ޔަޤީނޭ މިދުނިޔޭ….
މުޙައްމަދު ޖަމީލް (2021)

ޔަޤީނޭ މިދުނިޔޭ، މިއީ ހަމަ ބިލާހެއް،
   ހަޤީގަތް،  ތިމާހަމަ، މިތަން ދޫ ކުރޭ،

     ޔަޤީނޭ މި ތަނުގައި ޖަމާކުރި މުދާތައް،
        އަގެއްނެތި ތިމާ އަތްމަތިން ދޫވެދޭ،

ނަފާ ހޯދުމަށް ރޭދުވާ ހޭދަކޮށް،  
   ހަވާ ނަފުސު ގެބިގެން، މި ލައްޒަތުތެރޭ،

    ހަނދާންނެތި ތިމާ ދާނެ ބިމަކަށް ފަހުން،  
      ނުވާނަމަ އެތައްޔާރު ލަސްވެސް ވެދޭ،

ޚިޔާނާތް މި އިސްކޮށް އަދުލުވެރިކަމަށް،
   ނުފޫޒާއި ބާރާއި ބޭނުންމެކޮށް،

    ހަލާލެއް ޙަރާމެއް ބަލައިވެސް ނުލާ،   
      އުޅޭނަމަ އެތައްޔާރު ލަސްވެސް ވެދޭ،  

އެނގޭހޭ މިއީ މަންޒިލެއް މަޑުކުރާ،
  ތިމާކުރި ދަތުރު ނިންމުމަށް ބިން ވެޔޭ،

    އެދޭކަށް އެތާގައި އެހީއެއް ނެތޭ،
      މިކަން އެނގިމެ ތައްޔާރު ލަސްވެސް ވެދޭ،


ތަނބުތަކެއް އެތާނުވާ… (ރާއްޖޭގެ ރޭގަނޑުގެ ވަޤުތެއް)

މުޙައްމަދު ޖަމީލް (1992)

 

ތަނބުތަކެއް އެތާ ނުވާ، ބިޔަ އުޑުންނެ ރޯޝަނީ،
     ބަބުޅަމުން ވިދާ ތަރިން މެހެފިލޭ ދިރާލަނީ،
    ގުދުރަތީ ބަހާރަކުން ނިތުގެ ރޫ ފިލާދަނީ،
      ބަބުޅަމުން ވިދާ ތަރިން މެހެފިލޭ ދިރާލަނީ، ތަނބު….

ޗާލު ރަން ހުދު ގޮނޑުދޮށުންނޭ، މުޅި މި މަންޒިލް ދިއްލުނީ،
  ސާފު މާ ފެހި ފުށިތަކުންނޭ، މުޅި މިތަން ޒީނަތްވަނީ،
     އެތުރިލާފަވާ ރުކުން ހިޔަނި މާޖަރީވަނީ،
      ބަބުޅަމުން ވިދާ ތަރިން މެހެފިލޭ ދިރާލަނީ، ތަނބު….

ދޮންވެލީ ދިގު ތުނޑި މަތީގައި، ކިރުކަކުންޏޭ ކުޅެލަނީ،
  ރަން މުތީ ޖެހި ކުދި ސަވާރީން، އެސޮރުމެންގެ ހަރަށް ދަނީ،
    މިޔުޒިކެއް ކުޅޭހެނޭ ކަނޑުގެ ރާޅު ހީވަނީ،
      ބަބުޅަމުން ވިދާ ތަރިން މެހެފިލޭ ދިރާލަނީ، ތަނބު….
   

 

 

ފޮނި ފޮނި ދިވެހި ބަސް މިއީ…

       މުޙައްމަދު ޖަމީލް (1996)

 

ފޮނިފޮނި ދިވެހިބަސް މިއީ، މަތިވެރި ފަޚުރަކަށް ވުމުން،
       އެކިފަންނުތައް އަދަބުގައި، ތަމްރީނުދީ ދަސްކުރަން،

ޝުކުރުގެ ޖިޒީ އަރުވަމުން، ޙަފްލާގަ ބައިވެރިވުމުން،
       ޖަލްސާގެ ޢިއްޒަތްތެރިން، މެހެމާނުނަށް، ދަންނަވަން،
            މިކަމާ ފިކުރުކޮށްލަމާ، އިތުރަށް ބަހުސް ކޮށްލަމުން،
                 ފޮނިފޮނި ދިވެހިބަސް………

އާންމުންގެ ސިއްޙަތު ގުޅޭ، ތާޒާ ވަޔާ ސާފުފެން،
      ވިސްނާ ސަލާމަތް އެދޭ، ތެލެސީމިޔާ ފަދަ ބަލިން،
          މިކަމާ ފިކުރުކޮށްލަމާ، އިތުރަށް ބަހުސްކޮށްލަމުން،
                ފޮނިފޮނި ދިވެހިބަސް މިއީ………

މަސްއޫލިޔަތު އުފުލަމާ، ކެރިގެން ޒުވާން ޖީލުދެން،
      ބިކަހާލުގައި ނުޖެހުމަށް، އާބާދީވީ ކުޑަކުރަން،
                        މިކަމާ ފިކުރުކޮށްލަމާ، އިތުރަށް ބަހުސް ކޮށްލަމުން,
                                 ފޮނިފޮނި ދިވެހިބަސް މިއީ……

ގެންނެވި ތަރިކަ ކާބަފައިން، ދެމެހެއްޓުމަށް ހިއްވަރުން،
        ގުލްފާމު، އޯކިޑް ފަދައިން، އަދަބީ ޗަމަންގައި ވިދުން،
             މިކަމާ ފިކުރުކޮށްލަމާ، އިތުރަށް ބަހުސް ކޮށްލަމުން,
                      ފޮނިފޮނި ދިވެހިބަސް މިއީ….

 

މިލަވައިގެ މިއުޒިކް ޓްރެކްތައް: (ރާގު އަދި ކެރޯކީ)

    ފައިސަޔާ މުދަލާއި ދުނިޔެ

މުޙައްމަދު ޖަމީލް (2019)

 

ފައިސަޔާ މުދަލާ އެއީ، ދުނިޔޭގެ ވަޤުތީ އުފަލެކޭ،
     ފައިސަޔަށް މީހާގެ އަބުރާ، އިއްޒަތާ ނީލަން ކިޔޭ.

އުސް އިމާރާތްތައް ބިނާކޮށް، ރަން ރިހިން ކުރެހުން އަޅާ،
     ހުސްނުވާ އުމުރެއް ތިމާޔަށް، ލިބިފައިވާހެން ހީވެޔޭ.

ހުސްވަޤުތު ފޫއްސެއް ނުވާހެން، ކުޅިވަރާ މަޖަލުގެ އުޅޭ،
     ރުއްސުމުގެ ގޮތުގައި ތިމާފެނި، އެކުވެރިން ގާތުގަ ވެޔޭ،

ހުސްއަތާއެކު އަންނަ ނިކަމެތި، އެންމެންނަށް ނުރުހިފައުޅޭ،
      ހުސްނުވާގިނަގުނަ އެފައިސާ ފޮރުވުމަށް ބޭންކަށް ލަޔޭ،

ހުސްވެ ނޭވާ، މަރުތިމާ ކުރިމަތި ވެދާ ހިނދު މިތަނުގައި
      ލަސްނުކޮށް އެފުރާނަ ހިއްޕެވުމާ އެކީ ދެން ކަން ނިމިދެޔޭ،


ޢިލްމީ ޗަމަންގައި ބަހާރުގެ މިމާ….

މުޙައްމަދު ޖަމީލް (2003)

ޢިލްމީ ޗަމަންގައި ބަހާރުގެ މިމާ ފަރިވަނީ އޭ،
   ސިލްމަތުގެ ހިޔަލުގައި އުޅުނުހައި ދަރިން ހިއްވަރުންނޭ، 

ހިނގާ، ހިނގާ އަތުގުޅާލަމާ، އުފާ އުފާ އަދު ކުރާންހިނގާ،
   ލިބޭ ދަރުސުތަކުގައި އުލޫމީ ލިބޭނެ މަންފާ ހޯދަންވީ،
      ހިޔާލިބޭ މި ދިދައިގެ ދަށުގައި، ލިބޭ މިތަރުބިއްޔަތުގެ މަގުގައި،
         ތިބޭ ބަޔަކުކަމުގައި ވެގެންވީ، ލިބޭނެ ވަނަތައް ހޯދަންވީ، ޢިލްމީ ޗަމަންގައި….

ސަލާމަތުގެ ވަލުގައި ހިފައިގެން، ސަޤާފަތައް ވިސްނައި ބަލައިގެން، 
     ކަލާނގެ ހަޟުތަރު ވާގިއެދިގެން، ލިބޭނެ މަންފާ ހޯދަންވީ،
    ކަރާމަތުގެ މާތް ދީނުގައި ތިބެ ޤަޟާ ޤަދަރު ދަނެގެން މިތާ ތިބެ،
      އުޅޭ ބަޔަކު ކަމުގައި ވެގެންތިބެ، ލިބޭނެ ވަނަތައް ހޯދަންވީ، ޢިލްމީ ޗަމަންގައި….

ތަރާދަކުން ހެޔޮކަން ކިރައިގެން، ޖަހާލަތުގެ އަދިރިން ނިކުމެގެން،  
   ލިބޭނެ މާތް ޢިލްމިއްޔަ ނޫރުން، ލިބޭނެ މަންފާ ހޯދަންވީ،
      ނަހީތަކުން އަދު ދީން ގޮވާލާ، ނުބައި ބަލިން ދުރުގައި އުޅޭހާ، 
         ތިބޭބަޔަކުމުގައި ވެގެން މޮޅު ލިބޭނެ މަންފާ ހޯދަންވީ، ޢިލްމީ ޗަމަން…..


މީ ބަހެއް އެދޭ މަދަސް ކުރަން

މުޙައްމަދު ޖަމީލް (1996)

މީ ބަހެއް އެދޭ މަަދަސްކުރަން، ބަސް މޮށުންތެރިންގެ ފަންނުގައި ވިދަން،
        މީ ދިވެހިބަހޭ، ދެއްވި ކާބަފައިން، ރަމްޒުކޮށް މި ރާއްޖެ ނަންފަވަން،

އިންޑިޔާ ކަނޑުގެ މެދަށް މިތަންވުމުން، ހިންދުކަރަ އެހާ ބޮޑައްމެ ދުރުވުމުން،
      އުފެދުނޭ މި ބަސް، ވަކިވަކިން މުޅިން، ދިވެހިނަން މި ޤައުމުގައި ފަވަން،

ބަހުގެ މޮޅު ޤަވާޢިދެއް ހެދިފަ އޮތުން، ލިޔެކިޔަން ވަކިން އަކުރުތަކެއް ވުމުން،
     މާދަރީ ބަހެއް ލިބިފަވާކަމުން، ދިވެހި ބަސް މިއަށް ކިޔޭ ނަމުން،

ޅެން ބަހުރުވަ ވެސް ވެޔޭ ބައެއް ކަމުގަ، ޝާޢިރުން މި ދީބުގައި އުފެދިވުމުން،
     ފަންނުގައި މި ރޮނގު ވާނެ ކުރިއަރަން، ދިވެހި ބަހުގަ މޮޅުވުމަށް ކަތުން،

 

 

 


ތި ހަނދު ……
މުޙައްމަދު ޖަމީލް (2020)

މި ކުދިކުދި މަސް ފުމެން ފެށުމުން،
    ތިޔަ ހޫރު ޕަރީ އަލި ފެނުމުން، އިރު ދިޔަ އޮއްސެން.

ތިޔައޭ ހަނދޭ މަގެ ހިތުގަވާ، ތިޔަ ނޫރަކީ މުޅިތަނުގަވާ،
      ނަލަ ރަންވެލިން ގިރިޓީ ވެފައި، ތުނޑިވެސް މިރޭ، ތި ހަނދައްޓަކައި، އޯ!
      މި ފިނިފިނި ރޯޅި ބީހިލުމުން، މިރޭ ޕަރީ ކަޝްފުވުމުން،
         
އިރުދިޔަ އޮއްސެން، އިރު ދިޔަ އޮއްސެން.

އުދަރެސް މަތިން ފޮތިފޮތި ވިލާ، އުދުހޭ ގޮތުން ކުލަކުލަ އަރާ،
      ކުދި ރާޅުތައް މިޔުޒިކް ޖަހައި، އަޑުތައް މިރޭ ގާތުން އަހައި، އޯ!
     މި ފިނިފިނި ރޯޅި ބީހިލުމުން، މިރޭ ޒުވާނާ އައުމުން،
        ތަރިދޭ އަރަމުން، ތަރިދޭ އަރަމުން.

ދިގު ހިޔަނިތައް ރުއްތައް ގެނައި، ހަނދުވަރުގެ އަލިކަން ވެރިވުމުން،
         ތަރިތައް މިރޭ ފިޔަ ޖަހަޖަހާ، ރީތީގެ ރާނީ ދެކިލަނީ، އޯ!
       މި ކުދި ކުދި ދޫނި ލަވަޖެހުމުން، މިރޭ ޕަރީ އިސްނެގުމުން،
         ހައިރާން މިވަނީ، ހައިރާން މިވަނީ.

 


އިރުއޮއްސޭ ވަޤުތު
މުޙައްމަދު ޖަމީލް (2016)

ރާގު: އިންދިރާސުވެ ޙަޔާތުން އުޖާލާ…

އުޑުމަތިން އުދުހިދާ ފޮތިވިލާ މަދު،
  މަޑުމަޑުން ގެއްލި ކުލަ ފަނޑުވެލާ ހިނދު،
    އަޑުއަޑުން ކާޅުތައް ގޮވަ ގޮވާއަޑު، އުޑުމަތިން….

ރަތް ކުލައިން އުޑު ޖަރީ ކޮށްލަމުން، 
  އިރުދަނީ ތިރިވަމުން މަޑުމަޑުން،
    ރަތްވިލާތަކުތެރޭން ފިރުކެމުން،
      އެހެރަގެން އޮބިދަނީ އުދަރެހުން، އުޑުމަތިން….

ބީހެމުން ރާޅުތައް ގޮނުދޮށުގަ،
  ގެންނަ މިއުޒިކްގެ ފޮނި ރާގަކުން،
    ބީހުމުން ރޯޅިތައް ގައި ހަމުގަ،
      ހިއްސުތައް ހޭލަޔޭ ފިނިކަމުން، އުޑުމަތިން….

ކަޝްފުވެއްޖޭ އަދިރިކަން މިރޭ،
   ވީމަ ފަރުދާ އެއަލިކަން ދުވާލު،
     ގަސްރުކަށް ދޫނިތައް ގޮސްފިޔޭ،
      ހާލިތައް ހޯދުމަށް ނިމި ދުވާލު، އުޑުމަތިން…