ދިރުމަކީ ކޮބައިހޭ؟

ދިރުމަކީ ކޮބައިހޭ ދަންނަވައިފިނަމަ، އަޅުގަނޑުމެން ކޮންމެ ބޭފުޅަކުވެސް ވިދާޅުވާނީ ދިރުމަކީ ފުރާނަކަމުގައެވެ. އެހެނަސް އަޅުގަނޑުގެ ޚިޔާލު މިކަމުގައި ތަފާތެވެ. އަޅުގަނޑު ދެކޭގޮތުގައި ދިރުމަކީ ދިރޭއެކަތިން އަނެކައްޗަށް ނަޤުލުވާ އެއްޗެކެވެ. މިގޮތަށް ނަޤުލުވާނެގޮތެއް ނެތްނަމަ އެދިރޭ ބާވަތެއް (ސްޕީސީސް) ނެތިދެއެވެ (އެކްސްޓިންޓް). މިޔާއި ޚިލާފަށް ފުރާނަޔަކީ އަޅުގަނޑުމެން ކޮންމެ އިންސާނަކަށް ލިބޭ ރޫޙާނީއެއްޗެކެވެ. އަދި ހަމައެފަދައިން ޖަނަވާރުންނަށްވެސް ފުރާނަ ލިބިގެންވެއެވެ. ކީރިތި ޤުރުއާންގެ سورة الأنعام ގެ 38 ވަނަ އާޔަތުންވެސް އެކަން އަޅުގަނޑުމެންނަށް ދޭހަވެއެވެ.

وَمَا مِن دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُم ۚ مَّا فَرَّطْنَا فِي الْكِتَابِ مِن شَيْءٍ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ ﴿٣٨﴾ 

ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ކޮންމެ އެއްޗެއްވިޔަސް، އަދި އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް، ތިޔަބައިމީހުން ފަދަ أمّة ތަކެއް ކަމުގައި ނޫނީނުވެއެވެ. ފޮތުގައި (ނުލިޔުއްވާ) ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ. ދެން އެތަކެތި (قيامة ދުވަހުން) އެއްކުރައްވާހުށީ އެތަކެތީގެ ވެރިރަސްކަލާނގެ حضرة އަށެވެ. (ޤުރުއާން، 6:38)

ސައިންސްވެރިން ވިދާޅުވާގޮތުން އެންމެހާ ދިރޭތަކެތި އުފެދިފައި ހުންނަނީ ކުދިކުދި ސެލްތަކަކުންނެވެ. ކޮންމެ ދިރޭއެއްޗެއް ހެދިބޮޑުވަންޖެހޭގޮތާއި ވާރުތަވާ ސިފަތަކާއި އަދި އޭގެ އެންމެހާ ހަރަކާތްތަކުގެ މަޢުލޫމާތު އޭގެސެލްތަކުގެ ނިއުކްލިއަސްގައި ރެކޯޑްވެފައި ވެއެވެ. ދިރޭއެއްޗެއްގެ ސެލްގައި ހުންނަ މިފަދަ ޖެނެޓިކް މަޢުލޫމާތަށް ކިޔާއުޅެނީ “ޖީނޯމް” އެވެ. މި މަޢުލޫމާތުތައް ރައްކާކޮށްފައި ހުންނަ ޖީންސްތައް ހުންނަނީ ކްރޮމޮޒޯންތަކުގައެވެ. ސެލްގެ ނިއުކްލިއަސްގައި ކްރޮމޮޒޯން ހުންނަ މިންވަރު އެކިއެކި ދިރޭބާވަތްތަކުގައި ތަފާތެވެ. ކޮންމެ ޖޯޑެއްގެ ކްރޮމޮޒޯން އެއްގައި މައިމީހާގެ ފަރާތުން ވާރުތަވާ ކްރޮމޮޒޯން އަކާއި ބަފައިމީހާގެ ފަރާތުން ވާރުތަވާ ކްރޮމޮޒޯން އެއްވެއެވެ. އިންސާނުންގެ ކޮންމެ ސެލްއެއްގައި  46 (23 ޖޯޑު) ކްރޮމޮޒޯން ވެއެވެ. ކްރޮމޮޒޯންގެ ޖީންގައި ހުންނަ މަޢުލޫމާތު އެކުލެވިގެންވަނީ ޑީއެންއޭގައެވެ. ޑީއެންއޭ އަކީ އޮޅިފައި ހުންނަ ހަރުގަނޑެއްގެ ސިފަ (ޑަބަލް ހީލިކްސް) ލިބިގެންވާ މޮލިކިއުލްއެކެވެ.

ޖަނަވާރުގެ ސެލް (މަތި) އަދި ސެލްގެ ނިއުކްލިއަސް (ތިރި): ސޯސް: wikimedia commons

ޑީއެން އޭއަކީ އެސިޑް މޮލިކިއުލްއެކެވެ. މަތިން ތިޔަފެނިވަޑައިގަންނަވާ، މި މަޒްމޫނުގެ ފީޗާރޑް-އިމޭޖަކީ ޑިއެންއޭ ހުންނަގޮތުގެ ކުރެހުމެކެވެ. ދުނިޔޭގައި ވަރަށްގިނަ ބާވަތްތަކުގެ މޮލެކިއުލްސް ﷲ ލައްވަވާފައިވެއެވެ. ނަމަވެސް އެއްވެސްބާވަތެއްގެ މޮލިކުލް އަކީ ދިރޭއެއްޗެއް ނޫނެވެ. ޑީއެންއޭއެއް ސެލްއަކުން ވަކިކޮށް ކާނާގެތެރޭ 10،000 އަހަރުވަންދެން ބޭއްވިޔަސް އެއްވެސް ބަދަލެއް އެއަށް ނައަންނާނެއެވެ (ނޮބޭލް، 2016). ވުމާއި އެކު ދިރުން މިއަންނަނީ ވަކިވަކި މޮލެކިއުލްސްތަކަކުން ނޫންކަން އެބައެނގެއެވެ. އޭގެ ބަދަލުގައި ދިރުމަކީ މޮލިކިއުލްސްތައް އެކަތިއަނެކައްޗާއި މުއާމަލާތް ކުރާގޮތުން އެދިރޭއެއްޗަކަށް ލިބޭއެއްޗެއްކަން އެބަދޭހަވެއެވެ. މިކަންމިހެން ހުރުމާއިއެކު ބެލެވެނީ ކޮންމެވެސް ބާރެއް އެ މޮލިކިއުލްސްތަކަށް އެކުރާކަންކަން ކުރަން އިރުޝާދުދޭކަމުގައެވެ.

އޮކްސްފޯޑް ޔުނިވާރސިޓީގެ ޕްރޮފެސާ ނޮބޭލް، ޑީއެންއޭ މޮލެކިއުލްސްތަކުގެ މިސާލަކަށް ދެއްކެވީ ބެއިތޯވަން (މިއުޒިކް ކޮމްޕޯސާރއެއް) މިއުޒިކް ސްކޯއެއްގައި ހުންނަ ލިޔެފައިވާ ނޯޓްތަކެކެވެ. އޭނާ ވިދާޅުވީ މިއުޒިކަކަށް އެނޯޓްތައްވަނީ މިއުޒިކް ކުޅޭމީހުންގެ އާލާތްތަކުން އެކުޅުމުން ކަމުގައެވެ. އެބައިމީހުން އެކުރާކަމަކީ ޕްރޮސެސް އެއްކަމުގައެވެ. ދިރުމަކީ މިފަދަ ޕްރޮސެސް އެއްކަމުގައެވެ. މިގޮތުން އެބައިމީހުން އެދިރުންނުވާ ނޯޓުތަކަށް ދިރުން ގެނަސްދޭކަމުގައެވެ. އެމިސާލަށް އިތުރުކުރައްވަމުން ވިދާޅުވީ އެއްވެސް އާލާތަކުން (އިންސްޓްރޫމެންޓް) މިޔުޒިކެއް ނުއުފެއްދޭނެ ކަމުގައެވެ. ރީތިމިއުޒިކެއް އުފެދޭނީ ކުޅަދާނަ މީހަކު އެކުޅުމުންކަމުގައެވެ. އަޅުގަނޑު ދެކޭގޮތުގައި މިމިސާލަކީ ވަރަށް މައުނަވީ މިސާލަކެވެ. އަޅުގަނޑަށް ދޭހަވީ، ކުޅަދާނަފަރާތެއްގެ އިރުޝާދާއި ބާރު އެ ދިރުންނެތް މޮލިކިއުލްސްތަކަށް ލިބިގެންނޫނީ ދިރުމުގެ ޕްރޮސެސް ކުރިއަކަށް ނުދާނޭކަމުގައެވެ. އަަޅުގަނޑުމެންގެ ހަށިތަކުގައި ތަފާތު 200 ބާވަތުގެ ސެލްވާކަމަށްވެއެވެ. މިސާލަކަށް ޕެންކްރިއާރޓިކް ސެލްއާއި މަސަލް ސެލްއާއި ނާވްސެލް އެވެ. މިހުރިހާ ސެލްތަކެއްގެވެސް ޖީނޯމް އެއްގޮތެވެ، ވީމާ ކޮންމެވެސް ފަރާތަކުން އެސެލްތަކުގެ ޖީނޯމަށް ތަފާތުގޮތްގޮތަށް ޢަމަލުކުރުމަށްވެސް އިރުޝާދުދޭންޖެއެވެ. އަޅުގަނޑުމެން  އެއް އިންސާނަކު އަނެއް އިންސާނަކާ ތަފާތުވަނީ ހަށިގަނޑުގައި ހުންނަމޮލިކިއުލްސް ތަކަކުން ނުމެނޫންމެއެވެ. އެ މޮލިކިއުލްސްތައް އެއްގޮތްވިޔަސް އެތަފާތު އަންނަނީ ޕްރޮސެސް އިންކަމުގައި ބެލެވެއެވެ (ނޮބޭލް، 2016).  ނޮބޭލް އެވިދާޅުވާ ފަރާތަކީ އަޅުގަނޑު ދެކޭގޮތުގައި މާތް ﷲ އެވެ. آدم (عليه السلام) ހަށިގަނޑުގައި ލެއްވި ދިރުންނެތް މޮލިކިއުލްސްތަކަށް އެބާރުދެއްވުމުން އެކަލޭގެފާނު ދިރޭއިންސާނަކަށް ވިއެވެ. އަދި އެދިރުން މެދުނުކެޑި އެއް އިންސާނެއްގެ ކިބައިން އަނެއް އިންސާނެއްގެ ކިބަޔަށް ނަޤުލު ވަމުންދިޔުމުގެ ސަބަބުން އަޅުގަނޑާއި ތިޔަބޭފުޅާއަށްވެސް ދިރުން ލިބުނީއެވެ.

ފުރަތަމަ އިންސާނާ ފޮނުއްވުނުގޮތް ކީރިތި ޤުރުއާންގެ سورة ص ގެ 71 ވަނަ އާޔަތުން 74 ވަނައާޔަތުގެ ނިޔަލަށް އަދި سورة الحجرގެ 28 ވަނަ އާޔަތުން 30 ވަނަ އާޔަތުގެ ނިޔަލަށްވެއެވެ. ފަހުން މިދެންނެވި އާޔަތްތައް މި މަޒުމޫނުގެ ފަހުކޮޅުގައި އަންނާނެއެވެ. ކޮންމެގޮތެއްވިޔަސް ގަސްގަހާގެއްސާއި ޖަނަވާރުގެ ބާވަތްތަކުގެ ފުރަތަމައެތި އައިގޮތެއް އަޅުގަނޑުމެންނަކަށް ނޭގެއެވެ. ފަހަރެއްގައި އޭގެ ކޮންމެބާވަތެއްވެސް އުފެދިގެންއައީ އަޅުގަނޑުމެން އިންސާނުންނެކޭ އެއްފަދައިން އެންމެ ކުޑަކުޑަ ސެލްއަކުން ކަމުގައިވެސް ވެދާނެ އެވެ. އެބާވަތަކަށް ނިސްބަތްވާ ޖެނެޓިކް މަޢުލޫމާތުހުރި ސެލްއެއް ﷲ ކަނޑައެޅުއްވި ވެއްޓެއްގައި ހެދިބޮޑުވެގެން އައިސް އެކަލާނގެ އިރާދަކުރެއްވިގޮތެއްގެ މަތީން އެއް ޖިންސުގެ ހަށިގަނޑުން އަނެއް ޖިންސުވިޔަސް ނުވަތަ ވަކިންވިޔަސް އުފަންވެދާނެއެވެ. މިކަން ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. ޤުރުއާންގައި އެހެނިހެން ދިރޭތަކެތި އުފެއްދެވި ގޮތުގެ ތަފްޞީލް ދެއްވާފައި ނެތަސް سورة النور ގެ 45 ވަނަ އާޔަތުގައި އެންމެހާދިރޭތަކެތި ފެނުން ހައްދަވާފައިވާކަމުގައި އޮވެއެވެ. ހަމަކަށަވަރުންވެސް ކޮންމެ ދިރޭއެއްޗެއްގެ ހަށިގަނޑަށް ފެން ބޭނުންވެއެވެ. އެއީ ކާބޯތަކެތި ހަޖަމުކޮށް އޭގައި ހުންނަ ނިއުޓްރިއަންޓްސް ސެލްތަކަށް ގެންގޮސްދީ ހަކަތައުފެއްދުމަށެވެ.   

وَاللَّـهُ خَلَقَ كُلَّ دَابَّةٍ مِّن مَّاءٍ ۖ فَمِنْهُم مَّن يَمْشِي عَلَىٰ بَطْنِهِ وَمِنْهُم مَّن يَمْشِي عَلَىٰ رِجْلَيْنِ وَمِنْهُم مَّن يَمْشِي عَلَىٰ أَرْبَعٍ ۚ يَخْلُقُ اللَّـهُ مَا يَشَاءُ ۚ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٤٥﴾

އަދި ދިރޭކޮންމެ އެއްޗެއް، اللَّه، ފެނުން ހައްދަވާފައިވެއެވެ. ފަހެ، ބަނޑުލައިލޫދެމުން ހިނގާ ތަކެތި އޭގެތެރެއިންވެއެވެ. އަދި ދެފައިން ހިނގާ ތަކެތިވެސް އޭގެތެރެއިންވެއެވެ. އަދި ހަތަރެސްފައިން ހިނގާ ތަކެތިވެސް އޭގެތެރެއިންވެއެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވަތެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއްގެ މައްޗަށްމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ. (ޤުރުއާން، 24:45)

އަލީލީ -އެއް ކެރެކެޓެރިސްޓިކްސް ކޮންޓްރޯލްކުރާ 2 އަކަށް ވުރެ ގިނަޖީންސް : ސޯސް: wikimedia commons

ވާރުތަވާ ބަލިތަކުގެ ވާހަކަ އަޅުގަނޑުމެން އަޑުއަހަމެވެ. މީގެ ސަބަބަކީ މައިންބަފައިންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބޭ ޑީއެންއޭގެ ސީކުއެންސްތަކަށް ކޮންމެވެސް ގޮތަކުން ބަދަލުތަކެއް އައިސްފައި ހުރުމެވެ. މިގޮތަށް ޑީއެންއޭގެ ސީކުއެންސަށް އަންނަ ބަދަލަށް ކިޔާއުޅެނީ “މިއުޓޭޝަން” އެވެ. މައިންބަފައިންގެ ފަރާތުން ދަރިންނަށް ލިބޭ މިފަދަ މިއުޓޭޝަންތަކަކީ ވާރުތަވާ (ހެރިޑިޓަރީ/ޖާމްލައިން) މިއުޓޭޝަންއެވެ. މީގެ ސަބަބުން މީހާގެ ސިއްޙަތަށް އަސަރުކުރެއެވެ.  ފާޓިލައިޒޭޝަން އަށްފަހު އުފެދޭ މިއުޓޭޝަން އަށް ކިޔަނީ އައު (ޑެނޮވޯ) މިއުޓޭޝަންއެވެ. އާބާދީއެއްގެ ގާތްގަޑަކަށް 1 އިންސަތަޔަށް ވުރެ ގިނަ ޖެނެޓިކް ބަދަލަށް ކިޔަނީ ޕޮލިމޯފިޒަމްއެވެ. ޕޮލިމޯފިޒަމްގެ ސަބަބުން މީހާގެ ސިއްޙަތަކަށް ގެއްލުމެއް ނުވެއެވެ. އޭގެ މިސާލަކީ ލޮލާއި އިސްތަށިގަނޑުގެ ކުލަޔާއި ލޭގެ ބާވަތް ފަދަކަންކަމެވެ.