Published: 28 May 2019-17:00 hrs. GMT, 22:00 hrs. Local Time Author: Mohamed Jameel

ކިޔުއްވި ބޭފުޅުން: 10764

ނިއޯ-ޑާވިނިޒަމްވެސް ގޯސް ޙާލަތެއްގައި


ފެށުން

އިންސާނާ އަކީ ﷲ ގެ ވަރަށް ޚާއްސަ މަޚްލޫގެކެވެ. އެކަލާނގެ آدم (عليه السلام) ހެއްދެވުމަށްފަހު މަލާއިކަތުން އެކަލޭގެފާނަށްޓަކައި سجدة އަށް ތިރިވުމަށް އަންގަވާނީ، ﷲގެ ހަޟްރަތުގައި إنسان އާ  ކިހާ ޚާއްސަ ވީމާހެއްޔެވެ؟ އިންސާނާއަކީ އެކަލާނގެ އުފެއްދެވުމެއް ކަމުގައިވާއިރު ވެސްމެއެވެ. އިންސާނާޔަށް ކަންކަން އަމިއްލައަށް ނިންމުމުގެ އިޚްތިޔާރު ދެއްވިއެވެ. ވާހަކަދައްކާށާއި ލިޔާނެގޮތް އުގަންނަވާދެއްވިއެވެ. އޭގެ ޒަރިއްޔާއިން އެކަކަށް ލިބޭ ޢިލްމު އަނެކާއާއި ހަމަޔަށް ވާޞިލްވާނެގޮތް މެދުވެރި ކުރެއްވިއެވެ. ޖަނަވާރުންނާއި ޚިލާފަށް ބުއްދިވެރިކަމާއި ވިސްނުންތެރިކަން ދެއްވިއެވެ.  އެވިސްނުން ބޭނުންކޮށްގެން، ދުނިޔޭގެ ބިމުގެ ވަޞީލަތްތަކުން ދުނިޔެ އާރާސްތު ކުރާނެގޮތް އުގަންނަވައި ދެއްވިއެވެ. ކަނޑުގެ އަޑީގައި އާއި އެއްގަމުގައި އާއި ވައިގެތެރޭގައި އާއި ޖައްވުގައި ދަތުރުފަތުރު ކުރާނެގޮގޮތް އުގަންނަވާދެއްވިއެވެ.

މި މަޒްމޫނަކީ, ޤުރުއާނާއި ސައިންސްގެ މަޒުމޫނުތަކަށް އަނެއްކާވެސް އަޅުގަނޑަށް އިތުރުކޮށްލެވުނު އައު ބޮޅެެކެވެ. މި މައުޟޫޢު އަށް މަޒްމޫނެއް ލިޔަން ހިތުއަޅައި ހުންނަތާ ލައްކަދުވަސް ވުމަށް ފަހު، ގިނަ ހޯދުންތަކުގެ އަލީގައި ލިޔުނު މަޒުމޫނެއްވެސްމެއެވެ. މިމަޒުމޫނުގައި އަޅުގަނޑު އަމާޒުކުރާ ޝަޚްޞިއްޔަތަކީ ޗާލްސް ޑާވިން (1809-1882) އެވެ. އެބޭފުޅާޔަކީ އިނގިރޭސި ނެޗުރަލިސްޓެކެވެ. ނެޗުރަލިސްޓުންނަކީ ޒޫލޮޖީއާއި ބޮޓަނީއަށް ޝައުޤުވެރިކަން ހުންނަ ބޭފުޅުންނެވެ. ޑާވިންގެ ފޮތްތަކަކީ އެފޮތްތައްލިޔުއްވި ދުވަސްވަރު ބަޔޮލޮޖީއަށް ގިނަ މަޢުލޫމާތުތަކެއް ލިއްބައިދިން ފޮތްތަކެކެވެ. ހަމައެއާއިއެކު ބަލިކަށި އަޤީދާގެ ވެރިންގެ ހިތްތަށް އިތުރަށް ގޯސްކޮށްލުމަށް ހުޅުވިގެންދިޔަ ދޮރެއްވެސްމެއެވެ. މީހުންގެމެދުގައި ޚީޔާލުތަފާތުވުން އުފެދުނު، ޑާވިންލިޔުއްވި ފޮތްތަކަކީ، އޭނާގެ ވާހަކަތައް ތެދުކުރި މީހުން އެކަން ޔަޤީންކުރުމަށާއި އޭނާގެ ވާހަކަ ދޮގުކުރި މީހުން އެވާހަކަތަކުގެ ދޮގުކަން ދެއްކުމަށް ގިނަ ދިރާސާތަކެއް ކުރުމަށް މަގުފަހިވި ފޮތްތަކެކެވެ. ނަތީޖާއެއްގެގޮތުން ވޭތުވެދިޔަ ޤަރުނެއްހާ މުއްދަތުގެތެރޭގައި ސައިންސްގެ ޢިލްމުން، ޚާއްސަކޮށް ބަޔޮލޮޖީއާއި ގުޅުންހުރި ރޮގުތަކުން ކުރިއެރުންތައް ލިބިގެން ދިޔައެވެ.