7. ކެސްޕިއަންސީގެ ދެ ފަރާތުގައިވާ ބޮޑެތި ފާރުތައް ބިނާކުރެއްވީ ކާކު؟
 
އިރުދެކުނު ކެސްޕިއަން ކަނޑުން އިރުމަތީ ހުންނަ ބިލިޚު ފަރުބަދަޔާއި ހަމަޔަށް މިހާރު ފެންނަންހުރި 200 ކިލޯމީޓަރުދިގު ވީރާނާ ވެފައިވާ ފާރަކީ، އަޅުގަނޑުގެ ހިތުގައި ގިނަ ސުވާލުތަކެއް އުފެދުނު ފާރެކެވެ.  މިހުރިހާ ދުވަހަށް މިފާރުވަނީ ވޭތުވެދިޔަ 15 ޤަރުނުގެ ތެރޭގައި ފަސްއެޅި ބިމުއަޑީގައެވެ. ހަމައެކަނި ދަނޑުތައް ވަކިކޮށްދޭ އުސްފަސްގަޑެއްގެ ގޮތުގައެވެ. ގެއްލިފައި އޮތްފާރު ހާމަވެގެންދިޔައީ ވަރަށްފަހުން އާކިޔޮލޮޖިސްޓުން މިތަންކޮނެގެން ހޯދުމުންނެވެ. ދެކުނުފަރާތު ކެސްޕިއަން ކަނޑުގެ އައްސޭރީގައި އޮންނަނީ ހިރުކެއިނިއާ އެވެ. މި ސަރަހައްދަކީ ވަރަށް ބިންގަނޑުރަގަޅު އަދި މޫސުމް ރަގަޅު އަދި ދަނޑުވެރިކަމާއި ޝިކާރަކުރުމުން ދިރިއުޅެވޭނެ ގިނަބަޔަކު އާބާދުކުރެވިދާނެ ސަރަހައްދެކެވެ. ހިރުކޭނިޔާ އޮންނަނީ އުތުރުން ކެސްޕިއަން ކަނޑުން ރައްކާތެރިކުރެވިފައެވެ، އަދި ދެކުނުން ފަރުބަދަމަތިން ނިވާވެފައެވެ. ނަމެވެސް އުތުރު ދެކުނު ފަރާތު ހާމަބިން އޮތުމުން ސަސާނިޑް އެމްޕަޔާގެ ދުވަސްވަރު ދޮން ހަންސް އިންނަށް މިތަން ފެނި ހަމަލާދީ އޭގެ ސަބަބުން އެރަށުގެ އަހުލުވެރިންނަށް ބޮޑެތި ގެއްލުންވަމުން ގޮސްފައިވެއެވެ. އެހެންކަމުން މިބިޔަ ފާރަކީ ބޭރުން އަރާ އެފަދަމީހުންގެ ކިބައިން ސަލާމަތްވާން ރާނާފައިވާ ފާރެކެވެ. މިއީ ބޭރުފަރާތުގައި ފެނުގެ ކާނުތައްލައިފައިވާ ބޮޑުފާކެވެ.  މިފާރުގެ ފުޅާމިން 6-10 މީޓަރު ހުރެއެވެ. އަދި ކޮންމެ 10-15 ކިލޯމީޓަރެއްގެ ދުރުމިނުގައި ކޯއްޓޭއެއް ވެސް ވެއެވެ.
 
 
ގްރޭޓްވޯލް އޮފް ގޯގަން. ފާރިސްކަރައިގައި ވެރިކަންކުރި ސަސާނިއަނުން ހަދާފައިވާ ފޯޓިފިކޭޝަންއެއް. އެލްގެންޑާ ހެދިތަނެއް ނޫން. ސޯސް- :Twitter
 
މިގޮތަށް ގާތްގަނޑަކަށް 40 ކޯއްޓޭވެއެވެ. ކެސްޕިއަންސީގެ ހުޅަގުގައި ވެސް މިފަދަ ފޯޓިފިކޭޝަންއެއް (ހުރަހެއް) ލެވިފައިވެއެވެ. ކޯކަސަސް ފަރުބަދަތަކުގެ ތެރޭލެވުނު މިފޯޓިފިކޭޝަންގެ އަކީވެސް ސަސާނިއަން އެމްޕަޔާރގެ ދުވަސްވަރު ގެ ބިނާއެކެވެ. މިފާރުދަމާލެވިފައިވަނީ ކޯކަސަސް ފަރުުބަދަ އިގެ މެދުގައި ހުރަސްކުރެވެން ހުންނަ ޑެރިއަލް ޕާސަސް (އަލާން ގޭޓްސް/ ޑެރިއަލް ގޯޖް) ތަކުންގޮސް ކެސްޕިއަން ކަނޑުގެ ހުޅަނގު ބިތުގައި އޮންނަ ޑާބެންޓް އާއި ހަމަޔަށެވެ. ޑެރިއަލް ޕާސް އަކީ ގޯޖް (ފަރުބަދަތަަކުގެ މެދުގައި ފެންކޯރެއް އޮންނަ ހަނި ވާދީއެއް) އެކުލެވިގެންވާ ސަރަހައްދެކެވެ. މި މަގު އަކީމަނީޑް އެމްޕަޔާގެ ދުވަސްވަރުން ފެށިގެންވެސް ބަންދުކުރެވެމުން އަންނަކަން ތާރީޚުން އެނގެއެވެ.
 
ސަސާނިއަން ޑިފެންސް ލައިން” ސޯސް- Roderich von Erckert
 
ފަހުން މިދެންނެވި ތަނަކީ ކޯކަސަސް ފަރުބަދަތައް ހުރަސްކޮށް ދަތުރުކުރާ މަގެއް އޮންނަތަނަކަށް ވުމާއެކު ވަރަށް މުހިއްމު ތަނެކެވެ. ރޫމީންގެ ތާރީޚީ އިލްމުވެރިން ވަރަށް ފަހާޖެހެންދެން ޕްރޮމޯޓްކުރަމުން ދިޔައީ ކެސްޕިއަންކަނޑުގެ ދެފަރާތުގައި ވާ މިދެ ފާރަކީ އެލެގްޒެންޑާރ ދަގްރޭޓް ބިނާ  ކުރެއްވި ތަންތަންކަމަށެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމުންވެސް އެލްގްޒެންޑާރ ދަ ގްރޭޓް އަކީ ذو القَرْنَين ކަމަށް ބަލަމުން ގޮސްފައިވެއެވެ. ނަމަވެސް ފަހުގެ އާކިޔޮލޮޖިކަލް ހޯދުންތަކުން އެނގިފައިވަނީ އެއީ ފާރިސްކަރައިގައި ވެރިކަން ކުރި ސަސާނިއަނުން އެބައިމީހުންގެ ސަރަހައްދުތައް ބޭރުގެ ބާރުތަކުން ހިމާޔަތްކުރަން ސައިރަސް އާއި އެލެގްޒެނޑާރ ގެ ފަހުން ބިނާކުރިފާރުތަކެއް ކަމުގައެވެ.  މި ފާރުތަކަކީ ذو القَرْنَين ލައިދެއްވި ހުރަހެއްވެސް ނޫނެވެ. ސަބަބަކީ މި ފާރުތަކުގެ އެއްކޮޅު ނިމެނީ ކެސްޕިއަން ކަނޑަށެވެ. ذو القَرْنَين ބިނާކުރެއްވި ހުރަހަކީ ދެފަރުބަދަ ދެމެދު ލެވިފައިވާ ހުރަހެކެވެ.