ނިއޯ-ޑާވިނިޒަމްވެސް އެންމެފަހުން ފެއިލް

ކުރިން ދެންނެވިފަދައިން ނިއޯޑާވިނިޒަމްއަކީ އިސްލާޙު ކުރެވިފައިވާ ޑާވިން ގެ އިވޮލިއުޝަނަރީ ތިއަރީއެވެ. މިތިއަރީއަކީ މިހާރު ބޭނުން ކުރަމުންދާވެސް ތިއަރީވެސްމެއެވެ. ނަމަވެސް ފަހުގެ އެކިއެކި ދިރާސާތަކުން މިތިއަރީ އާއި ފުށުއަރާ ކަންކަންވަނީ ފާހަގަވެފައެވެ. މީގެ ބައެއްކަންކަން  މިތާނގައި ދަންނަވާލާނަމަވެ. (1) ޑާވިންގެ ތިއަރީ ބުނާގޮތުން ދޫނީގެ ތުންގަނޑުގެ ބައްޓަމާއި ބޭނުން، ދޫނި ކައިހަދާ މާޙައުލާއި (އިކޮލޮޖީ) ގުޅުން އޮވެއެވެ. ޔުނިވަރސިޓީ އޮފް ބްރިސްޓޯލްގެ ދިރާސާއިން ދައްކައިދީފަވަނީ އެގުޅުން ބަލިކަށިކަމުގައެވެ. އަދި ރިސާޗަރުން އުއްމީދު ކުރެއްވިވަރަށްވުރެ އެކަން މަސްއުނިއެވެ. ހަޤީގަތަކީ ދޫނީގެ ތުންގަނޑުން ކެއުމުގެ އިތުރަށް ވަރަށްގިނަ ބޭނުން ދޫނި ހިފައެވެ. (2) އިޔޮރޮޕިއަން ރިސާޗް ކައުންސިލް އިން ފަންޑުކޮށްގެން ބާސެލޯނާގެ އިންސްޓިޓިއުޓް އޮފް ބަޔޯމެޑިސިން އިން ހެދި ދިރާސާއަކުން ހޯދާފައިވަނީ ޖީނޯމްގައި ހުންނަ ގޮތްނޭގޭ ޕީރިއޯޑިސިޓީ (ތަކުރާރުވުން) އަކީ ޑީއެންއޭ މަރާމާތުކުރުމުގެ ނިޝާނެއްކަމުގައެވެ، އެއީ ކުރިން ހީކުރަމުން އައިގޮތަށް ނެޗުރަލް ސިލެކްޝަނުގެ ސަބަބުން އުފެދުނުއެއްޗެއް ނޫންކަމުގައެވެ. (3) ގިނަ ނިއޯޑާވިނިސްޓުން ޤަބޫލުކުރަމުން އައީ ޖީނޯމްގައި ޖަންކު ބައެއްވާކަމުގައެވެ. ފިޒިކްސް.އޯގް ގައި ބުނެފައިވަނީ މިބަޔަކީ ކޯޑުނުކޮށް ހުންނަ ބަޔެއްކަމަށް ބެލުމުގެ ސަަބަބުން ގިނަބަލިތަކުގެ ފަރުވާހޯދުމަށް މަގުފަހި ނުވެފައިވާކަމަށެވެ (ކަޝެފް، 2018). (4) ނިއޯ-ޑާވިނިޒަމް މެކޭނިޒަމް ބުނާގޮތުން ހައިބްރިޑް ސްޓެރައިލް (ދަރިން ނުލިބުން) ވާންޖެހެއެވެ. އެކަމަކު ޔުނިވާރސިޓީ އޮފް  ނެބްރަސްކާ ލިންކަންގެ ސައިންޓިސްޓުން ހޯދާފައިވަނީ ބައެއް ޙާލަތުގައި ޖީން އެކަތިއަނެކަށްޗަށް ވާސިލްވުމުގެ ސަބަބުން (ޖީން ޖަމްޕް) ހައިބްރިޑް ބާވަތްތަކަށް ބައެއްފަހަރު ދަރިން ލިބޭ ކަމަށެވެ (ޝްރަގަ، 2018). (5) ޕެލިއެންޓޮލޮޖިސްޓުން ދެކެވަޑައިގަންނަމުން އައިސްފައިވަނީ ކޮރަލައިން ރެޑް އަލްޖި ދުނިޔޭގައި ވަނީ ކްރެޓޭޝަސް ދުވަސްވަރުން ފެށިގެން ކަމުގައެވެ، އެއީ މީގެ 130 މިލިޔަން އަހަރުކުރިން ޑައިނަސޯސް އުޅުނު ދުވަސްވަރުއެވެ. އެކަމަކު ޔުނިވާރސިޓީ އޮފް މެލްބަންގެ ސައިންސްވެރިންނާއި ޖަރުމަންގެ ސައިންސްވެރިން 430 މިލިޔަން އަހަރުކުރީގެ ކޮރަލައިން އަލްޖި ހޯއްދަވާފައިވެއެވެ (ޓެއިޗާޓް، 2019). ނިއޯ-ޑާވިނިޒަމް ތިއަރީއަށް ފުށުއަރާ ކަންކަން ފެނުން އާންމުވަމުންދާ ވަރަކަށް މިހާރުބޭނުންކުރަމުންދާ ތިއަރީގެ ސައްޚަކަން ދާނީ ދައްވަމުންނެވެ. މިގޮތަށް އިސްލާޙުވަމުންގޮސް ޑާވިންގެ ޙިއްސާދެން މިތިއަރީގައި އޮންނާނީ ކިހާމިންވަރަކަށްތޯ އެއީ ސުވާލު އުފެދޭކަމެކެވެ.