ދިރުން ފުރަތަމަ އުފެދުނީ ކޮން ތަނެއްގައިބާ؟

ރަންސަލީޔާ ޕޮލިޓެކްނިކް އިންސްޓިޓިއުޓް ގެ ނިއުޔޯކްސެންޓާރ ފޯރ އެސްޓްރޯބަޔޮލޮޖީގެ ސައިންސްވެރިން ވަނީ ދުނިޔޭގައިވާ އެންމެދުވަސްވީ މިނަރަލް (ޒިރިކޮން) ބޭނުންކޮށްގެން، ދުނިޔެ އުފަންވުމަށްފަހު ވައިގެފަށަލައިގެ (އެޓްމޮސްފިޔާ) ހާލަތު ދެނެގަތުމަށް ދިރާސާތަކެއް ކުރައްވާފައެވެ. މި ދިރާސާއިން ދައްކާފައިވަނީ ކުރިން ހީކުރަމުން އައިގޮތާއި ޚިލާފަށް، ދުނިޔޭގެ އުމުރުން 500 މިލިޔަން އަހަރުގައިވެސް ދުނިޔޭގެ ވައިގެފަށަލަ ވަނީ މިހާރުވެސް މިހިރަ ހާލަތާއި ގާތްކުރާގޮތަށް ކަމުގައެވެ. މީތޭނުން ފުރިގެންވާ ވޭސްޓް ބިމެއްގެ ގޮތުގައެއްނޫނެވެ. ކުރިން ހީކުރެވެމުން އައިސްފައިވަނީ ފުރަތަމަ ދިރޭތަކެތި އުފަންވެފައިވަނީ މީތޭން އާއި، ކާބަން މޮނޮ އޮކްސައިޑް އާއި، ހައިޑްރިޖަން ސަލްފައިޑް އާއި އެމޯނިޔާ އެކުލެވިގެންވި، އޮކްސިޖަން މަދު ވައިގެފަށަލައެއް އެކުލެވިގެންވި ދުނިޔެއެއްގައި ކަމުގައެވެ. ރަންސަލީޔާ އާރްޕީއައި ނިއުސްއަށް ޕްރޮފެސާރ ބްރޫސް ވޮޓްސަން ވިދާޅުވެފައިވަނީ، “އޮރިޖިން އޮފް ލައިފް އޮން އާތް” ދިރާސާކުރައްވާ ސައިންސްވެރިން ނުބައި ވައިގެ ފަށަލައެއް ނަންގަވާކަމުގައި ފުދޭވަރެއްގެ ޔަޤީންކަމާއެކު ވިދާޅުވަން އެނގޭކަމުގައެވެ. ބްރޫސް ވޮޓްސަން ވިދާޅުވާގޮތުގައި އޭނާގެޓީމުން ޤަބޫލުކުރަނީ ދިރުން ސަޕޯރޓްކޮށްދޭ އެމިނޯ އެސިޑާއި ޑީއެންއޭ އުފެދިފައިވަނީ ދުނިޔޭގައި ނޫންކަމާއި ގެލެކްސީގެ އެހެންދިމާއަކުން އައިތަކެތި ކަމުގައެވެ (ރަންސަލީޔާ، 2011). މިދިރާސާއަށް ފަންޑުކޮށްފައިވަނީ ނާސާއިންނެވެ. އަދި މިދިރާސާ ޖާނަލް ނޭޗާރގައި ޖަހާފައިވެއެވެ.

ކޮންމެގޮތެއްވިޔަސް މިދިރާސާއަކީ، ޑޯކިން (1976) އޭނާގެ ފޮތް “ސެލްފިޝް ޖީންސް” ގައި އެވިދާޅުވާފަދައިން ޑީއެންއޭ އުފެދިފައި ނުވާކަމުގެ އަލިގަދަ ހެއްކެކެވެ. ނުސީދާގޮތުގައި ޑޯކިން ވިދާޅުވާ މިލާ ޔުރީ އެކްސްޕރެމިންޓުން ކުރީގެ ދުނިޔޭގެ އެޓްމޮސްފިޔާގެ ޙާލަތުގެސަބަބުން އެމިނޯ އެސިޑްގެ ބާވަތްތަކެއް އުފެދުނު ކަމަށް ދެއްކިޔަސް ދިރުން ލިބުނު ކަމުގެ އެއްވެސްކަހަލަ ހެއްކެއް މިހާހިސާބަށް އެ އެކްސްޕެރިމްންޓް ތަކުރާރުކުރި އެއްވެސް މީހަކަށް ފެނިފައެއް ނުވެއެވެ. ވުމާއެކު ސިމްޕަލް މޮލިކިއުލްތަކަކުން ރެންޑަމްކޮށް، އޭނާގެ ބަހުންނަމަ ރެޕްލިކޭޓަރ ނުވަތަ ޑީއެންއޭ އުފެދި ދިރުމެއް ނައަންނާނެއެވެ. އެހެންކަމާއެކު ކުރިންވެސް އަޅުގަނޑު ބަޔާންކުރިފަދައިން އެއްވެސް މޮލިކިއުލްއަކީ ދިރޭއެއްޗެއް ނޫންކަމުގައި އަނެއްކާވެސް ތަކުރާރުކޮށްލާނަމެވެ. އިންސާނާޔަށް ކެމިކަލްގޮތުން މޮލިކިއުލްއެއް އުފެއްދިދާނެއެވެ. ނަމަވެސް އެޔަށް ދިރުމެއް ނުދެވޭނެއެވެ. ދިރޭސެލްއަކުން ކްރޮމޮޒޯންއެއްނަގައިގެން އެހެން ސެލްއަކަށް ލައިގެން ދިރުންދެމެހެއްޓުމަކީ ދިރުން ނަޤުލުކުރުމެވެ. އެއީ މާތްﷲ މިކައުނުގައި ލައްވަވާފައިވާ އުޞޫލެކެވެ. އިންސާނާ ދިރުމެއް އުފައްދަނީއެއްނޫނެވެ. އެބާރު ލިބިވޮޑިގެންވަނީ ހަމައެކަނި الله سبحانه وتعالى އަށެވެ.