ކަނޑާއި ކަނޑުގެ ޒޯންތައް

ކަނޑަކީ ދިވެހިންނަށް އައު އެއްޗެއްނޫނެވެ. ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމަކަށްވެފައި، ޤައުމުގެ 90 އިންސައްތައަށްވުރެ ބޮޑު ސަރަހައްދަކީ ކަނޑެވެ. އަޅުގަނޑުމެން ރާއްޖޭގެ އާބާދީގެ ގިނައާއިލަތަކަކީ ކަނޑުން ލިބޭ ރޯދީގެ މައްޗަށް ދިރިއުޅުން ބަރޯސާވެފައިވާ އާއިލާތަކެކެވެ. ދުނިޔޭގެ ބޭރުފަރާތުގެ (ސާފޭސްގެ) 70 އިންސައްތަ އަކީ ކަނޑެވެ. ވުމާއިއެކު މުޅިދުނިޔޭގެ އާބާދީގެ ބޮޑުބައެއް ކަނޑުންލިބޭ ކާނާޔަށް ބުރަވެފައިވެއެވެ. އަދި އެހެންމެ ދުނިޔޭގެ ގިނަ ދިރޭތަކެތީގެ ކާނާއާއި ދިރިއުޅޭނެ މާހައުލު ހޯދަދެނީވެސް ކަނޑެވެ. އެކިބާވަތުގެ ގަސްގަހާގެއްސާއި މަސްމަހާމެހީގެ ދިރުން ކަނޑުގައިވެއެވެ. ނަމަވެސް ފަހަކަށްއައިސް ހިސާބަށްވުރެގިނައިން ކަނޑުން މަސްވެރިކަން ކުރުމާއި، ކަނޑަށް އެޅޭ ވިހަތަކެއްޗާއި ކުނިބުނީގެ ސަބަބުން އަދި އިތުރަށް ދުނިޔެ ހޫނުވަމުން ދިޔުމުގެ ސަބަބުން ބައެއްބާވަތްތަކުގެ ދިރޭތަކެތި ނެތިދިއުމުގެ ނުރައްކާ މިހާރުވަނީ ކުރިމަތިވެފައެވެ. ކަނޑުގެ އެކިފުންމިނުގައި ﷲ އެކިބާވަތުގެ ދިރުން ލައްވަވާފައިވެއެވެ. އެތަކެތީގެ ހަށިތައް އެމާހައުލަށް ހޭނޭގޮތަށެވެ. ތިރީގައި ތަސްވީރުން ދައްކައިދެނީ ކަނޑު ޒޯންތަކަށް ބެހިފައިވާގޮތެވެ.

Credit: K. Aainsqatsi (2007)

ކަނޑުގެ ޒޯންތައް ބެހިފައިވާގޮތް- ސޯސް: Wikimedia Commons


އެޕިޕެލަޖިކް ޒޯނާއި މެސޯޕެލާޖިކް ޒޯން

އެޕިޕެލަޖިކް ޒޯންއަކީ ކަނޑުގެ މަތީ ސަތަހައިން ފެށިގެން 200 މީޓަރު ފުނަށް ހުންނަ ސަރަހައްދެވެ. މިސަރަޙައްދަކީ އެކަށީގެންވާ މިންވަރަކަށް އަލިލިބޭ ސަރަހައްދަކަށް ވުމާއި އެކު މޫދުގައިހެދޭ ގިނަ ގަސްގަހާގެއްސާއި މަސްމަހާމެހި އުޅޭމާހައުލެވެ. ގަސްގަހާގެއްސާއި ބައެއްބާވަތުގެ ދިރޭތަކެތި އިރުގެ އަލިންކާނާ އުފައްދަނީ (ޕޮޓޯ ސިންތެސިސް) މި ޒޯންގައެވެ.  ޕްލެންޓަންއާއި މޫދުވިނައިގެ ބާވަތަތްތަކާއި (ސީވީޑާއި) ޖެލީފިޝްއާއި ކަޅުބިލަމަހާއި މިޔަރާއި ކޯމަސްފަދަ ތަކެތީގެ މާހައުލަކީ މިއެވެ. ވުމާއިއެކު އިންސާނުންގެ ކަނޑުގެ ރޯދިވެސް ބިނާވަނީ މިޒޯނަށެވެ. 

މެސޯޕެލާޖިކް ނުވަތަ ޓްވިލައިޓް ޒޯންއަކީ ކަނޑުގެ ސަތަހައިން ފެށިގެން 200 މީޓަރު އަޑިން 1000 މީޓަރު އަޑިޔާއި ދެމެދެވެ. މިސަރަހައްދުގެ އަލިކަން ހުންނަނީ އިރުއޮއްސި އަދިރިވާ ވަޤުތުގެ އަލިކަން ހުންނަމިންވަރަށެވެ. މިޒޯންގެ މައްޗަށްވުރެ އަޑި އަނދިރިއެވެ. މިހިސާބުގައި އެންމެ އާންމުކޮށް އުޅޭ ދިރޭތަކެއްޗަކީ އަމިއްލައަށް ކާނާ ނުއުފެއްދޭ، އެކަމަކު އަހެންތަކެތި އެއީ ކާނާކަމުގައި ބޭނުންކުރާ، ހެޓްރޯޓްރޯފިކް ބެކްޓީރިޔާއެވެ. މިއީ ޔީސްޓް ފަދައިން ކާނާހޯދާ ބެކްޓީރިޔާއެކެވެ. މިސަރަހައްދުގައި އުޅޭ އެހެންބާވަތްތަކުގެ ތެރޭ ހިމެނެނީ ސްވޯޑްފިޝް، ސްކްއިޑް، އަނަރްކަޑަޑައި (ވުލްފް ފިޝް) އަދި ކަޓްލްފިޝް ފަދަ މަސްމަހާމެއްސެވެ. ތިރީގައިވަނީ ބައެއްމަސްމަހުގެ ފޮޓޯތަކެކެވެ. 

Credit: MathKnight (2011)

ސްވޯޑް ފިޝް-ސޯސް:Wikimedia Commons  

Credit: Andrepiazza (2012)

ކަޓްލްފިޝް :  ސޯސް: Wikimedia Commons


ބެތިޕޮލާޖިކް ޒޯނާއި އެބިސޮފްލާޖިކް ޒޯނާއި ހެޔެލްޕްލާޖިކް ޒޯން

ބެތިޕޮލާޖިކް ޒޯން ނުވަތަ މިޑްނައިޓް ޒޯންއަކީ ކަނޑުގެ ސަތަހައިން ފެށިގެން 1000 މީޓަރުފުނުން 4000 މީޓަރާއި ދެމެދުގެ ސަރަހައްދެވެ. މިހިސާބު ކަނުއަދިރިވުމާއި އެކު މިތަނުން ހަމައެކަނި ފެންނައަލިކަމަކީ މިހިސާބުގައި ދިރިއުޅޭ ތަކެތީގެ އަމިއްލަ ހަށިގަނޑުން އުފައްދާ އަލިކަމެވެ. މިތަނުގެ ޕްރެޝަރު އެޓްމޮސްފްރިކް ޕްރެޝަރަށް ވުރެ 100ގުނަ އާއި 400 ގުނައާއި ދެމެދު އަދަދަކަށް މަތިއެވެ. ނަމަވެސް މިޕްރެޝަރުގައިވެސް ﷲ ދިރޭތަކެތި ލައްވަވާފައިވެއެވެ. މީގެ ބައެއްބާވަތްތަކުގެ ތެރޭގައި ފްރިލްޝާކް، އެޓްލާންޓިކް ވުލްފިޝް، ފޭންގްޓޫތް ފިޝް، ސިކްސްގިލް ޝާކް، ވެމްޕަޔާރ ސްކިއިޑް، ޕެސިފިކް ވައިޕާފިޝް އަދި ވުލްފްފިޝް ހިމެނެއެވެ. މިމަސްތައް ބެލުމައްޓަކައި ލިސްޓު ކުރެވިފައިވާ ލިންކަށް ފިއްތަވާލައްވާށެވެ. ތިރީގައިވާ ތަސްވީރުން ދައްކައިދެނީ ފްރިލް ޝާކެކެވެ. މިމަހަކީ 1500 މީޓަރުއަޑީގައި ދިރިއުޅޭ އާދަޔާ ޚިލާފު ސިފައެއް ލިބިގެންވާ މަހެކެވެ.

Credit: Citron / CC-BY-SA-3.0

ފްރިލް ޝާކް- ސޯސް: Wikimedia Commons

އެބިސޮފްލާޖިކް ޒޯން އަކީ ކަނޑުގެ ސަތަހައިން ފެށިގެން 4000 މީޓަރާއި 6000 މީޓަރާއި ދެމެދުގެ ސަރަހައްދެވެ. މިއީ ގަނޑުވާފަދަ ފިނި ކަނުއަދިރި ތަނެކެވެ. ކަނޑުގެ ވަތުގެ 75 އިންސައްތަ ހުންނަނީ މިހިސާބުގައެވެ. މިތަނުގައި ދިރިއުޅެނީ މައިބަދަނުލާ މަދު ސްޓާފިޝް އާއި ކުދި ސްކިޑްގެ ބާވަތްތަކެވެ. 6000 މީޓަރުން ކަނޑުގެ ވަތުގައި ޖެހެންދެން އެއީ ހެޔެލްޕަލާޖިކް ޒޯންއެވެ. ދިމާކަނުއަދިރި މިފިނި ހިސާބުގައި ކަނޑުގެ އެންމެ ފުންހިސާބުވެސް ހިމެނެއެވެ. ދުނިޔޭގެ ކަނޑުގެ އެންމެ ފުންތަނަކީ މެރިޔާނާ ޓްރެންޗްގެ ބައެކެވެ. މިތަނުގެ ފުންމިނަކީ ކަނޑުގެ ސަތަހައިން ފެށިގެން އަޑިޔަށް 10911 މީޓަރެވެ. އެއީ 10.9 ކިލޯމީޓަރެވެ. މެރިޔާނާ ޓްރެންޗަށް އެންމެފުރަތަ ފީނާފައިވަނީ ޔޫ.އެސް. ނޭވީގެ ކެޕްޓަން ޑޮންވޮލްޝް އާއި ސްވިސް އިންޖިނިއާރ ޜާކް ޕިކާޑް، 1960 ވަނަ އަހަރުގައެވެ. ދެން އައަށްފަހު، މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ، ޖޭމްސް ކެމެރަން އެވެ. ޖޭމްސް ކެމެރަން 26 މާރޗް 2012 ގައި މެރިޔާނާ ޓްރެންޗްގެ އެންމެ އަޑިތަން ކަމަށްވާ “ޗެލެންޖާ ޑީޕާއި” ހަމައަށް ވާސިލްވެފައިވަނީ ކަނޑުގެ ސަތަހައަށްވުރެ 10908 މީޓަރު އަޑިޔަށް ފީނައިގެންނެވެ.