މަތިމައްޗަށްލާ ރާޅާއި މަތިމައްޗަށްވާ ކަނޑުގެ އަދިރިކަން

Publish Date: 2 December 2018, GMT 2:11PM/ Maldives 7:11PM Author: Mohamed Jameel

ކިޔުއްވި ބޭފުޅުން: 7417

ފެށުން

މިމަޒުމޫނުގައި އަޅުގަނޑު ބަލާލާނީ ސުރުހީގައި އެވާފަދައިން ކަނޑުގެ އަދިރިކަމާއި، ކަނޑާއި ވައިގެތެރޭ އުފެދޭ ރާޅުގެ މައްޗަށެވެ. އާންމު ދިރިއުޅުމުގައި އަޅުގަނޑުމެންނަށް ފެންނަ ރާޅަކީ، މި ޖަޒީރާ ރައްތަކުގެ ފަރުތަކަށް ބިންދާ ކުދިބޮޑު ރާޅެވެ. މީގެ އިތުރުން އުޅަނދުތަކުގައި، ކަނޑުގައި ދަތުރުކުރާއިރު ބޮޑެތިރާޅާއި ކުދިރާޅުތަކުގެ ތެރެއިން އެއުޅަނދުތައް ދަތުރުކުރެއެވެ. ބައެއްރާޅަކީ ލޮލަށް އެއީ ރާޅެއްކަން އެނގޭ ވަރަށްވުރެ ބިޔަ ރާޅެވެ. ސުނާމީގެ ރާޅަކީ ވެސް އެފަދަ ރަގަޅު މިސާލަކެވެ. ރާއްޖެއަށް ސުނާމީ އެރިއިރު ރަށްރަށުގެ ގޮނުދޮށްތަކުގައި ތިބި މީހުން ދެކެފައިވަނީ ފަޅުތައް އާދަޔާ ޚިލާފަށް ހިކިފައި، ދެން ކުއްލިއަކަށް ދިޔަވަރު ބޮޑުވެ ރަށްތަކުގެ އެއްގަމަށް ލޮނުގަނޑު އަރައިގެންދިޔަ މަންޒަރެވެ. އުސް މާބިޔަ ރާޅެއް ރަށާދިމާއަށް އައިތަނެއް އެކަކަށްވެސް ފެނިފައެއް ނުވެއެވެ، އެހެންނަމަވެސް ދިޔަވަރަށް އެބަދަލު އައިސްފައިވަނީ ރާޅު ފަޅުތެރެއަށް ވަދެގެން އައިވަޤުތުގައެވެ. ރާޅުގެ ބާރުގަދަކަމާއެކު އޭގައި އެކުލެވިގެންވާ ހަކަތައިގެ (އެނާޖީގެ) ސަބަބުން ރަށްތައް ހުރަސްކޮށް ދިޔައިރު ބޮޑުތިގެއްލުން ތަކެއްވަނީ އެރަށްތަކަށް ލިބިފައިވެއެވެ. ބައެއްބާވަތުގެ ރާޅަކީ ކޮންމެވެސް މާއްދީ އެއްޗެއްގެތެރެއިން ދަތުރުކުރެވޭ ރާޅެވެ. މިފަދަ ރާޅަށް އިނގިރޭސިބަހުން ކިޔާއުޅެނީ “މެކޭނިކަލް ވޭވްސް” އެވެ. ރާޅަކީ އެއްތަނުން އަނެއްތަނަށް ހަކަތަ (އެނާޖީ) ގެންގޮސްދޭ ވަސީލަތެކެވެ. ނަމަވެސް ރާޅެއް، އެދަތުރުކުރާ އެއްޗެއް (މީޑިއަމް) އެއްތަނުން އަނެއްތަނަކަށް އެއާއެކު ނުގެންދެއެވެ. މޫދުގައި އުފުލިފައި އޮންނައެއްޗެއްވެސް އެއްތަނުން އަނެއްތަނަށް ދަނީ ގިނަރާޅުގެ އެހީއާއި އެކުގައެވެ. ފަރައްރާޅު ބިންދާލުމަށްފަހު ދިޔަވަރަށް އަންނަ ބަދަލުގެ ސަބަބުން ފަރުދަށަށް ލޮނުގަނޑުދަމައިގަންނައިރު އުފެދޭއޮއިވަރަކީ މުޅިން އެހެން އެއްޗެކެވެ. 


ފެނުގެ މަތީގައި އުފެދޭ ރާޅު

ރާޅު އުފެދުމަށްޓަކައި ރާޅުދަތުރުކުރާ ވަސީލަތައް (މީޑިޔަމްއަށް) ބާރެއް ފޯރަން ޖެހެއެވެ. މިގޮތުން ފެނުގެ މަތީގައި އުފެދޭ ރާޅު (ސާފޭސް ވޭވްސް) އުފެދެނީ ވައިގެތެރޭ އުފެދޭ ރޯޅީގެ ސަބަބުންނެވެ. މެދުކެނޑުމެންނެތި ފެނުގެ މަތީފަށަލައިގައި ޖެހޭވައިރޯޅީގެ ސަބަބުން އުފެދޭ ފްރިކްޝަނުން ރާޅުއުފެދެއެވެ. މިކަހަލަ ރާޅު ދުނިޔޭގެ ހުޅުވިފައިވާ ކަނޑުތަކުންނާއި ގޮނުދޮށުގެ (ކޯސްޓަލް) ސަރަހައްދުތަކުންވެސް ފެނެއެވެ. މޫސުންގޯސްވެ އުފެދޭ ހަރިކޭންގެ ގަދަވަޔާއި ޕްރެޝަރުގެ ސަބަބުން މާކަނޑުގައި އާދަޔާއި ޚިލާފު ހަލަބޮލި ބިޔަރާޅުތައް އުފެދި، ދިޔަވަރުބޮޑުވެ، ބާރުގަދަ އަދި ގެއްލުންދެނިވި ރާޅުތައް ގޮނޑުދޮށްތަކާއި ހަމަޔަށް ވާސިލްވެއެވެ. ސުނާމީއަކީ ކަނޑުގެ އަޑީގެ ސަރަހައްދަކަށް އަންނަ ބިންހެލުމަކުން ނުވަތަ ކަނޑުއަޑީގައި އަލިފާންފަރުބަދައެއް ގޮވުމުގެ ސަބަބުން، ލޮނުގަނޑަށް އަންނަކުއްލި ލޮޅުމަކުން އުފެދޭ ރާޅެކެވެ. ސުނާމީގެ ރާޅުތައްވެސް ތިލަގޮނޑުދޮށްތަކާއި ހަމަޔަށް އަންނައިރު ރާޅުތައް އުސްވެ ބާރުގަދަވެ، ރާޅުތަައްއަރާ ސަރަހައްދުތަކަށް ބޮޑެތިގެއްލުން ލިބެއެވެ. (ނެޝެނަލް އޯޝަން ސާވިސް، 2018). ކަނޑުގެ މަތީ ފަށަލައިގައި އުފެދޭ ރާޅު ދަތުރުކުރާއިރު ލޮނުފެނުގައި ހުންނަ މޮލިކިއުލްސްތައް ހަރަކާތްތެރިވަނީ ވަށްބުރަކަށެވެ. ނަތީޖާއެއްގެ ގޮތުން ފެނުގެބައެއްހިސާބު އާދައިގެ ލެވަލްއަށްވުރެ އުސްވެ އަނެއްބައި ތަންތަން ތިރިވެ  ފެނުގެ މަތީފަށަލައިން ރާޅު ދަތުރުކުރާތަން ފެނެއެވެ. ތިރީގައިވާ ކުރެހުމުން އެފެންނަފަދައިން މިރާޅުގެ އަސަރު ކަނޑުގެ އަޑިޔަކަށެއް ނުކުރެއެވެ. މިފަދަ ރާޅާއިއެކު ކަނޑުގެމަތީގެ ފަށައިލައިގެ މޮލިކިއުލްސްތައް މަޑުމަޑުން ދަތުރުކުރުމުގެ ސަބަބުން މިފަށަލައިގައި ހުންނަ ޕްލެންކްޓަންއާއި އެހެނިހެން ކާނާގެ ބާވަތްތައް އެއްތަނުން އަނެއްތަނަށް ގެންދިޔުމަށް އެހީތެރިވެދެއެވެ. މިއީ މިހިސާބުގައި ދިރިއުޅޭ މަސްމަހާމެހީގެ ދެމިހުރުމަށް މުހިއްމު ކަމެކެވެ.

ރާޅު ދަތުރުކުރާއިރު ފެނުގެ މޮލިކިއުލްސް ހަރަކާތް ކުރާގޮތް