3. ސައިރަސް ދަ ގްރޭޓްގެ ހަނގުރާމައިގެ ކެމްޕޭނު ދަތުރުފުޅުތައް
 
ސައިރަސް ދަ ގްރޭޓްގެ ބައްޕާފުޅު ނިޔާވުމުން އޭނާއަށް އަންޝާންގެ ރަސްކަން  559 ބީސީގައި ލިބިވަޑައިގަތެވެ. އަދި އެގޮތުން ސައިރަސް އަންޝާންގެ 4 ވަނަ ރަސްގެފާނަށް ވެވަޑައިގަތެވެ. އޭރު އަންޝާން އަކީ މީޑިއަން އެމްޕަޔާގެ ބައެކެވެ. ވަކިވަކިވެގެން ދިރިއުޅެމުންއައި ފާރިސީންގެ ޤަބީލާތައް ސައިރަސް އެއްގަލަކަށް ގެންނަވައި މީޑިއަން އެމްޕެޔާރ އާއި ދެކޮޅަށް ނިކުމެވަޑައިގަތެވެ. ނަތީޖާއަކަށްވީ އެ އެމްޕަޔާރގެ ރަސްގެފާނު އަސްޓިޔަގަސް (Astyages)، އަންޝާން ހިއްޕެވުމަށް ލަޝްކަރުތައް ފޮނުއްވުމެވެ. ނަމަވެސް ސައިރަސް ދޫދެއްވުމެއް ނެތި، 3 އަހަރު ދިގުދެމިގެންދިޔަ ހަނގުރާމަ ކާމިޔާބުކުރައްވައި 550 ބީ.ސީ. ގައި މީޑިޔާ (Media) ހިއްޕެވިއެވެ. ނަތީޖާއެއްގެގޮތުން މީޑިއަން އެމްޕަޔާރގެ  ދަށުގައި އޮތް ސަރަހައްދުތައް ސައިރަސްގެ އަކީމަނީޑް އެމްޕަޔާރގެ ބައިތަކަށް ވެގެން ދިޔައެވެ. މީޑިޔަން އެމްޕަޔާރގެ ދަށުގައި ވެރިކަންކުރެއްވި ބައެއް ރަސްރަސްކަލުންނަށް އެކަން ހަޖަމުވެ ވަޑައިނުގެން ދެކޮޅުވެރިވުމުގެ ސަބަބުން އިތުރު ހަގުރާމަތަކެއް ސައިރަސް ކުރައްވަން ޖެހިވަޑައިގަތެވެ. އެގޮތުން ބެކްޓްރާ (މިހާރުގެ އަފްއާނިސްތާނު/ބަލްކަން ސަރަހައްދު) ފަދަ އިތުރު ސަރަހައްދުތަކުގެ ރަސްރަސްކަލުންނާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކުރަންވަން ޖެހިވަޑައިގަތެވެ. އެންމެފަހުން އެތަންތަންވެސް ރަސްމީ ސިފައެއްގައި ސައިރަސްގެ ބާރުގެ ދަށަށްގެންނެވިއެވެ.