށައިވަށައި ރަށްތަކެއް ހުރުމުންނެވެ. ބްލެކްސީއާއި މެޑެޓެރެނިއަން ކަނޑާއި ގުޅިފައިވަނީ 3.3 ކިލޯމީޓަރުގެ ހަނި ބޮސްޕޮރަސް އިންނެވެ. އަދި ބްލެކްސީ ޖޯގްރަފީ ދަތުރުވެރިންގެ ފަރާތުން އެސަރަހައްދުގެ މީހުންނަށް އެނގޭނެއެވެ. ލީޑިޔާ ހިފުމަށް ސައިރަސް ކުރެއްވި ހަނގުރާމަޔަކީ ކްރީސަސްގެ އަނިޔާވެރިކަމުގެ ސަބަބުން ކުރައްވަން ޖެހުނު ހަނގުރާމަތަކެކޭ ވެސް ދެންނެވިދާނެއެވެ. އޭގެސަބަބުން ސައިރަސްއަށް އޭނާގެ އެމްޕަޔަރ ހުޅަނގަށް ދިގުކޮށްލަށް ލިބުނު ފުރުސަތެއް ވެސް މެއެވެ.
 
 
 
ހަނގުރާމަޔަށްފަހު ކްރީސަސް މެރުމަށް ވެސް ސައިރަސް އަމުރުފުޅު ކުރެއްވިކަމަށް ތާރީޚީ އިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް އެ އަމުރުފުޅު ފަހުން އަނބުރާ ގެންދަވާ މާފުދެއްވާ އޭނާ އާއި ޝާހީ ޢާއިލާ ދޫކޮށްލެއްވީއެވެ. ބުނެވޭގޮތުގައި ކްރީސަސް އަވާރަވެފައިވަނީ ޖެހިގެން އައި އަހަރު އާދައިގެ މަރަކުންނެވެ. މިދެންނެވި ޙާލަތާއި މިތަނުގައި ބަޔާން ކުރި އާޔަތްތަކުގައި ވާއެއްޗަކާއި އާދަޔާޚިލާފު ގުޅުމެއް ހުރިކަމަށް އަޅުގަނޑަށް ފާހަގަވިއެވެ.  
 
قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُ ثُمَّ يُرَدُّ إِلَىٰ رَبِّهِ فَيُعَذِّبُهُ عَذَابًا نُّكْرًا ﴿٨٧﴾
 
އޭނާ ވިދާޅުވިއެވެ. އަނިޔާވެރިވީ މީހާއާމެދު (ދަންނާށެވެ!) ފަހެ، ނިކަންހުރެ އެމީހަކަށް އަހުރެމެން އަދަބު ދޭހުށީމުއެވެ. ދެން އޭނާގެ ވެރިރަސްކަލާނގެ حضرة އަށް އޭނާ ރައްދުކުރައްވާހުށްޓެވެ. ފަހެ، އެކަލާނގެ އެމީހަކަށް، ގަދަފަދަވެގެންވާ عذاب އެއް ދެއްވާހުށްޓެވެ. (ޤުރުއާން؛ 18:87)