އިންސާނާ އުފެއްދެވުން

Published: 31 July 2018: 08:00 GMT Author: Mohamed Jameel

ކިޔުއްވި ބޭފުޅުން: 15203

ފެށުން 

މިޒަމާނުގައި މާބަނޑުވުން އަޅުގަނޑުމެން ބަހަނީ 3 ދުވަސްވަރަށެވެ. އިނގިރޭސިބަހުން ކޮންމެ ދުވަސްވަރަކަށް ކިޔާއުޅެނީ “ޓްރައި ސެމެސްޓާރ” އެވެ. މިގޮތުން ފުރަތަމަ 13 ހަފްތާއަކީ 1 ވަނަ ޓްރައިސެމެސްޓާރ އެވެ. 14 ވަނަ ހަފްތާއިން 27 ވަނަ ހަފްތާއަށް އެއީ 2 ވަނަ ޓްރައިސެމެސްޓާރ އެވެ. އަދި 28 ވަނަ ހަފްތާއާއި ވިހެއުމާ ދެމެދު، އެއީ 3 ވަނަ ޓްރައިސެމެސްޓާރ އެވެ. ނަމަވެސް އަޅުގަނޑުގެ މި މަޒްމޫނުގައި އެންމެ ޚާއްސަ ސަމާލުކަމެއް ދޭނީ، އިންސާާނާ އުފެދޭ މަރުޙަލާތަކުގެ ތެރެއިން އެމްބްރިޔޯނިކް މަރުހަލާގެ މައްޗަށެވެ. މިމަރުހަލާއަކީ ފުރަތަމަ ޓްރައިސެމެސްޓާރގެ ދުވަސްވަރެވެ. އެމްބްރިޔޯނިކް މަރުހަލާއަކީ، މައިމީހާގެ ބިސް ފާޓިލައިޒްވުމަށްފަހު (އޭގެމާނަޔަކީ ސްޕާމާއި ގުޅުމަށްފަހު)، ފުރަތަމަ 56 ދުވަހުގެ މުއްދަތެވެ. މި 56 ދުވަސް (8 ހަފްތާ) ބަހާލެވެނީ ކާނެގީ ސްޓޭޖްގެ 23 ސްޓޭޖަށެވެ. މައިގަނޑުގޮތެއްގައި މިސްޓޭޖްތައް ބިނާކޮށްފައިވަނީ ހަށިގަނޑުގެ ގުނަވަންތައް (structures) އުފެދުމުގެ މައްޗަށެވެ. އެމްބްރިޔޯނިކް ދުވަސްވަރު ގިނަ ގުނަވަންތައް ވަރަށް އަވަހަށް އުފެދި ފުރިހަމަ ވެއެވެ. އެމްބްރިޔޯނިކް ދުވަސްވަރަކީ، ސެލްތައް އުފެދި، ޙަރަކާތްތެރިވެ، ގުނަވަންތަކަށް ބޭނުންވާ ތަފާތުބާވަތުގެ ހާއްސަ ސެލްތައް އުފެދޭ ދުވަސްވަރުވެސްމެއެވެ. މިހެންމިކަން އޮތަސް، މިދުވަސްވަރު ފާހަގަ ކުރެވިފައިވަނީ  އެމްބްރިޔޯ ފެއިލްވުމުގެ ފުރުސަތުވެސްބޮޑު، އަދި މާބަނޑުވުމުގެ އެންމެ ނާޒުކު ދުވަސްވަރު ކަމުގައި އެވެ. އަންދާސާ ކުރެވޭގޮތުގައި ހަށިގަނޑުގައި ހުންނަ 4500 ބައިތަކުގެ (ސްޓަރަކްޗާރގެ) %90 އުފެދެނީ އެމްބްރޯޔޮނިކް ދުވަސްވަރުގައެވެ. މި މަޒްމޫނުގައި އަޅުގަނޑުގެ އަމާޒަކީ އިންސާނާ އުފެދޭގޮތް ކީރިތި ޤުރުއާންއާއި ސައިންސްގެ އަލީގައި ހޯދައި ބެލުމުވެ. 

އެމްބްރިޔޯލޮޖީގެ ދިރާސާވެރިން ހައިރާންކުރުވާ ފަދަ ގޮތަކަށް ، އިންސާނާ އުފެދެމުންދާއިރު، އެކި މަރުޙަލާތަކުގައި އޭނާގެ ސިފަ، ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވެއެވެ. ކީރިތިޤުރުއާނައަކީ މީގެ 1400 އަހަރުކުރިން އަޅުގަނޑުމެންނާއި ހަމަޔަށް އައިސްފައިވާ ފޮތަކަށްވާއިރު އަދި ، މައިކްރޮސްކޯޕް ބޭނުން ކުރަންފެށުމުގެ އެތައް ޤަރުނެއްކުރިން، ކުޑަކުޑަ އެމްބްރިޔޯގެ ސިފަ އަޅުގަނޑުމެންގެ މާތް ރަސޫލާ ދެނެވަޑައިގަންނަަވާނީ ކިހިނެކުންތޯ ސުވާލު އުފެދެއެވެ. އަދި ޚާއްސަކޮށް އެރިސްޓޯޓަލް ފަދަ އިހުގެ ބައެއް މަޝްހޫރު ފިލޯސަފަރުންގެ ބައެއް ހީކުރުންތަކާއި، މިއަދުގެ ދިރާސާތަކުގެ އާހޯދުންތަކާއި ފުށުއަރާއިރު (ގޯރިންގާ، ޒިންދާނީ އަދި މުސްތަފާ، 1990)، ލިޔަންކިޔަން ނޭގޭ ބޭކަލަކަށް އެހާ ސައްޚަ މައުލޫމާތެއް އެނގޭނީ ކިހިނަކުންތޯވެސް ސުވާލު އުފެދެއެވެ. އަދި ކީރިތި ޤުރުއާނަކީ އެކަލޭގެ ފާނުންގެ އަަމިއްލަ ބަސްފުޅުތަކެއް ނޫންކަމާއި، އަދި އެއީ ކާއިނާތުގެ ވެރި އިލާހު، މުޅި އިންސާނިއްޔަތަށް ބާވާލެއްވި ފޮތެއްކަން މިމަޢުލޫމާތުން އިތުރަށް ޔަޤީންވެއެވެ. މިމަޒްމޫނަށް މަޢުލޫމާތު އެއްކުރުމުގެ ގޮތުން އަޅުގަނޑުކިޔާފައިވާ ފޮތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވުނީ ތިރީގައިވާ ފޮތެވެ.

“Human Development As Described in the Qur’an and Sunnah: Correlation with Modern Ebryology”

މިފޮތުގެ އެކިއެކިބައިތައް ލިޔުއްވާފައިވާ ބޭފުޅުންނަކީ ދެހާހުގެ އަހަރުތަކުަގައި އަދި މިހާރުވެސް،  ބޭސްވެރިކަމުގެ ރޮގުގެ ދިރާސާވެރިންނެވެ. މިބޭފުޅުންގެ ނަންފާހަގަ ކޮށްލުމަކީ މިމަޒްމޫނު އިތުރަށް ފުރިހަމަ ވާނެކަމެއް ކަމުގައި ދެކިގެން އެބޭފުޅުންގެ ނަންތައް ދަންނަވާލާނަމެވެ. މިބޭފުޅުންނަކީ ޢަބުދުލް މަޖީދު އ. ޒިންދާނީ (ކިންގ އަބުދުލް ޢަޒީޒް ޔުނިވާރސިޓީ) ، އ. މާޝަލް ޖޯންސަން (ޖެފާސަން މެޑިކަލް ކޮލެޖް، ފިލަޑެލްފިއާ) ، ޖެރަލްޑް ސީ. ގޯރިންގާ (ޖޯޖް ޓައުން ޔުނިވާރސިޓީ)، ޖޯ ލީ ސިމްސަން (ޔުނިވާރސިޓީ އޮފް ޓެނަސީ)، ކީތް އެލް މޯ (ޔުނިވާރސިޓީ އޮފް ޓޮރޮންޓޯ)، މުސްތަފާ އ. އަޙްމަދު (ކިންގ ޢަބުދުލް އަޒީޒް ޔުނިވާރސިޓީ) އަދި ޓީ. ވީ. އެން. ޕްރަސާދެވެ (ޔުނިވާރސިޓީ އޮފް މޮނިޓޯބާ). ކީތް މޯ ފަދަ ބޭފުޅުން ލިޔުއްވާފައިވާ ފޮތްތައް ބޭސްވެރިކަމުގެ ތަޢުލީމު ދިނުމަށް ބޭނުން ކުރަމުންދެއެވެ. ޔުނިވާރސިޓީ އޮފް އިލިނޮއިސް ގައި މިމައުޟޫއަށް ކީތް މޯ  ލެކްޗާރކޮށްފައިވާ ވީޑިއޯއެއް ޔޫޓިއުބްގައި ވެއެވެ. މި ވީޑިޔޯގައި، އެމްބްރިޔޯނިކް މަރުޙަލާގައިވާ އިންސާނާ، ކީރިތި ޤުރުއާނުގެ سورة المؤمنون 13 އަދި 14 ވަނަ އާޔަތުގައި ސިފަކޮށްދީފައި ގޮތާއި ބޭސްވެރިކަމުގެ ރޮގުން ހޯދިފައިވާ ހޯދުންތަކާއި ކީތް މޯ ގުޅުވާލަދެއްވާތަން ފެނިގެންދެއެވެ. މި މަޒްމޫނު ލިޔުމުގެ އެންމެބޮޑު ޝައުޤެއް އަޅުގަނޑަށް ލިއްބައިދިނީ އެ ވީޑިޔޯ އެވެ.