ގަނޑުފެނުގެ ޒަމާންތަކާއި ދުނިޔެ ހޫނުވުމާއި އެކު ރާއްޖޭގެ އަތޮޅުތަކާއި ފަރުތައް އުފެދެމުން ބަދަލުވަމުން ދާގޮތް

މުޙައްމަދު ޖަމީލް (25 އޯގަސްޓް 2021)

ޚުލާސާ:

ދިވެހިރާއްޖޭގެ އަތޮޅުތައް އުފެދިފައިވަނީ އިންޑިޔާ ކަނޑުގައި, އުތުރުން ދެކުނަށް ދަމާލެވިފައިވާ އަލިފާން ފަރުބަދައެއްގެ މަތީގައި އޮތް ކާބޮނިކް ޕްލެޓްފޯމެއްގެ މަތީގައެވެ. ބުރުޖު ޚަލީފާއަށްވުރެ 3 ގުނަ އުސް، މި 2.2 ކިލޯމީޓަރުގެ ކާބޮނިކް ޕްލެޓްފޯމްގެ ބިންގަލަކީ މިހާރު ހަރަކާތްތެރިނުވާ 55 މިލިޔަން އަހަރު ކުރީގެ އަލިފާން ފަރުބަދައެކެވެ. މި ފަރުބަދަ މަތީ އުފެދިފައިވާ އެހެން ޖަޒީރާތަކަކީ ލެކަޑިވްގެ ޖަޒީރާތަކަކާއި ޗާގޯސްގެ ޖަޒީރާތަކެވެ.  މިވޭތުވެދިޔަ ދިގުމާޒީގައި މަދުނަ މަވެސް ގަނޑުފެނުގެ ޒަމާންތަކެއް މިފަރުތައް ތަޖުރިބާކޮށްފައި ވާނޭ ކަން ކަށަވަރެވެ. ސައިންސްވެރިން ބުނާ ގޮތުގައި 4.543 ބިލިޔަން އަހަރުގެ މި ދުނިޔެއަށް ވޭތުވެދިޔަ 3 ބިލިޔަން އަހަރުގެ މާޒީގައި ބިޔަ 5 ނުވަތަ 6 ގަނޑުފެނުގެ ޒަމާން އައިސްފައި ވެއެވެ. އަދި މީގެ ކޮންމެ ޒަމާނެއްގައި ހޫނު ދުވަސްވަރު (އިންޓަރ ގްލޭޝިއަލް ޕީރިއަޑްސް) ތަކަކާއި ގަނޑުފެނުގެ ދުވަސްވަރުތަކެއް (ގްލޭޝިއަލް ޕީރިއަޑް) އާދެއެވެ. މާނަޔަކީ ކުދިކުދި އައިސް އޭޖް ނުވަތަ ގަނޑުފެނުގެ ޒަމާންތަކެއް އާދެއެވެ. ދުނިޔޭގައި އިންސާނުން (ހޯމޯ ސެޕިއަންސް) އުޅެން ފެށީއްސުރެ، ވެއަތުވެ ދިޔަ 200،000 އަހަރުގައި ދެ ގަނޑުފެނުގެ ޒަމާން ތަޖުރިބާ ކޮށްފައި ވެއެވެ. ޑާވިންގެ އަތޮޅުތައް އުފެދޭ ތިއަރީ ބުނާގޮތުން ކަނޑުމަތިން ފެންނަން ހުންނަ އަލިފާން ފަރުބަދައިގެ ވަށައިގެން ބެރިއާރ ރީފްއެއް (ނުވަތަ އަތޮޅުގެ ބޭރުފަރު) ފުރަތަމަ އުފެދެއެވެ. ދެން އަލިފާން ފަރުބަދަ އަޑިޔަށްދާ ވަރަކަށް މުރަކަފަރު ހުފެދެމެން މައްޗަށް އަރަމުން ދެއެވެ. އަދި ފަރުބަދަ އެއްކޮށް އަޑިޔަށް ދިޔުމުން އަތޮޅާއި އެތެރެވަރި އުފެދެއެވެ. ޑާވިންގެ ދުވަސް ވަރު ކަނޑުގެ ލެވެލްއަށް ބަދަލު އަންނަކަން އެގިފައި ނެތެވެ. މުރަކަޔަކީ، އެ ހެދޭނޭ ފުރިހަމަ މާޙައުލެއް ލިބިއްޖެނަމަ މަތި ފަތާ ޕްލެޓްފޯމް ތަކުގައި އާއި ތަފާތު ބައްޓަންތައް ހުންނަ ތަންތަނުގައި ވަކި ތިލަމިނެއްގައި ރަނގަޅަށް ހެދޭ އެއްޗެކެވެ. ފަހުގެ ދިރާސާތަކަށް ބަލާއިރު ރާއްޖޭގެ ރަށްތައް އުފެދިފައިވަނީ މުޅިން ޑާވިން ތިއަރީ ބުނާ ގޮތަށް ނޫންކަން މިހާރު ސައިންޓިސްޓުން ޤަބޫލުކުރެއެވެ.

މި މަޒްމޫނުގައި އަޅުގަނޑު އަލި އަޅުވާލާފައި ވަނީ ވެއަތުވެދިޔަ 2 ގަނޑުފެނުގެ ޒަމާނާއި އޭގެފަހުން ދުނިޔެ ހޫނުވި ހޫނުވުމާއި ގުޅިގެން، ދިވެހިރާއްޖޭގެ ފަރުތައް އުފެދި މަރުވާގޮތާއި މުސްތަޤްބަލަށް ދިވެހިންނަށް އޮތް ގޮންޖެހުންތަކުގެ މައްޗަށެވެ. އަޅުގަނޑުގެ އުއްމީދަކީ މި މަޒްމޫނަކީ ވެސް ކިޔުންތެރިންނަށް ކަމުދާނޭ މަޒްމޫނަކަށް ވުމެވެ. މި މަޒްމޫނާއި ގުޅުން ހުރި ކުރީގެ މަޒްމޫނަކީ “އަލިފާން ފަރުބަދަތަކުގެ މަތީގައި އޮތް ޖަޒީރާތައް: ދިވެހިރާއްޖޭގެ ޖިއޮލޮޖީއަށް ކުރުބަލާލުމެއް” އެވެ.

1 ކަނޑުގެ ލޮނުގަނޑު އުސްމިނަށް އަންނަ ބަދަލު

ބްލާޓްލާ، ހިގިންސް އަދި ސްވާރޓް، (2019) ދިވެހިރާއްޖޭގެ ކަނޑުގެ އަޑިން ތޮރުފައިގެން ނެގި ލައިމްސްޓޯން ސެޑިމެންޓް ކޯތަކަށް ބިނާކޮށް ހެދި ދިރާސާއެއްގައި، މީގެ 20،000 އަހަރުގެ ކުރިން އައި އެންމެފަހުގެ ގަނޑުފެނުގެ ޒަމާނުގެ ނީޝާންތައް ވަނީ ހޯދާފައެވެ. މި ދިރާސާއިން  ފެނިފައިވަނީ އެ ދުވަސްވަރު ކަނޑުގެ ލޮނުކަން މިހާރުގެ އިންޑިޔާ ކަނޑާއި އަޅާބަލާއިރު މަތިކަމުގައެވެ . ކަނޑުގެ ލޮނުކަން ގަދަނަމަ ދުނިޔޭގައިވާ ގިނަފެން ގަނޑުފެނުގެ ގޮތުގައި އެއްގަމާއި ކަނޑުގައި ވަނީއެވެ. މި ގަނޑުފެނުގެ ޒަމާން ނިމި މި ވޭތުވެދިޔަ 20،000 އަހަރުތެރޭ ދުނިޔެ ހޫނުވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން އެއްގަމާއި ކަނޑުގައިވާ ގަނޑުފެން ވިރި ކަނޑަށް އެޅެމުންދެއެވެ. އަދި އޭގެ އިތުރަށް ހޫނުކަމުގެ ސަބަބުން ވެސް ކަނޑު ބޮޑުވަމުން ދެއެވެ. މިހާ ހިސާބަށް ކަނޑުގެ ލޮނުގަނޑު ވަނީ އެންމެ ފަހުގެ ގަނޑުފެނުގެ ޒަމާނުގައި ހުރިވަރަށްވުރެ 400 ފޫޓު (120 މީޓަރު) އުސްވެފައެވެ. އެއާއިއެކު ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ފަރުތައް ވެސް އުފެދެމުން މިހާހިސާބަށް އައިސްފައި ވެއެވެ. އެކަން އެގޮތަށް ވެފައި ނުވާނަމަ މި ޖަޒީރާތަކެއް ވުޖޫދުގައި މިއަދު ނުވީސްކަން ކަށަވަރެވެ. އެންމެފަހުން ކަނޑުގެ ލެވެލް މަތިވާން ފެށިއިރު، ފުރަތަމަ 7000 އަހަރުގައި ގަރުނަކުން 10 ފޫޓު ވަރަށް އުސްވަމުން އައިސް ވެއަތުވެދި 2000 އަހަރުގައި މަޑުމަޑުން އުސްވެފައި މިހާރު އުސްވަމުންދަނީ ވެއަތުވެދިޔަ 6000 އަހަރު އުސްވި ވަރަށްވުރެ ވެސް މާ އަވަސް މިނެއްގައެވެ (އޯޝަން، 2018). 

ވެއަތުވެދިޔަ 400،000 އަހަރުތެރޭ ދުނިޔޭގެ ހޫނުމިނަށް އައިސްފައިވާ ބަދަލު

2 ދުނިޔޭގެ ދައުރުކުރުމަށް އަންނަބަދުލުގެ ސަބަބުން ދުނިޔެ ހޫނުވެ ފިނިވުން

ވެއަތުވެ މާޒީގައި ދުނިޔޭގެ މޫސުމަށް އައިސްފައިވާ ބަދަލުތައް ދަނެގަންނަން ސައިންސްވެރިން ބަލަނީ ކަނޑުގެ އަޑީގައި ހުންނަ ސެޑިމެންޓާއި މުރަކަ ފަރުތަކާއި އެއްގަމުގައި މަޑުމަޑުން ހަރަކާތްތެރިވާ ބޮޑެތި ގަނޑުފެނާއި (ގްލޭސިއާރ) ފަރުބަދަތަކުގެ ކުރީގައި ހުންނަ ގަނޑުފެނާއި (އައިސް ކެޕްސް) ގަސްގަހުގެ މައިގަނޑުގައި އުފެދޭ ރިންގް ފަދަ ތަކެތީގައި ޤުދުރަތީގޮތުން ރައްކާކުރެވިފައިވާ މައުލޫމާތުތަކެވެ. ދުނިޔޭގެ އެންމެ ގިނައިން ގަނޑުފެން ހުންނަތަން ކަމަށްވާ އެންޓާޓިކާގައި ހަދާފައިވާ ރަޝިޔާގެ ވޮސްޓޮކް ސްޓޭޝަންގައި އެމެރިކާއާއި ފަރަންސޭސީ ވިލާތާއި ރަޝިއާ އާއި ގުޅިގެން، 3623 މީޓަރު އަޑިން ނެގި އައިސްކޯއިން ފެނިފައިވަނީ އެންޓާޓިކާގެ ފިނިހޫނުމިނާއި ވައިގެތެރޭ ކާބަން ޑައިއޮކްސައިޑް ހުންނަ މިންވަރާއި ގުޅުން ހުންނަކަމެވެ (ބާނޮލާ އާއި ބައިވެރިން، 1987).

3 ދުނިޔެއަށް ހޫނު ދުވަސްވަރުތަކާއި ގަނޑުފެނުގެ ދުވަސްތައް އަންނަ ބައެއް ސަބަބުތައް 

1. މިލާންކޮވިޗް ސައިކަލް: މިއީ ދުނިޔެ އިރުވަށައި ދައުރުކުރާއިރު އޯބިޓުގެ ބައްޓަމަށް އަންނަ ބަދަލު (އެސެންޓްރިސިޓީ) ގެ ސަބަބުން އިރާއި ދުނިޔެ އާއި ދެމެދުގެ ދުރުމިނަށް ބަދަލުއައިސް ދުނިޔޭގެ ފިނިހޫނުމިނަށް ބަދަލު އަންނަ އައުމެވެ. މި ބަދަލުތައް ތަކުރާރުވަނީ ކޮންމެ 100،000 އަހަރުއްގެ ތެރޭގައެވެ. މީގެ ސަބަބުން 4 މޫސުމް އަންނަ ޤައުމަތަކަށް މޫސުންތަކުގެ ދުވަހުގެ އަދަދުދުތަކަށް ވެސް ފަރަގު އާދެއެވެ.


2. ދުނިޔެ އިރުވަށައި ދައުރު ކުރާއިރު ކަތިވެފައިވާ އެންގަލަށް އަންނަ ބަދަލު (އޮބްލިކުއިޓީ) ގެ ސަބަބުން އަހަރުގެ ތެރޭ ދެ ހެމިސްފިއާއަށް ލިބޭ ހޫނުކަމަށް ފަރަގު އާދެއެވެ. މިގޮތުން މި ކަތި އެންގަލް 22.1 ޑިގްރީއާއި 24.5 ޑިގްރީއާއި ދެމެދު އަހަރުތެރޭ ބަދަލުވަމުން ދެއެވެ.

3. ދުނިޔެ އެނބުރޭ އިރު އިރާއި ހަނދުގެ ދަމާބާރުގެ ސަބަބުން އެއްލޭ އެއްލުމުގެ (ޕްރިސިޝަން) ސަބަބުން ދުނިޔޭގެ އެކި ސަރަހައްދުތަކަށް އިރުން ލިބޭ ހޫނުކަމަށް ބަދަލު އާދެއެވެ. މިގޮތުން މި ބަދަލު ކޮންމެ 25،771.5 އަހަރަކުން ތަކުރާރުވެއެވެ.

4 ގްރީން ހައުސް ގޭހުގެ ސަބަބުން ދުނިޔެ ހޫނުވެ ފިނިވުން
ދިރޭތަކެތި ދުނިޔޭގައި އުޅުމަށް ދުނިޔޭގެ ހޫނުކަން ވަކިމިންވަރެއްގެ ތެރޭ ހުންނަންޖެހެއެވެ. މިގޮތުން އިރުން އަންނަ ހޫނުކަން ދުނިޔޭގެ ވައިގެ ފަށަލައިގައި އެކުލެވިގެންވާ ގްރީންހައުސް ގޭސް ހިފަހައްޓައެވެ. ދުވާލުގެ ވަޤުތުތަކުގައި މިވައިގެ ފަށަލަ ހުރަސްކޮށް އަންނަ ހޫނުކަން ދުނިޔޭގެ ބިމަށް ލިބެއެވެ. އަދި ރޭގަނޑު ދުނިޔޭގެ ބިން ފިނިވާއިރު ދޫކޮށްލާ ހޫނުކަމުގެ ބައެއް މި ގްރީން ހައުސް ގޭސްތައް (ޙާއްސަކޮށް ކާބަންޑައި އޮކްސައިޑް) ނަގައެެވެ. މިހެންވުމުން ދުނިޔޭގެ އެވްރެޖް ހޫނުމިން 14 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓެއެވެ. އެހެނަސް ޕެޓްރޯލާއި ޑީސަލް އާއި ކޯލްފަދަ ފޮޒިލް ފިއުލް ބޭނުންކުރުމުންނާއި ގަސްގަސް ކެނޑުމުން ވައިގެ ފަށައިލައިގައި ގްރީންހައުސް ގޭސް ހުންނަމިންވަރު ބަދަލުވެ މައްޗަށްދެއެވެ. މީގެ އިތުރުން ދުނިޔޭގެ ރޮޓޭޝަނަށާއި ރެވެލިއުޝަނަށް އަންނަ ބަދަލުގެ ސަބަބުން ދެކުނު ހެމިސްފިޔާގައިވާ ކަނޑުތައް ހޫނުވުމުން ކާބަން ޑައިއޮކްސައިޑް ފެނާއި އެކުވާ މިންވަރުދައްވެ އެޓްމޮސްފިޔާގައި ކާބަން ޑައިއޮކްސައިޑް އިތުރުވެއެވެ.


5 ކަނޑުގެ ލެވެލް އުސްވަމުންދާއިރު ރާއްޖޭގެ ފަރުތައް ހެދޭ ހެދުން

ރާއްޖޭގެ ފަރުތަކާއި އަތޮޅުތަކުގެ އެތެރެވަރި ޑްރިލްކޮށްގެން ނަގާފައިވާ ސާމްޕަލްތައް ބޭނުންކޮށްގެން ހަދާފައިވާ ދިރާސާތަކުން ވަރަށް މުހިއްމު މައުލޫމާުތުތަކެއް ލިބިފައިވެއެވެ. އަޅުގަނޑު ބެލި ދިރާސާ ކަރުދާސްތަކުން ދެ ގަނޑުފެނުގެ ޒަމާނުގެ ފަހުން ކަނޑުގެ ލެވެލް މަތިވަމުން އައި އިރު އުފެދިފައިވާ ފަރުތަކެއް ފެނިފައިވެއެވެ. ގަނޑުފެނުގެ ޒަމާނުގެ ތެރޭ ކަނޑުގެ ލެވެލް ތިރިވަމުންދާއިރު ފަރުތައް ވައިގެތެރެއަށް ހާމަވަމުން ދެއެވެ. ކަނޑުގެ ލެވެލް އެންމެ ތިރިކޮށް ހުންނައިރު އަތޮޅުތައް އުފެދިފައިވާ ކާބޮނިކް ޕްލެޓްފޯމްތައް ފަރުބަދަ ތަކެއްފަދައިން ކަނޑުން މައްޗަށް އުފުލެއެވެ. އަދި އަތްވާ ވާރޭގެ ސަބަބުން މި ލައިމްސްޓޯން ޕްލެޓްފޯމްތައް ގިރި އަތޮޅުގެ މެދަށް އެޅޭ ފެން މިހާރު މިފެންނަ ކަނޑުއޮޅިތަކުން ވޯޓާރ ފޯލްތަކުގެ ގޮތުގައި ކަނޑަށް ބޭރުވެއެވެ.

6 ކަނޑުގެ އަޑީގައިވާ ކުރީގެ ފަރުތަކަކީ އަޑިޔަށް ގޮސްފައިވާ ރަށްތަކެއް ނިޝާންތަކެއްބާ؟ 

ހެދިފައިވާ ދިރާސާ ތަކުން ކަނޑުގެ އަޑީގައިވާ އެންމެ ފަހުގެ ދެގަނޑުފެނުގެ ޒަމާނުގެ ފަރުތަކެއް ދިވެހިރާއްޖެއިން ފެނިފައިވެއެވެ. ފަހަރުގައި މީގެ ބައެއް ފަރުތަކުގައި މިހާރު ރާއްޖޭގައި ފެންނަން މިހިރަ ފަދަ ޖަޒީރާ ރަށްތަކެއް ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. ވެއަތުވެ ދިޔަ އެތައް ހާސް ހަރުތެރޭގައި ރާއްޖޭގެ ބޭސްމަންޓް މަޑުމަޑުން އަޑިޔަށް ދިޔައިރު އަދި އައިސް އޭޖްގެ ފަހުން ކަނޑުގެ ލެވަލްއަށް އައި ބަދަލުގެ ސަބަބުން އެތަންތަން ވަނީ އަޑިޔަށް ގޮސްފައެވެ. އަދި މިހާރު މިހިރަ ފަރުތަކާއި ރަށްތަކަކީ އޭގެ މަތީގައި އުފެދިފައިވާ ތަންތަނެވެ.  

މާޅޮސްމަޑުލު ދެކުނުބުރީ ފުނަދޫ ފަރާއި ހުޅުދޫފަރު ތޮރުފައިގެން ހެދި ދިރާސާއެއްގައި ގާތްގަޑަކަށް 129 ހާސް އަހަރާއި 115 ހާސް އަހަރާއި ދެމެދު އުފެދިފައިވާ ފަރެއް ފެނިފައިވެއެވެ (ކެންޗް، ސްމިތާސް، މެކްލީސް އަދި ނޮކޯލް، 2009). މިފަރަކީ އެންމެފަހުގެ ގަނޑުފެނުގެ ޒަމާނުގެ ކުރީގެ ޒަމާން ނިމި ކަނޑުގެ ލެވެލް އުސްވާން ފެށުމުން އުފެދިފައިވާ ފަރެކެވެ. ތިރީގައިވާ ގްރާފް ބެއްލެވުން އެކަން ރަނގަޅަށް ފާހަގަވާނެއެވެ.

 

ވޭތުވެދިޔަ 200،000 އަހަރުގައި ކަނޑުގެ ލެވެލްއަށް ބަދަލު- ސޯސް: އީ-އެޑިޔުކޭޝަން

ރޯވަރު، ޚައްނާ، ބިއަންޗި، ޑޮކްސްލާ، މޯރީ އަދި ނާރު (2018) ވެސް ރާއްޖޭގެ 7 އަތޮޅެއްގެ 112 ސްކޫބާ ޑައިވިން ސައިޓްތަކާއި މާލެވަށައި ހަދާފައިވާ މަލްޓިބީމް ސާވޭގެ ނަތީޖާތައް ބޭނުންކޮށްގެން ހެދި ދިރާސާއިން 120 މީޓަރު އަޑިން ކަނޑު އަޑިޔަށް ގޮސްފައިވާ މަތިމައްޗަށް 6 ލޭޔަރު ހިމެނިފައިވާ ފަރެއް (ރީފް ޓްރެސަސްއެއް) ފެނިފައި ވެއެވެ. މިފަރަކީވެސް ކުރިން ދެންނެވި ދުވަސްވަރުގެ ފަރެކެވެ.

މިހާރު އަޅުގަނޑުމެންނަށް ފެންނަން މިހިރަ ފަރުތަކަކީ އެންމެ ފަހުން އައި އައިސްއޭޖް (20،000 އަހަރުކުރީގެ) ނިމިގެން ކަނޑުގެ ލެވަލް މަތިވަމުން އައި އިރު އުފެދުނު ފަރުތަކެވެ. މިސާލަކަށް ހަޑްސަން އަދި ޕިސެރާ (2008) ގެ ދިރާސާއިން ދައްކާފައިވައިވާ ގޮތުގައި އ.އ. ރަސްދޫ އުފެދިފައި އޮތް އަތޮޅުގެ މިހާރުއޮތް ފަރު (ހޮލޮސީންގެ ދުވަސްވަރުގެ) އުފެދެން ފަށައިފައިވަނީ މީގެ 8500 އަހަރުކުރިންނެވެ.  މިފަރުގެ ބޯމިން 14.5 -22 މީޓަރާއި ދެމެދު ހުރިކަމަށް މި ދިރާސާއިން ދައްކާފައިވެއެވެ. މިހާރު ރާއްޖޭގައި މިހިރަ ޖަޒީރާތައް އުފެދިފައިވަނީ 5500 އަހަރާއި 4500 އަހަރާއި ދެމެދުގައި ހޮލޮސީންގެ ދުވަސްވަރު ފަރުތަކަށް އަނެއްކާވެސް ލޮނުއަރާ އުފެދެން ފެށުމުންކަމުގައި މެކްލީސް އަދި ނޮކޯލް (2009) ފާހަގަ ކުރައްވާފައިވެއެވެ.


7 ރާއްޖޭގެ ފަރުތައް އުފެދޭ ގޮތްތައް ކަމަށް ބުނާ ބައެއް ގޮތްތައް

އެންމެފަހުގެ ދިރާސާ ހޯދުންތަކަށް ބުރަވާއިރު ސައިންސްވެރިން ވިދާޅުވަނީ ދިވެހިރާއްޖޭގެ އަތޮޅުތައް އުފެދިފައިވަނީ ސީދާ ޑާވިން ވިދާޅުވާގޮތައް ނޫންކަމެވެ. އިންޑިޔާކަނޑާއި ޕެސިފިކް ކަނޑުގައި ހެދިފައިވާ އެހެންމީހުންގެ އަދި އަދި އަމިއްލަ ދިރާސާތަކަށް ބިނާކޮށް ޓެކްސަސް ރައިސް ޔުނިވާރސިޓީ ކުރީގެ ޖިއޮލޮޖިސްޓް އެންޑްރީ ޑްރޮކްސްލާ އާއި ފްރެންޗް ރިސާޗްއިންސްޓިޓިއުޓް ފޯ އެކްސްޕްލޮއިޓޭޝަންގެ ސްޓެފަން ޖެރީީ އެނުއަލް ރިވިއު އޮފް މެރިންސައިންސަށް 2020 ސެޕްޓެމްބަރުގައި ކާސްޓް މޮޑަލް ބޭނުންކުރައްވައިގެން ލިއުއްވި ޕޭޕަރުގައި ދުނިޔޭގެ ދައުރުކުރުމާއި އޯބިޓަށް އަންނަ ބަދަލުން ކޮންމެ 100000 އަހަރަކުން ކުރިމަތިވާ އައިސް އޭޖާއި ކަނޑުގެ ލެވަލް އަންނަބަދަލު ދިވެހިރާއްޖޭގެ އަތޮޅުތައް އުފެދުމާއި ގުޅުވާފައިވެއެވެ. މި ބޭފުޅުންގެ ތިއަރީގައި ވާގޮތުން ރާއްޖޭގެ ރަށްތައް އުފެދެން ފަށައިފައިވަނީ 55 މިލިޔަން އަހަރުކުރީގައި އިންޑިޔާކަނޑުގެ އަޑީގައި އުފެދުނު “ޗާގޯސް ލެކެޑިވް ރިޖް” ގެ މަތީގައެވެ. ހާރެއްގެ ސިފަޔަށް އުތުރުން ދެކުނަށް ފެތުރިފައިވާ ދިވެހިރާއްޖޭގެ އަތޮޅުތަކުގެ މެދުގައިވަނީ ދެބަރިއަށް ހުންނަ އަތޮޅުތަކެކެވެ. 

ޑާވިން ވިދާޅުވިގޮތަށް މި އަލިފާން ފަރުބަދަ ފެނުގެ އަޑިޔަށް ދިޔައިރު މުރަކައާއި ކަނޑުގައި ދިރިއުޅޭ ފްލެންކްޓަން ފަދަ ދިރޭތަކެތީގެ ތޮށި (ކާބޮނިކް ސެޑިމެންޓް) މީގެ 48-38 މިލިޔަން އަހަރާއި ދެމެދު، އިއޮސީން ގެ ދުވަސްވަރު މި ފަރުބަދައިގެ މައްޗަށް (ރިޖަށް) އެޅި މަސްއުނި ބައްޓަންތަކަކަށް ހުރި ކާބޮނިކް ޕްލެޓްފޯމް ތަކެއް އުފެދެން ފެށިއެވެ. ދެން އައި ގަނޑުފެނުގެ ޒަމާނުގައި ކަނޑުގެ ލެވެލް ގާތްގަޑަކަށް 135 ވަރަކަށް މީޓަރަށް ތިރިވެ ކުރިން އުފެދުނު ކާބަނިކް ޕްލެޓްފޯމްތައް ވައިގެ ތެރެއަށް ހާމަވީއިރު އަތްވާ ވާރޭގެ ސަބަބުން ގިރި ތައްޓެއްހެން މެދަށް އަޑިވެ އަރިމަތި އުސްވިއެވެ. އަދި މި މެދަށް އެޅޭފެން އަރިމަތިން ތަންތަންގަޑުން ގިރިގެން ވޯޓާރ ފޯލްތަކަކުން ފެންފައިބާހެން ކަނޑަށް އެޅެމުން ދިޔައެވެ. ދެން ކަނޑުގެ ލޮނުގަނޑު މަތިވެ މިތަންތަނަށް ލޮނުއަރަން ފެށުމުން އިރުގެ އަލީގެ އެހީއާއި އެކު އެ ޕްލެޓްފޯމްތަކުގައި މުރަކަ އާލަވަމުން މައްޗަށް އަރަމުން ދިޔައެވެ. އަދި ރާޅާއި އޮއިވަރުގެ ސަބަބުން މި ޕްލެޓްފޯމްތަކުގެ އަރިމަތީ މުރަކަ ހެދުން މެދަށްވުރެ އަވަސްވަމުން ދިއައެވެ. މިދެންނެވި ގޮތަށް މިޕްލެޓްފޯމްތައް ކަނޑަށްވުރެ މައްޗަށް ހިއްލުނެވެ. އަދި ކުރިން ވީފަދައިން އަތްވާއި ވާރޭގެ ސަބަބުން މަރުވި ފަރުތައް ގިރުން ތަކުރާރުވިއެވެ. މިގޮތަށް ކޮންމެ ގަނޑުފެނުގެ ޒަމާނަކާއި ގުޅިގެން މިކަން ތަކުރާރުވަމުން ދިއައެވެ. ވުމާއެކު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެއަތުވެދިޔަ 500،000 އަހަރުގައި ކަނޑުގެ ލެވެލްއަށް އަންނަމުން ދިޔަ ބަދަލުގެ ސަބަބުން އަތޮޅުތައް އުފެދިގެން އައެވެ. 

ބްރިޓިޝް އެޑްމިރަލްޓީ ޗާޓްތަކުވައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ފުންމިނުގެ ސައުންޑިންބޭނުންކޮށްގެން ޕޯލް (2014) ތައްޔާރުކޮށްފައިވާ 3 ޑީ ކުރެހުމެއް. 

ރާއްޖޭގެ މެދުގައި އޮންނަ ދެ ބަރިއަށް އޮންނަ އަތޮޅުތައް އުފެދިފައިވާ ސަރަހައްދު އޮންނަގޮތުން ދުނިޔޭގެ ގިނަ ޖިޔޮލޮޖިސްޓުންގެ ޚާއްސަ ސަމާލުކަމެއް ދިވެހިރާއްޖޭގެ ކާބޮނިކް ސިސްޓަމްއަށް ލިބިފައިވެއެވެ. މިއަތޮޅުތައް އުފެދިފައި ވާތަން ފެންނަނީ ރާއްޖޭގެ ދެކުނުގެ އެހެން އަތޮޅުތަކާއި ޚިލާފަށް ވަރަށްބޮޑު ޕްލެޓްފޯމެއްގެ މަތީގައެވެ. މި ދެ ބަރީގެ އަތޮޅުތަކުގެ ދޭތެރޭ ކަނޑު އޮޅިތަކެއް ހުރެފައި ދެބަރީގެ ދެމެދުގައި ތިލަ އެތެރެ ކަނޑެއްވެއެވެ. މިހާރު ޤަބޫލުކުރެވޭ ގޮތުގައި މި އެތެރެކަނޑު މިގޮތަށް ތިލަވެފައިވަނީ އިރުވައި މޫސުމާއި ހުޅަނގު މޫސުމުގެ  ސަބަބުން ކަނޑުގައި އުފެދޭ އޮއިވަރު ދިވަހިރާއްޖެ ހުރަސްކުރާއިރު އެއޮއިވަރާއެކު އެޅުނު ސެޑިމެންޓުންނެވެ. ބައެއް ސައިންޓިސްޓުން ޤަބޫލު ކުރާގޮތުގައި މިއޮސީންގެ (15.97-11:61 މިލަޔަން އަހަރު) ދުވަސްވަރު މި ދެބަރީގެ އަތޮޅުތައް މިހާރު މިއޮތްތަނުގައި އޮތީ މެދަށް އަޑިކޮށް (ރިމްޑް) އޮތް ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް އިންޑިޔާކަނޑާއި ގުޅިފައި އޮތީ ކާށިދޫ ކަނޑުންނެވެ. އަތޮޅުތައް އުފެދުނު ދުވަސްވަރު ކަނޑުގެ އަޑީގައި އުފެދުނު އޮއިވަރުގެ ސަބަބުން ބޮޑު ޕްލެޓްފޯމުގައި އުފެދިފައިވާ ކެނޑުންތައް ބޮޑަށް ގިރައިގެންގޮސް ބައިބައިވެ ވަކިވަކި އަތޮޅުތަކަށްވިއެވެ. މި ދެންނެވި ގޮތަށް ބޮޑުޕްލެޓްފޯމު ގިރައިގެންގޮސް އުފެދުނު ސެޑިމެންޓްވެސް ރާއްޖޭގެ އެތެރޭ ކަނޑަށް އެޅުނެވެ. ރާއްޖޭގެ ޕްލެޓްފޯމް މިހާތަނަށް ޖަމާވެފައިވާ ސެޑިމެންޓްގައި 12 މިލިޔަން އަހަރު މޫސުމަށް އައި ބަދަލުތަކުގެ ރެކޯޑް ވެއެވެ. އަދި އިރުވައި މޫސުމާއި ހުޅަނގު މޫސުން ފެށުމުގެ ކުރިން މިސެޑިމެންޓްތަކުގެ އަޑީގައި ކުރީ އެތެރޭކަނޑާއި ވީފަރާތުގެ ފަރުތައްވެސް މިހާރުވަނީ ވަޅުލެވި ފޮރުވިފައިވެއެވެ. (އައި. އޯ.ޑީ.ޕީ، 2015)


8 މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކާއި އެބަދަލުތަކަށް ހޭނިގެން ދިރިއުޅުން

 ދުނިޔެ ހޫނުވުމާއި ގަނޑުފެނުގެ ޒަމާން އައުމާއި ކަނޑުގެ ލެވެލް މަތިވުމަކީ ދުނިޔޭގެ ޤުދުރަތީ މޫސުމީ ބުރު (ސައިކަލް) ގެ ބައެކެވެ. އަދި ދިވެހިރާއްޖޭގެ ފަރުތަކުގެ ދިރުމާ ސީދާ ގުޅި ލާމެހިފައިވާ ކަމެކެވެ. ގަނޑުފެނުގެ ޒަމާންތައް އައުމާއި ކަނޑުގެ ލެވަލްއަށް ގުދުރަތީގޮތުން އަންނަ ބަދަލުތަކަކީ އަޅުގަނޑުމެންނަށް މުޅިން ކޮންޓްރޯލް ކުރެވޭނެ ކަންކަމެއް ނޫނެވެ. ނަމަވެސް އިންސާނުން ކުރާކަންކަމުގެ ސަބަބުން ޤުދުރަތީގޮތުން މޫސުމަށް އަންނަބަދަލުތަކަށް އަންނަ ނޭދެވޭ އަސަރުތަކުގެ ސަބަބުން ދިމާވާ މައްސަލަތަކާއި އަޅުގަނޑުމެން ކުރިމަތިލާން ޖެހެއެވެ. މިގޮތުން އިންސާނުން އެކިއެކި ޢަމަލުތަކާއި ގުޅިގެން ޖައްވަށް އިތުރުވާ ގްރީން ހައުސް ގޭހުގެ ސަބަބުުން ޤުދުރަތީގޮތުން ދުނިޔެ ހޫނުވާންޖެހޭ މިންވަރަށްވުރެ އަވަހަށް ހޫނުވެ އެއްގަމާއި ކަނޑުގައި ހުރި ގަނޑުފެން ދަނީ އަވަހަށް ވިރެމުންނެވެ. މިއާއި އެކު ކަނޑުގެ ލެވެލް އުސްވުން ވެސް އަންނަނީ އަވަސްވަމުންނެވެ. ގުދުރަތީގޮތުން ފަރުތައް އުފެދެމުން އަންނަ ސްޕީޑަށްވުރެ އަވަހަށް ކަނޑުގެ ލެވެލް އުސްވަމުންދާނަމަ އެއީ ރާއްޖޭގެ ރަށްތައް ގިރުމާއި އުދައެރުން އިތުރުވެގެންދާނެ ކަމެކެވެ. ރާއްޖޭގެ ރަށްތަކަކީ ޤުދުރަތީ ގޮތުން ވޮޑުމާއި ގިރުން އެކުލެވިފައިވާ ޖަޒީރާތަކެއް ކަމުގައި ވިޔަސް މީހުން ދިރިއުޅޭ ރައްތަކުގައި ރާޅު އެރުމާއި ގިރުމުން ހިމާޔަތް ކުރަން ލެވިފައިވާ ތޮށިމަތިން އެއްގަމަށް ލޮނުއަރާނަމަ ބޮޑެތި ގެއްލުމާ ކުރިމަތި ލާންޖެހޭނެއެވެ. އަދި މިކަން އާންމުވަމުން ދާނަމަ މި ޖަޒީރާ ރަށްތަކުގައި ދިރިއުޅުމަކީ މުސްތަޤްބަލްގައި ބޮޑު ގޮންޖެހުމަކަށް ވެގެންދާނެއެވެ. މާލެޔާއި ހުޅުމާލެފަދަ ރާއްޖޭގެ ބޮޑެތި އިންވެސްޓްްމަންޓްތައް ކުރެވިފައިވާ ރަށްރަށުގައި ހަދާފައިވާ މަޤުތަކަށާއި ބިން ބިމަށް ފަސްއަޅާ އުސްކުރަން މަޖުބޫރުވާ ހިސާބަށް ކަންކަން ދިޔުން ވެސް ދުރެއްނޫނެވެ. އަދި މިގޮތަށް ގެނެވޭ ވަޤުތީ ޙައްލުގެ އެހީގައި މި ރަށްރަށުގައި ދިވެހިންނަށް ދިރިއުޅެވޭނީ ކިހާދުވަކުތޯ ވިސްނާލަން ވެސް ޖެހެއެވެ. ދުނިޔޭގެ ކަނޑުގެ ލެވެލް އެންމެ އުސްވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވަނީ މިހާރު ހުރި ލެވެލްއަށް ވުރެ 8 މީޓަރު (24 ފޫޓް) އުސްކޮށެވެ. މަދު ސައިންސްވެރިން ބުނާގޮތުން ރާއްޖޭގެ ފަރުތައް ޤުދުރަތީގޮތުން ހެދެން ފުރުސަތު ލިބޭނަމަ ރަށްތައް މުޅިން އަޑިޔަކަށް ނުދާނެއެވެ. ނަމަވެސް އުދައެރުން ގިނަވާނެއެވެ. މިގޮތަށް މިބޭފުޅުން ވިދާޅުވިޔަސް ރާއްޖޭގައި މީހުން ދިރިއުޅޭ ބައެއް ރަށްތަކުގެ ފަރުތަކުގެ މައްޗަށް ފަސް އަޅާވަނީ ވަރަށް ބޮޑަށް ހިއްކާފައެވެ. މާލެފަދަ ރަށްރަށުގެ ފަރުތަކުގެ ބޮޑުބައި މުޅިންވަނީ ކަނޑުގެ އަޑީގައެވެ. އަދި ފަޅުކޮނެ ފުންކުރުމުގެ ސަބަބުންވެސް ފަރުތަކަށް ވަނީ ގެއްލުން ލިބިފައެވެ. 

ސޯސް: ނާސާ އާތް އޮބްޒޮވޭޓްރީ

މަތީގައިވާ ޗާޓުން ދައްކައިދެނީ 2300 ވަނަ އަހަރާއި ހަމަޔަށް ކަނޑުގެ ލޮނުގަނޑު އުސްވާނޭކަމަށް ސައިންސްވެރިން ލަފާކޮށްފައިވާ ގޮތެވެ. މިއީ ދުނިޔޭގެ އެވްރެޖް ލެވެލް އެކެވެ. އެކި ޤައުމުތަކާއި ތަފާތު ސަރަހައްދުތަކުގައި މި ލެވެލް ތަފާތުވާ މިންވަރު ފަރަގުވާނެ އެވެ. މީގެން ފެންނަގޮތުން 2100 އާއި ހަމަޔަށް އަންނައިރު 1 މީޓަރަށް ރާއްޖޭގެ ފަރުތައް ނުއުފެދުނުނަމަ ބިމުގެ ލެވްލްއާއި ކަނޑުގެ ލެވެލް ހަމަހަމަވާނެއެވެ. މީގެ ސަބަބުން ރަށްތަކުގެ އެއްގަމަށް ރާޅު އެރުމާއި ހިކިދިޔައިގައި ހާމަކޮށް ފެންނަ ފަޅުތައް ފެނުގެ އަޑިޔަށް ދިއުން އެކަށީގެންވެއެވެ. ނޭޗާރ އޮފް ޖިއޯ ސައިންސްގައި ޝާއިޢު ކޮށްފައިވާ ދިރާސާ އެއްގައި ވާގޮތުން ކުރިއަށް އޮތް ގަނޑުފެނުގެ ޒަމާން މީގެ 1500 އަހަރުފަހުން ފެށެން ޖެހެއެވެ. އޭގެ ސަބަބުން ކަނޑުގެ ލެވެލް އަނެއްކާ ވެސް ތިރިވާން ފަށާނެއެވެ. ނަމަވެސް މިހާރު ޖައްވަށް ބޭރުކުރާ ގްރީން ހައުސް ގޭހުގެ ސަބަބުން މިމުއްދަތު ވަރަށް ދިގުލައިގެން ހިނގައިދާނެ ކަމަށްވެއެވެ. މިއީ ދުނިޔޭގެ އުތުރުބިތުގައި ވާ ފިނި ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް އުފާވެރި ޚަބަރެއް ކަމުގައި ވިޔަސް ދިވެހިރާއްޖެ ފަދަ ތިރި ޖަޒީރާ ޤައުމުތަކަށާއި ކޯސްޓަލް ސަރަހައްދުތަކުގައި އާބާދުވެފައި 700 މިލިޔަން މީހުން ދިރިއުޅޭ ސިޓީތަކަށް ދެރަ ޚަބަރެކެވެ. އެތަށްގިނަ ދިރާސާތަކުން ފެންނަގޮތުގައި 2200 ހަމަޔަށް އަންނަ އިރު ގިނަ ކޯސްޓަލް ސިޓީތަކަށް ލޮނުއެރުމުގެ މައްސަލަ ކުރިމަތިވާނެއެވެ. މިގޮތުން އިނގިރޭސި ވިލާތުގެ ލަންޑަނާއި ޗައިނާގެ ޝަންހާއީ އާއި އެމެރިކާގެ ނިއުޔޯކް ސިޓީ ފަދަ އިޤްތިސާދީ ގޮތުން މުހިއްމު ސިޓީތަކުގެ ބޮޑުބަޔެއް ކަނޑުގެ އަޑިޔަށް ދިޔުން އެކަށީގެން ވެއެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ގިނަ ކޯސްޓަލްސިޓީތަށް ވުމާއެކު މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ގިނަ ބަޔަކަށް ކުރާނެއެވެ.

އެމްސްޓަޑާމް ގައި ހިންގި ޕައިލޮޓް ޕްރޮޖެކްޓްގައި ހަދާފައިވާ އުފުލިގޭތައް (ފްލޯޓިންގ ހޯމްސް)- ސޯސް:DW Documentary

ދިވެހިރާއްޖެއަކީ މުރަކަ ފަރުތަކެއްގެ މަތީގައިވާ ތިރި ޖަޒީރާ ޤައުމަކަށް ވާއިރު އަދި ދިވެހިރާއްޖޭގެ ފަރުތަކަކީ މި ޖަޒީރާތައް ހިމާޔަތްކޮށްދޭ އެންމެ މުހިއްމު ތަންތަން ކަމަށްވާއިރު ފަރުތައް ހިމާޔަތް ކުރެވޭގޮތަށް ތަރައްޤީގެ މަޝްރޫޢުތައް ފަރުމާކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. މިގޮތުން ފަރުތަކުން ގާނެގުމާއި ފަޅުތަކުގެ އަޑިންވެލިނެގުމާއި ފަޅާއި ފަރަށް ވެލިއަޅައިގެން ބިން ހިއްކުމުގެ އާދަ ދިވެހިން ދޫކޮށްލަން ވަނީ ޖެހިފައެވެ. އަދި ކުނިނައްތާލާނެ ނިޒާމްތައް ބޭނުންކޮށް ފަޅުތަކާއި ބިންބިމަށް ކުނިއެޅުން ހުއްޓާލަން ޖެހިއްޖެއެވެ. އަދި ބިން ހިއްކައިގެން ގޭގެ އެޅުމުގެ ބަދަލުގައި ފްލޯޓިން ހައުސް ފަޅުތަކުގައި ބޭނުންކުރަން ފަށަން ޖެހެއެވެ. މިއަދު މުސްތަޤްބަލަށް އިންވެސްޓްނުކުރާނަމަ މާބޮޑަށް ލަސްވެ މޫސުމީ ބަދަލުތަކުގެ ރެފިއުޖީންނަށް ދިވެހިން ވާނެއެވެ. ބައިމިލިއަން މީހުންގެ މުސްތަޤްބަލްގެ ރައްކާތެރިކަމަށް ކުރެވޭ އިންވެސްޓްމަންޓް ބިލިޔަނުން އަދަދުކުރެވޭނޭކަން ކަށަވަރެވެ. ސަރުކާރުން މިހާރު ފަށައިފައިވާ ދިވެހިރާއްޖޭގެ ފްލޯޓިންގ ސިޓީއަކީ ވަރަށް އުއްމީދީ މުހިއްމު ޕްރޮޖެކްޓެކެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތަށް ދިވެހިންގެ ދިރިއުޅުން ބައްޓަންކުރަން ދަސްކޮށްދޭނޭ ނަމޫނާއަކަށް އެތަން ވެގެންދާނެއެވެ. އަދި ދިވެހިންގެ ދިވެހިރާއްޖޭގެ ގޮތުގައި މިޤައުމު ދެމެހެއްޓުމަށް އެހީވެދޭނޭ ނަމޫނާއެއްކަމަށް މިތަން ވެގެން ދާނެކަމަށް އަޅުގަނޑު ދެކެމެވެ.  އަދި މުސްތަޤްބަލްގައި މިފަދަ އިތުރު ސިޓީތައް ހެދި އަގުހެޔޮކޮށް ރައްޔިތުންނަށް އެތަންތަނުން ގެ ގަނެ ދިރިއުޅެވޭނޭ ގޮތްވުމަކީ މުހިއްމު ކަމެކެވެ.

ރާއްޖޭގައި ހަދާ ފްލޯޓިންގ ސިޓީގެ ފެންނަގޮތް ދައްކާދޭ ކުރެހުމެއް


 9 ބޭނުންތެރި ވީޑިއޯތައް