ޑާވިންގެ އިވޮލިއުޝަނަރީ މޮޑަލް އާއި އިސްލާޙް 

އިވޮލިއުޝަންގެ ޚިޔާލަކީ ޑާވިންގެ ކުރިންވެސް އެރިސްޓޯޓަލްފަދަ ބޭބޭފުޅުންވެސް ގެންގުޅުއްވަމުންއައި ޚިޔާލެކެވެ. ދިރޭތަކެތި އޮބްޒާވްކުރައްވައި، އަޅައިކިޔުއްވައިގެން އަދި އޭރުލިބެންހުރި ސައިންޓިފިކް އުޞޫލުތައް ބޭނުންފުޅުކުރައްވައިގެން އިވޮލިއުޝަން އަކީ ތެދުއެއްޗެއްކަން ދައްކެވުމަށް އެންމެބޮޑަށް މަސައްކަތްކުރެއްވި އެއްބޭފުޅަކަށް ޑާވިންވާނެކަން ކަށަވަރެވެ. އޮރިޖިން އޮފް ސްޕީސީސްގައި، ޑާވިންގެ ތިޔަރީ އޮފް އިވޮލިއުޝަން އޭނާ ހުށައެޅުއްވިއިރު އިވޮލިއުޝަނަށް އެންމެބޮޑުބާރު ލިއްބައިދިން އެއްޗަކީ ނެޗުރަލްސިލެކްޝަން އެވެ. ޑާވިންގެ އަސްލުތިއަރީގައި ބުނަނީ ތިމާއުޅޭ މާޙައުލަށް ނުވަތަ ވެށްޓަށް އެންމެބޮޑަށް ހޭނޭ އަދި ދަރިން ލިބޭ އެއްޗެއް ސަވައިވްވާކަމުގައެވެ. މިބުނާއެއްޗެއްގެ މާނަ ދަންނަވާލާނަމެވެ. ދިރޭތަކެތީގެ ދެމެދު ކޮންމެވެސް ތަފާތެއް ހުރެފައި އެތަފާތަކީ ވާރުތަވާއެއްޗެއްނަމަ އެންމެފައިދާހުރި ތަފާތުލިބިގެންވާ ދިރޭތަކެތި ސިލެކްޓް (ހޮވޭ) ވެއެވެ. އަދި އެހެންމެ ދަރިންލިބުމުގެ ކާމިޔާބީގެ ތަފާތުގެ ސަބަބުން އެ ސްޕީސީސް އެއްގެ އާބާދީ ބަދަލުވަމުން (އިވޯލްވަމުން) ކުރިއަށްދެއެވެ.  މިގޮތުން އެކަށީގެންވާ މިންވަރެއްގެ ތަފާތު ހުންނަނަމަ ވަކި ސްޕީސީސް އަކަށްވެސްބަދަލުވެއެވެ. 

ހަޤީގަތުގައި ޑާވިންގެ ތިއަރީ އޮފް އިވޮލިއުޝަންގައިވާ އެންމެބޮޑު ބާގަނޑަކީ ވާރުތަވާ ސިފަތައް އަންނަނީ ކިހިނެއްތޯ ޑާވިންއަށް ވިދާޅުވެދޭން އެނގިވަޑައިނުގަތުމެވެ. މިބާގަނޑުބެއްދެވުމަށް އުނގުރިއެއްޖެއްސެވުމުގެ ގޮތުން “ތިޔަރީ އޮފް ޕެންޖެނެސިސް” ގެ ނަމުގައި މިހާރު މީހުން ޤަބޫލުނުކުރާ ތިޔައަރީއެއް 1868 ގައި އޭނާ ލިޔުއްވި “ދަ ވޭރިއޭޝަން އޮފް އެނިމަލް ޕްލާންޓްސް އަންޑާ ޑޮމެސްޓިކޭޝަން” މި ފޮތުގައި ބަޔާންކުރެއްވިއެވެ. ޕެންޖެނިސިސް ތިޔަރީގައިވާ ގޮތުން ހަށިގަނޑުގެ އެންމެހާގުނަވަންތަކުން ޖެމިއުލްސް ކިޔާ ކުދިއެތިކޮޅުތަކެއް ޖިންސީގުނަވަނަށް ޖަމާވެގެން ފާޓިލައިޒޭޝަންގެތެރޭ ދަރިންނަށް ވާޞިލްވަނީއެވެ. ނުސީދާގޮތުގައި މި ތިއަރީ ބުނަނީ ދިރޭއެއްޗެއްގެ ޙަޔާތުގައި އޭނާގެ ހަށިގަނޑަށް އަންނަބަދަލުތައް ދަރިންނަށް ވާރުތަ ވާކަމުގައެވެ (ލެމާކިޒަމް). ސްޕާމާއި ބިހުގައި އެކުލެވިގެންވާ ޖެނެޓިކް މަޢުލޫމާތަކީ މިހެން އެއްވާ އެއްޗެއްނޫންކަން އަޅުގަނޑުމެންނަށް މިހާރު އެގެއެވެ.

ޗާލްސް ޑާވިން (1854-1882): ސޯސް: wikimedia commons

ޑާވިން، ނެޗުރަލް ސިލެކްޝަން ތައާރަފް ކުރެއްވިއިރު މިޒަމާނުގެ ޖެނެޓިކްގެ ތިއަރީއެއް އުފެދިފައި އަދިނެތެވެ. ގްރެގާ މެންޑަލްގެ މަސައްކަތް 1900 ގައި އަލުން ހޯދުމާއިއެކު 20 ވަނަ ޤަރުނުގެ ކުރީކޮޅު، ނެޗުރަލް ސިލެކްޝަންއާއި މެންޑެލްސް ލޯ އޮފް އިންހެރިޓެންސާއި ގުޅުވާލެވިގެން މޮޑާން ސިންތަސިސް ނެރުމުން ގިނަ ސައިންސްވެރިން ނެޗުރަލް ސިލެކްޝަން ޤަބޫލުކުރެއްވިއެވެ. މޮޑަން ސިންތަސިސްގައި ބުނަނީ ކޮންމެ ދިރޭ އެއްޗެއްގެ އާބާދީގައި ވޭރިއޭޝަން (ތަފާތު) ހުންނަކަމާއި އަދި މީގެ އެއްސަބަބަކީ ކޮންމެ ދިރޭއެއްޗެއްގެ ޖިނޯމްގައި އުފެދޭ ރެންޑަމް މިއުޓޭޝަންގެ ސަބަބުންކަމާއި އަދި އެދިރޭއެއްޗެއްގެ ދަރިންނަށް އެމިއުޓޭޝަން ވާރުތަވާކަމުގައެވެ. ދިރޭއެއްޗެއްގެ ޙަޔާތުގައި އޭގެ ޖީނޯމް (ޖެނެޓިކް މެޓީރިއަލް) ވަށައިގެންވާ ވެއްޓާއި އުފައްދާ ގުޅުމުގެ ސަބަބުން މި ޓްރެއިޓްސް (ސިފަތައް) އަށް ބަދަލު އަންނަކަމުގައެވެ. ވުމާއެކު ބައެއްކަހަލަ ޓްރެއިޓްސް ލިބިގެންވާ ދިރޭތަކެތި އެހެން ދިރޭތަކެއްޗަށް ވުރެބޮޑަށް ސަވައިވްވެ ދަރިންލިބި ޕޮޕިއުލޭޝަން (އެބާވަތް) އިވޯލްވާކަމުގައެވެ.