އާޓިފިޝަލް ސިލެކްޝަން އާއި ކްރޮސް ބްރީޑިންގ

އިންސާނުން އަމިއްލައަށް އެކިގޮތްގޮތުން ހަދާ ހައިބްރިޑް ގަސްގާހާގެއްސާއި މޭވާ އަދި ޖަނަވާރަކީ އާޓިފިޝަލް ސިލެކްޝަންގެ ސަބުން އަންނަ ބަދަލެއްކަމުގައި ސައިންސްވެރިން ވިދާޅުވެއެވެ. މިއީ ނެޗުރަލް ސިލެކްޝަންގެ އިދިކޮޅެވެ. ޑާވިންގެ މަޝްހޫރު ދަތުރުފުޅުގައި ކްރޮސް ބްރީޑް ކޮށްފައިވާ ޖަނަވާރާއި (މިސާލަކަށް މިއުލް) ގަސްގަހާގެހި ބައްލަވާފައިވެއެވެ.  ކްރޮސް ބްރީޑް ކުރާއިރު އެއް އާޢިލާއެއްގެ ގާތްގުޅުން ހުންނަބާވަތުގެ އެއްގަހުން ޕޯލެން ނަގައި ފަރުވާތެރިކަމާއެކު އަނެއްގަހުގެ މަލެއްގެ ސްޓިގްމާގައި ހާއްކައިގެން (ސެލްފް ޕޯލިނޭޓް ނުވާގޮތަށް) ދެގަހުގެ ސިފަލިބިގެންވާ މޭވާއެއް ލިބޭގޮތް ފުރަތަމަ ހަދަނީއެވެ. މިދެންނެވި މޭވާގެ އޮށް އިންދައިގެން އައު ޓްރެއިޓްސް ލިބިގެންވާ ފުރަތަމަ ޖެނެރޭޝަންގެ ގަހެއްފަޅުވަނީއެވެ. މުޅިން ސައްޚަ ގަހެއްލިބުމަށް ގާތްގަޑަކަށް 5 ނުވަތަ 6 ޖަނެރޭޝަން އަށް ގަސް އިންދަންޖެހެއެވެ. މިގޮތަށް ހައިބްރިޑްގަސް އުފަންކުރުމަކީ ގިނަދުވަސްނަގާ ކަމަކަށް ވުމާއެކު މިހާރު ޖެނެޓިކް އިންޖިނަރިންބޭނުންކޮށްގެން ހައިބްރިޑް ގަސް އުފަންކުރުވައެވެ. ދަނޑުވެރިކަމުގައި މިހާރު ވަރަށްގިނައިން ހައިބްރިޑް އޮށުން ގަސްފަޅުވައިގެން ތަރުކާރީއާއި މޭވާ ހައްދައެވެ. އެކަމަކު އާންމުކޮށް ހައިބްރިޑް ގަސްގަހުގެ އޮށުން ގަސް ނުފަޅާތީ އެއްބާވަތަކުންނޫނީ މިކަންކުރަން ވަރަށް އުދަގުލެވެ. ބަލިތަކުންދުރު ރަހަމީީރު ނުވަތަ އޮށް ނުހުންނަ މޭވާވެސް ހައިބްރިޑް ގަސްގަހުން ލިބެއެވެ.

ޓޭބެރީ: ލޮގަންބެރީ އާއި ބްލެކް ރާސްބެރީގެ ހައިބްރިޑެއް

ގަސްގަހާގެއްސާއި އެއްގޮތަށް ޖަނަވާރުވެސް ކްރޮސް ބްރީޑް ވެއެވެ. އެތައް ޤަރުނެއްވަންދެން އިންސާނުން އޮޅުކޮއްގެން ގެންގުޅޭ ޖަނަވާރުގެ ބާވަތްތައް ބްރީޑްކޮށްގެން ބަދަލުތައް ގެނަސްފައިވެއެވެ. މިގޮތުން އެއް އާއިލާއަށް ނިސްބަތްވާ ތަފާތުޖަނަވާރުން އެހެން ޖަނަވާރެއް އުފަންވެއެވެ. ތިރިގައިވާ ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ މިއުލް އެކެވެ. ފިރިހެން ހިމާރާއި އަންހެން އަހުގެ ދަރިއެކެވެ. މިއުލްގެ ވިސްނުން އޭގެ މައިންބަފައިނަށް ވުރެ ރަގަޅެވެ.  ގާތްގަޑަކަށް 90 ކިލޯގެ ބުރަދަން އޭގެ ބުރަކަށިމަތީގައި އުފުލެއެވެ. ޕާކިސްތާނު ސިފައިން ގާތްގަޑަކަށް 72 ކިލޯގްރާމް ބުރަދަން 26 ކިލޯމީޓަރަށް އަރާމެއްނެތި މިއުލް ލައްވާ އުފުލައެވެ. މިއުލްގެ އަންހެން މިއުލް ބައެއްފަހަރު ބަލިވެ އިނދެ ދަރިންލިބެއެވެ. އެކަމަކު ވަރަށް މަދުންނެވެ. ޒިބްރާއާއި ހިމާރަށް ލިބޭ ދަރިއަށް ކިޔަނީ ޒިބްރޮއިޑެވެ. ލަޔަން އާއި ޓައިގާގެ ހައިބްރިޑަކީ ލިގާއެވެ. އަދި ޖެގުއާރއާޢި ލަޔަންގެ ހައިބްރިޑަކީ ޖެގްލަޔަންއެވެ. ތަފާތު ސްޕީސީސް މިގޮތަށް ހައިބްރިޑް ކުރެވުނަސް އާންމުކޮށް އަލަށް އުފަންވާ ޖަނަވާރަށް ދަރިންނުލިބޭގޮތް ލައްވައިފައިވެއެވެ. އަދި ލިބުނުކަމުގައިވިޔަސް އެފަދަ ޖަނަވާރުތައް އާލާނުވާނެ ނިޒާމް މިކާއިނާތުގައި ﷲ ލައްވަވާފައިވެއެވެ. މިގޮތަށް ކްރޮސް ބްރީޑް ކުރުން އާންމުވެއްޖެ ނަމަ ޖީން ޕޫލަށް ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމުގައި ބައެއް ސައިންސްވެރިން ދެކެވަޑައިގަންނަވައެވެ. 

މިއުލް: ހިމާރާއި އަހުގެ ހައިބްރިޑެއް