ކަނޑުގެ އަޑީގައި އުފެދޭ ރާޅު (އިންޓާނަލް ވޭވްސް)

އިންޓާނަލް ވޭވްސް ނުވަތަ ކަނޑުގެ އަޑީގައި ދަތުރުކުރާ ރާޅަކީ ފެނުގެ ޑެންސިޓީ (ކޮޑިމީޓަރެއްގެ ބަރުދަން) ތަފާތު ހުންނަ، ދެލޭޔަރެއްގެ ދެމެދުން ދަތުރުކުރާ ރާޅެކެވެ. މިއީ ގްރެވިޓީ ވޭވްސްގެ ބާވަތެކެވެ. ކަނޑުގައި ހުންނަ ބަރުފިނި ފެން ހުންނަނީ ހޫނުލުއި ފެނުގެ އަޑީގައެވެ. މަތީގައި ހުންނަލުއިފެން ގާތްގަޑަކަށް 4 ޑިގްރީ ހޫނުވެފައި 0.2 އިންސައްތަ ލުއިއެވެ. ހަމައެހެންމެ މީރުފެން ކޯރުތަކުން ކަނޑަށް އެޅޭފެންވެސް 3.5 އިންސައްތަ ލުއިވެފައި، އެސްޖުއަރީ (ކޯރު ކަނޑާ ގުޅޭ ސަރަހައްދު) ގައި ހުންނަނީ މަތީގައެވެ. ބައެއްފަހަރު މިފެނުގެ ލޭޔަރު ކަނޑުގެ އެތައްކިލޯ މީޓަރުގެ ސަރަހައްދެއްގައި 5 ވަރަކަށް މީޓަރު އަޑިޔަށް ހުރެއެވެ. ކަނޑުލޮނާއި މީރުފެން ވަކިކޮށް ހުންނަވާހަކަ ކީރިތި ޤުރުއާންގެ سورة الفرقانގެ 53 ވަނަ އާޔަތުގައި ވެއެވެ.

وَهُوَ الَّذِي مَرَجَ الْبَحْرَيْنِ هَـٰذَا عَذْبٌ فُرَاتٌ وَهَـٰذَا مِلْحٌ أُجَاجٌ وَجَعَلَ بَيْنَهُمَا بَرْزَخًا وَحِجْرًا مَّحْجُورًا ﴿٥٣﴾

އަދި އެކަލާނގެއީ، ދެ ކަނޑު އެއްކުރެއްވި (އެބަހީ: ކޯރުފެނާއި ކަނޑުގެ ލޮނުގަނޑު އެކުއެކުގައި ހިނގާގޮތަށްލެއްވި) ރަސްކަލާނގެއެވެ. މިއީ މީރުކަންބޮޑު މީރު ފެނެވެ. އަދި މިއީ ލޮނުކަން ގަދަ ލޮނު ފެނެވެ. އަދި އެކަލާނގެ އެ ދެ ކަނޑު ދެމެދުގައި، ހުރަހެއްލައްވައި، އަދި އެ ދެމެދު މަނާކުރަނިވި ފަރުދާއެއް ލެއްވިއެވެ. (ޤުރުއާން،  25:53)

އިންޓާނަލް ވޭވްގެ ބާރުމިން (ފޭސް ވެލޯސިޓީ) ބިނާވަނީ ލުއިފެނުގެ ލޭޔަރުގެ ބޯމިނާއި ދެލޭޔަރުގެ ޑެންސިޓީއަށެވެ. ތިރީގައިވާ ފޯމިއުލާ ބޭނުންކޮށްގެ އިންޓާނަލް ވޭވްސްގެ ދަތުރުކުރާ ބާރު މިން ހޯދިދާނެއެވެ. (އެންތޮނީ، 2000)

މަތީގައިވާ ތަސްވީރުން ދައްކައިދެނީ “ޑެޑް ވޯޓާރ” ނަމަކަށް ކިޔާ ދަތުރުވެރިންނަށް ދިމާވާ ކަނޑުގެ ސަރަހައްދެކެވެ. އެބައިމީހުން ދަތުރުކުރާ އުޅަނދެއް ގަނޑުފެންގަނޑަކާއި ކައިރިވަމުންއަންނައިރު ބައެއްފަހަރު އެއްވެސް ސަބަބެއްނެތި އުޅަނދުގެ ދުވެލި އާދަޔާ ޚިލާފަށް ލަސްވާތަން ފެނެއެވެ. އޭގެ އިންޖީނު އެއްމެ ބާރުކޮށްފައި ހުންނައިރުވެސްމެވެ. އުޅަނދުގެ ދުވެއްޔަށް މިބަދަލު އަންނަނީ ކަނޑުގެ އަޑީގައި އުފެދޭ ރާޅު ނުވަތަ އިންޓާނަލް ވޭވްސްގެ ސަބަބުން އުފެދޭ ފަހަތައް ހިފާ ބާރެއްގެ (ޑްރެގްގެ) ސަބަބުންނެވެ. ފެނުގެ ދެ ލޭޔަރުދޭތެރޭ އިންޓާނަލް ވޭވްސް އުފެދިފައިވާތަން މަތީގައިވާ ކުރެހުމުން އެފެންނަނީ އެވެ.

އިންޓާނަލް ވޭވްސް ގެ އަސަރު ބާނިލާ ކަނޑުން ހޯދުމަކީ ދިރާސާކުރާ މީހުންނަށްވެސް ވަރަށް އުދަގޫކަމެކެވެ. ހުރަސްކޮށް (ކްރޮސްސެކްޝަނުން) މިރާޅުތައް ހުންނަނީ ހަމަ ކަނޑުމަތީގެ ރާޅުތައްވެސް ހުންނަ ގޮތަށެވެ. ލޮލަށް ނުފެނުނަސް މޮޅެތި ( ޓެކްނިކަލް) އާލާތްތައް ބޭނުންކޮށްގެން މިރާޅާއި ބެހޭ މަޢުލޫމާތު ހޯދެއެވެ. (ޗާންދްލާ، 2014). ތިރީގައިވާ ތަސްވީރުން ދައްކައިދެނީ އިންޓާނަލް ވޭވްސް ހުންނަ ސަރަހައްދެއް ފެންނަގޮތެވެ. އިންޓާނަލްވޭވްސް، މިއީ ކަނޑުގެ އަޑީގައި އުފެދޭ ރާޅުތަކެއް ކަމުގައިވިޔަސް އޭގެ އަސަރު ކަނޑުމަތީގެ ރާޅުތަކަށް ކުރާތީ ނުވަތަ ކުލަތަފާތުކޮށް ފެންނާތީ މިރާޅުތައް އުފެދޭ ސަރަހައްދު ވަކިކުރަން އެނގެއެވެ. (ޕޯލާވިޗް، 2013)

Credit: NASA Earth Observatory (2013)

އުތުރު ޓްރިނިޑާޑް ކައިރީގައި އުފެދިފައިވާ އިންޓާނަލް ވޭވްސް- ސޯސް: Earth Observatory/ NASA

އަޅުގަނޑުމެންގެ ރާއްޖޭގެ ފަރުތައްފަދަ މުރަކައިގެ ފަރުތަކުގައި އުޅޭ ދިރޭތަކެތިީގެ ހެދިބޮޑުވުމަށާއި ދިރިހުރުމަށް ކާނާ ބޭނުންވެއެވެ. ކަނޑުގެއަޑިން ކާނާ ތިލަކޮށްދީ، ކަނޑުގެ ލޮނުގަނޑު އެއްކޮށްދީ އަދި ތާޒާކަންމަތީ ބެހެއްޓުމަށް އިންޓާނަލް ޓައިޑް މުހިއްމެވެ. އިންޓާނަލް ޓައިޑަކީ ޓައިޑްގެ ފްރިކުއެންސީގެ އިންޓާނަލް ވޭވްސްއެވެ. ކުއްލިއަކަށް ބަދަލުވެފައި ހުންނަ ކަނޑުގެ ވަތުންނާއި، ގުންޑޮޅިއާއި އައްސޭރިއަށް ތިލަވާންފަށާ ސަރަހައްދުން، ދިޔަވަރުބަދަލުވާ އޮއިވަރު ހިނގާއިރު، އިންޓާނަލް ވޭވްސް އުފެދެއެވެ.(ކްލެމަސް، 2012).