ވަޤުތު

ވަޤުތަކީ ކޮބާ؟ 

ވަޤުތަކީ ކޮބައި ހެއްޔެވެ؟ އިންސާނުން ދުނިޔޭގައި އުޅެން ފެށީއްސުރެ, ރެޔާއި ދުވާލަށް އަންނަބަދަލު ތަކަކީ, އެބައިމީހުން ވަޤުތު ދަނެގަންނަށް ބޭނުންކުރާ ހާދިސާ ތަކެކެވެ. މިގޮތުން އެބައިމީހުންގެ ދިރިއުޅުމުގެ ޙަރަކާތްތައް، ރޭގަނޑާއި ދުވާލަށް ބަހައިލައިގެން ކުރަމުން އައިސްފައިެއެވެ. އެންމެކުރީގެ އިންސާނުންވެސް ހޮހޮޅަތަކުގައި އުޅުނު ދުވަސްވަރު, ދުވާލުގެ ވަޤުތުތައް ޝިކާރަކުރުމުގައި އާއި ކާބޯތަކެތި އެއްކުރުމުގައި ހޭދަކުރިއެވެ. އަދި އިރުއޮއްސި އަދިރިވުމުން، ހޮހޮޅަތަކަށް ވަދެ ނުރައްކާތެރި ޖަނަވާރުތަކުގެ ކިބައިން ސަލާމަތް ވެވޭނެގޮތްތައް ހޯދުމަށްފަހު، ނިދާ އަރާމުކޮށް އުޅުނެވެ. އިންސާނުން، ދުވާލުގެ ވަޤުތުތައް އެކިދަންފަޅިތަކަށް ބަހާލުމުގައި، އުޑުމަތީން އިރު ފެންނަން ހުންނަ ހިސާބާއި، އުޑުމަށްޗަށް އަންނަ ކުލަތަކަށް ބަލާއުޅުނެވެ. އެގޮތުން ފަތިހާއި ހެދުނާއި މެންދުރާއި އަސުރު އަދި އިރުފުހޭ ވަޤުތާއި އަދިރިވާވަޤުތުތައް ފާހަގަކޮށް އެބައިމީހުން އެކިއެކި ކަންކަންކުރުމަށް ވަޤުތުތައް ކަނޑައަޅަމުން އައެވެ. މުސްލިމުންގެ ނަމާދު ވަޤުތު ބިނާވެފައިވަނީވެސް އޭގެ މައްޗަށެވެ. މިއާއި ޚިލާފަށް ރޭނގަޑުގެ ވަޤުތުގައި ކުރާކަންކަން ހަނދު އަރާ ވަޤުތާއި، މެދުޖެހޭ ވަޤުތާއި އޮއްސޭ ވަޤުތުގެ މައްޗަށް ބިނާކޮށް ރާވަމުން ދިއައެވެ. ހަމަ އެހެންމެ ހަނދުގެ ބައްޓަން ނުވަތަ ފޭސްއަށް އަންނަބަދަލުގެ މައްޗަށް ބިނާކޮށް ހަފްތާއާއި މަސް ގުނަމުންދިޔައެވެ. އަދި އަހަރުގުނުމުގައި ނަކަތްތައް ނުވަތަ ކޮންސްޓިލޭޝަން ވެސް  ހަނަދުގެ އިތުރަށް ބޭނުންކުރަމުން ދިޔައެވެ. އަދި ވިއްސާރަމޫސުމާއި އެހެނިހެން މޫސުމްތައް އަންނަހިސާބު ކުރިއަށް ލައި ލަފާކުރުމަށް މި ނަކަތްތަކުގެ ބޭނުން ހިފަމުން ގެންދިޔައެވެ.

ކުރުކޮށް ދަންނަވާނަމަ ވަޤުތަކީ ދުނިޔޭގެ އަމިއްލަ ދައުރުކުރުމާއި (ރޮޓޭޝަން) އަދި ދުނިޔެ އިރުވަށާ ދައުރު ކުރުމުގެ މުއްދަތުގެ (ރެވެލިއުޝަން) މައްޗަށް ބިނާވެފައިވާ ކޮންސެޕްޓް ނުވަތަ ޚިޔާލެކެވެ. އިންސާނާ ކުރާމަސައްކަތް ގިނަވެ ދިރިއުޅުމަށް އައި ބަދަލުގެ ސަބަބުން ދުވާލާއި ރޭގަނޑުގެ ވަޤުތު ގިނަބަޔަށް ބަހަންޖެހުނެވެ. ވުމާއެކު ގަޑި އާއި ކަލަންޑަރު އުފެދިގެން އައެވެ. ވެއަތުވެ ގަރުނެއްހައި މުއްދަތުގައި ތަފާތު ބާވަތުގެ ގަޑި އުފެދިގެންއައެވެ. މިގޮތުން ސަންޑައިލް އާއި ވޯޓާރ ކްލޮކް ފަދަ ތަކެތިވެސް ބޭނުން ކުރެވުނެވެ. އެންމެފަހުން މެކޭނިކަލް ގަޑި އަދި ޑިޓަލް ގަޑިބޭނުން ކުރަން ފެށުނެވެ. ރޭގަނޑާއި ދުވާލުގެ ވަޤުތު 24 ބަޔަށް ބަހާލައި (24 ގަޑިއިރު) އޭގެ ކޮންމެ ގަޑިއެއް 60 މިނެޓައް އަދި ކޮންމެ މިނެޓެއް 60 ސިކުންތުން ބެހިއެވެ. މި 60 ގެ ފްރެކްޝަން އެންމެ ފުރަތަމަ ތައާރަފްކުރީ ފާރިސީ އެސްޓްރޮނޮމާ އަދި ނެޗުރަލް ސައިންސްގެ ޢިލްމުވެރިއާ އަލް ބައިރޫނީ އެވެ. މިލިސެކްންޑާއި (ސިކުންތެއްގެ އެއް ހައިބައިކުޅަ އެއްބައި) އަދި މައިކްރޯސެކަންޑް (ސިކުންތެއްގެ މިލިޔަން ބައިކުޅައެއްބައި ފަދަ ޑިވިޝަން (ބައިތައް) ތަޢާރަފް ކުރީ މަފަހުންނެވެ. މާފަހަކުންނެވެ. 

ކިޔުއްވި ބޭފުޅުން: 8744