ذو القَرْنَين އަކީ މެސިޑޯނިޔާގެ ރަސްގެފާނު އެލެގްޒަންޑާރ 3 ނޫން އެއީ ފާރިސްކަރައިގެ ރަސްގެފާނު ސައިރަސް 2 އެވެ.
ކިޔުއްވި ބޭފުޅުން: 5296
ޚުލާސާ
 
ذو القَرْنَين ގެ ވާހަކައަކީ ކީރިތި ޤުރުއާންގެ سورة الكهف ގައި އައިސްފާ ވާހަކަތަކެކެވެ. މި އާޔަތްތައް ބާވާލައްވާފައި ވަނީ ޤުރައިޝުންގެ ފަރާތުން 2 މީހަކު ޔަހޫދީންގެ ރައްބީންގެ ގާތަށް ފޮނުވައި އެބައިމީހުންނަށް ލިބިފައިވާ ފޮތުގެ ޢިލްމުގެ އަލީގައި އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާއަކީ ﷲ ގެ ރަސޫލެއްކަން އެނގޭނެ ގޮތެއް ބުނެދިނުމަށް އެދުމުންނެވެ. ރައްބީން ބުނެފައިވަނީ އެކަލޭގެ ފާނުންގެ އަރިއަހުން 3 ކަމެއް އެހުމަށެވެ. އޭގެތެރެއިން އެހުމަށް އެދުނު އެއްވާހަކައަކީ، “އިރަށާއި ހުޅަނގަށް ދަތުރުކުރިމީހާ އާއި އަދި އޭނާގެ ވާހަކަޔަކީ ކޮބައިތޯއެވެ؟”. އަދި އެބައިމީހުންބުނި 3 ކަން ވިދާޅުވެ ދެވިއްޖެނަމަ އެކަލޭގެފާނަކީ ތެދުވެރި ރަސޫލެއްކަމާއި އެކަލޭގެފާނަށް ތަބަޢު ވުމަށް ބުންޏެވެ. އަދި އެވާހަކަތައް ބުނެ ނުދެވުުނަމަ އެއީ ވާހަކަ ހަދަހަދައިގެން ދައްކާ މީހެއްކަމަށާއި އެބައިމީހުންނަށް ފެންނަ އެންމެ އެކަށީގެންވާ ގޮތަކަށް އޭނާއާއިމެދު ކަންކުރުމަށް ބުންޏެވެ. سورة الكهف ގެ 83 ވަނަ އާޔަތުން 98 ވަނަ އާޔަތަށް ބާވާލެއްވުމާއެކު ކަށަވަރުން ރައްބީން އެދުނު ސުވާލުތަކަށް  ލޮބުވެތި ރަސޫލާއަށް ފުރިހަމަޔަށް ޖަވާބުދެއްވުނެވެ. މިއާޔަތްތަކާއި ގުޅިގެން އެ މީހަކީ ކާކުތޯ ދެނެގަތުމަށް ގިނަ އިސްލާމީ ޢިލްމުވެރިން މިވޭތުދިޔަ ޤަރުނުތަކުގައި މަސައްކަތް ކުރައްވާފައި ވެސް ވޭމެއެވެ. މިގޮތުން ذو القَرْنَين ކަމުގައި ތަފާތު މީހުން، ޢިލްމުވެރިން ފާހަގަކުރައްވާފައިވެސް ވެއެވެ. އަދި އެބޭކަލުންގެ ވާހަކަތައް ކަށަވަރު ކޮށްދެއްވުމަށް ތަފާތު ހެކިތަކާއި ޤަރީނާތައް ދައްކަވާފައި ވެސް ވެއެވެ. ކީރިތި ޤުރުއާނުގައި އައިސްފައިވާ ކޮންމެ ވާހަކަޔަކީ ކޮންމެ ޒަމާނަކަށްވެސް ފެތޭ، އަދި އެކިޔާ ބައެއްގެ އޭރުގެ ވިސްނުމާ ފިކުރަށް ފެތޭގޮތަށް ﷲ ފޮނުއްވަވާފައިވާ، އަދި އެފަދަ ދެވަނައެއްވެސް ނުވާ ފޮތެކެވެ. ذو القَرْنَين ކަމަށް ދިރާސާކުރާ ފަރާތްތަކުން އާންމުކޮށް ބަލާ ދެ ޝަހުސިއްތެއް ވެއެވެ. އެއީ މެސަޑޯންގެ ރަސްގެފާނު އެލްގްޒެންޑާ ދަ ގްރޭޓް އާއި ފާރިސްކަރައިގެ ރަސްގެފާނު ސައިރަސް ދަ ގްރޭޓް އެވެ. 
 
މި މަަޒްމޫނުގައި އަޅުގަނޑު ބުނެދީފައިވަނީ ذو القَرْنَين އަކީ މެސިޑޯނިޔާގެ ޒުވާން ރަސްގެފާނު އެލެގްޒެންޑާ ދަގްރޭޓް ނޫންކަމާއި އެއީ ފާރިސްކަރައިގައި އޮތް އަކީމަނީޑް އެމްޕަޔާރގެ ރަސްގެފާނު ސައިރަސް 2 ކަމުގައެވެ. އެކަމުގެ ހެކިދެއްކުމުގެ ގޮތުން ސައިރަސް ހުޅަނގަށް ވަޑައިގެން ލީޑިޔާ (މިހާރުގެ ތުރުކީ) އާއި ކުރި ހަނގުރާމައާއި ކަޅުފެންގަނޑަކަށް އިރުއޮއްސުނުތަން ފެނުނީ ކިހިނެއްކަން ބުނެދީފައި ވާނެއެވެ. އޭގެއިތުރަށް އުތުރަށް ކުރިދަތުރުތަކުގައި އިންޑަސްކޯރުގެ ދެކުނުފަރާތުގެ ސަރަހައްދުތައް ހިއްޕެވުމާއި ހިޔާވާނެ އެއްވެސް ގޮތެއް ނެތް ބައެއްގެ ބޯމައްޗަށް އިރުއަރައިގެން އައިގޮތް ކިޔައިދީފައި ވާނެއެވެ. އަދި އެހެންމެ ސައިރަސް އުތުރަށް ކުރެއްވި ދަތުރުތަކުގައި ކޯކަސަސް ފަރުބަދައިގެ އުތުރު ބިތުގައި (ރަޝިޔާ) ގައި އޭރު އުޅުނު ސީތިއަން ކިޔާ ސްޓޭޕް ވޮރިއާރސް (ލަފާކުރެވޭ ގޮތުގައި ޔައުޖޫޖް މައުޖޫޖް) އަށް ފަރުބަދަ ހުރަސްނުކުރެވޭނެ ހުރަހެއް ބިނާކުރިގޮތް ލަފާ ކޮށްފައިވާނެއެވެ. އެންމެފަހުން ދެކުނަށް ކުރިދަތުރުގައި ބެބިލޯނިޔާ ހިފިގޮތުގެ މައްޗަށްވެސް އަލިއަޅުވާލާފައި ވާނެއެވެ. މި މަޒްމޫނުގައި ހިމެނިގެންވާ ބައިތައް ތިރީގައި މިވަނީ އެވެ. ލިންކުތަކުން ވަކިވަކި ބައިތައް ފެނިވަޑައިގަންނަވާނެއެވެ. އުއްމީދަކީ ކިޔުންތެރިނަށް މި މަޒްމޫނު ކަމުދާނެކަމުގައެވެ.
 
1. ތަޢާރަފް: ސައިރަސް 2 އަކީ ކޮންބޭފުޅެއް؟
2. އަކީމަނީޑް އެމްޕަޔާރގެ ދުވަސްވަރު ފާރިސީންގެ ދީން
3. ސައިރަސް ދަ ގްރޭޓްގެ ހަނގުރާމައިގެ ކެމްޕޭނު ދަތުރުފުޅުތައް
4. ހުޅަނގަށް ކުރެއްވި ދަތުރުފުޅު: ލީޑިޔާ ހިއްޕެވުން
5. އިރުމައްޗަށް ކުރެއްވި ދަތުރުފުޅު: ބޮލޮޗިސްތާނު އާއި ހިންދުކުޝްގެ ކެމްޕޭން
6. ދެކުނުގެ ކެމްޕޭން: ނިއޯ-ބެބިލޯނިޔާ ހިއްފެވުން
7. ކެސްޕިއަންސީގެ ދެފަރާތުގައިވާ ބޮޑެތި ފާރުތައް ބިނާކުރީ ކޮންބައެއް؟
8. އުތުރުގެ ކެމްޕޭން: މެސަގަޓާއީންނާއި ކުރެވުނު ހަނގުރާމަ
9. ޒުލްޤަރުނައިނި ބިނާކުރި ހުރަސް
10. ޒުލްޤައުނައިނީގެ ހުރަސް ހުރިކަމަށް ލަފާކުރާތަން
11. ސައިރަސް ދެ ދަޅުގެ ވެރިޔާކަމަށް ބެލެވޭ
12. ނިންމުން
13. މުހިއްމު ވީޑިއޯތައް
14. ބިބްލިޔޮގްރާފީ
 
1. ތަޢާރަފް: ސައިރަސް 2 އަކީ ކޮން ބޭފުޅެއް؟
 
ސައިރަސް ދަ ގްރޭޓް  -ފޮޓޯ: Nasser-sadeghi
 
ސައިރަސް ދަ ގްރޭޓް ނުވަތަ ސައިރަސް 2 (کورش) އަކީ ފާރިސްކަރައިގެ (އީރާން) ގައި އޮތް  އަކީމަނީޑް އެމްޕަޔާރ ގެ އެންމެ ފުރަތަމަ ރަސްގެފާނެވެ. އުފަންވެފައިވެފައިވަނީ 600 ބީ.ސީ. ގައެވެ. އަދި އަވަހާރަވެފައިވަނީ 530 ބީ.ސީ. ގައެވެ. ސައިރަސްއަކީ އެދުވަސްވަރު ދުނިޔެ ދުށް އެންމެބޮޑު އެމްޕަޔާރ ގައި ވެރިކަން ކުރި ރަސްގެފާނެވެ. އަދި އަކީމަނީޑް އެމްޕަޔާރ ގެ ބާނީ ވެސް މެއެވެ.
 
 
ސައިރަސްގެ ރަސްކަމުގެ ދަށަށް ކުރީގެ ތަހުޒީބީ މުޖުތަމަޢުތައް އައިސްފައިވެއެވެ. އިރުމަތިން އިންޑަސް ކޯރުން ފެށިގެން އުޅަނގުން މެޑިޓެރެނިއަން ކަނޑާހަމަޔަށް އެ ވެރިކަން ފެތުރިފައިވެއެވެ. މިގޮތުން އޭންޝަންޓް  ނިއާރ އީސްޓް ގެ ޤައުމުތަކާއި, ހުޅަނގު އަދި މެދުތެރޭ އޭޝިޔާގެ ބޮޑުބަޔަކަށް ވެރިކަން ކޮށްފައިވެއެވެ.  އަދި އޭގެފަހުގައި ސައިރަސްގެ ދަރިކަލުން ބަލްކަންއާއި އިރުމަތީ ޔޫރަޕްގެ ގައުމުތައް އަކީމަނީޑް އެމްޕަޔާރގެ ދަށަށް ގެންނަވާފައި ވެއެވެ.
 
 
އަކީމަނީޑް އެމްޕަޔާރ ފެތުރެމުން ދިޔަގޮތް- ފޮޓޯ:Ali Zifan  
 
ތާރީޚީ އެކިއެކި ލިޔުންތަކުން އެނގެނީ ސައިރަސްގެ ދީނަކީ ޒޮރޮސްޓިއަނިޒަމް ކަމުގައެވެ. ނަމަވެސް ސައިރަސްގެ ވެރިކަމުގައި އެކިސިޓީތަކުގައިވާ އޭނާއަށް ނިސްބަތްވާ ލިޔުންތަކުގައި އެތަންތަނުގައި ދިރިއުޅުނު އަހުލުވެރިންގެ ދީނަށް ނިސްބަތްކޮށް ލިޔެފައިވެސްވެއެވެ. ތާރީޚް ދިރާސާކުރާ މީހުން ބުނަނީ އޭނާގެ ވެރިކަމުގެ ބާރުގެ ދަށުގައި ތަފާތު ދީންތަކާއި ސަޤާފަތްތަކުގެ މީހުން (މަލްޓި ކަލްޗަރަލް) ތިބުމާއި އެކު އޭނާގެ ވެރިކަން އެބައިމީހުންގެ ތެރޭ ސައްޚަ ކުރުމުގެ ގޮތުން އެގޮތަށް ލިޔެފައިވަނީ ކަމުގައެވެ. މިގޮތަށް އެލެގްޒެންޑާ ދަ ގްރޭޓް މިސުރުގައިވެސް ކަންކުރައްވާފައި ވެއެވެ. ސައިރަސްގެ މިފިކުރު 20 ވަނަ އަދި 21 ޤަރުނުގެ މަލްޓިކަލްޗަރަލް މުޖުތަމަޢުތައް އެކުލެވިގެންވާ ޤައުމުތަކުގެ ވެރިން ބަލައިގަނެ އެކަމަށް އޭނާއަށް އިޚްތިރާމް ކުރެއެވެ. އ.ދ. ގެ އިންސާނީ ހައްޤުތަކާއި ބެހޭ ޖަމްއިއްޔާގައި ތިރީގައިވާ ފޮޓޯއިންފެންނަ ސައިރަސް ސިލިންޑަރުގެ ނަކަލެއް ބޭއްވިފައިވެއެވެ. މިއީ ބެބިލޯނިޔާ (އިރާޤް)  އާއި ދެމެދު ވީ އެއްބަސްވުމެވެ. އަދި ލިޔެފައިވަނީ ކްލޭގައި  އަކާޑިއަން ކިއުނިފޯމުންނެވެ.    
 
ސައިރިސް ސިިލިންޑާރ-  ފޮޓޯ: Prioryman
 
ފާރިސްކަރައިގައި ސައިރަސް ވެރިކަން ކުރެއްވި ސިޓީއަށް ކިޔަނީ ޕެއްސާގަޑީ އެވެ. ޕެއްސަގަޑީ ފުރަތަ އާކިޔޮލޮޖިސްޓުން ބެލީ 1905 ގައެވެ. ޝީރާޒް ގެ އިރުއުތުރުން 90 ކިލޯމީޓަރު ދުރުގައި އޮންނަ މި އާކިޔޮލޮޖިކަލް ސައިޓަކީ ޔުނެސްކޯ ވޯލްޑް ހެރިޓެޖް ސައިޓެކެވެ. މި ސިޓީއަކީ ސައިރަސް ދަ ގެރޭޓްގެ ގަނޑުވަރު ހުރިތަނެވެ. އަދި މިއީ އަކީމަނީޑް އެމްޕަޔާރގެ ވެރިކަން ކުރިސިޓީއެވެ. އެއީ ޑާރިއަސް 2, ޕަރުސެޕޮލިސް ބިނާކޮށް އެތަނަށް ވެރިކަން ބަދަލުކުރެއްވުމުގެ ކުރިންނެވެ. އެލްގްޒެންޑާރ ދަ ގްރޭޓް ފާރިސްކަރަ ހިއްޕެވުމަށްފަހު ޕަރުސެޕޮލިސް ރޯކޮށް އަންދާލީ ކަމުގައި ތާރީޚީ އިލްމުވެރިން ވިދާޅުވެއެވެ.
 
 
ޕެސަގާޑް (ސައިރަސްގެ ގަނޑުވަރު) ގެ އޯޑިއަންސް ހޯލް –   ފޮޓޯ: درفش کاویانی