4.4 އާކިޔޮލޮޖިކަލް އަދި ސަޤާފީ ހެކިތައް 

نوح ގެފާނު އުޅުއްވި ސަރަހައްދުކަމުގައި އަޅުގަނޑު ލަފާކޮށްފައިވަނީ އެނަޓޯލިޔާގެ މެޑިޓެރެނިއަން ސަރަހައްދެވެ. މިސަރަހައްދުގައި ތާރީޚީ ތިން ހަތަރު ސިޓީއެއްވެއެވެ.  އޭގެތެރެއިން “މާސިން” އިން އެހިސާބުގަނޑު ދިރިއުޅުނުމީހުންގެ ގިނަމައުލޫމާތު ލިބިދާނެއެވެ. މިހެކިތައް ބޭނުންކޮށްގެން މިހިސާބު މީހުންގެ އޭރުގެ ދިރިއުޅުމުގެ ވައްޓަފާޅި ދަނެގަނެވިދާނެއެވެ. މާސިންގެ ވަރަށްފަހުގެ ފެންބޮޑުވި ފޮޓޯއެއް ކުރިން ފެނިވަޑައިގެންފައި ވާނެއެވެ. މާސިންގެ އެންމެ މުހިއްމު އާކިޔޮލޮޖިކަލް ސައިޓަކީ “ޔޫމޫކް ޓެޕޭ” އެވެ. މިތަނަކީ މާސިން ސިޓީގެ ބޯޑަރު ތެރޭގައި ހުންނަ އުސް ފަސްގަނޑެކެވެ. މި ތަނުގެ ހުޅަނގުން “މުފްތީ ކްރީކުން” ނިއޮތަލިކް ދުވަސްވަރުގެ ތަކެތި ފެނުމުން  ޖޯން ގާސްޓެންގ އާއި އޭނާގެ ޓީމުން 1939 ގައި އެތަން ކޮނެ، ދިރާސާކުރިއެވެ. އޭގެފަހުން 1993 ގައި އިސްތަންބޫލް ޔުނިވަރސިޓީއިން އަލުން މިތަން ކޮނުނެވެ. ގާސްޓަން 33 ލޭޔާރ ހޯއްދެވިއިރު ފަހުގެ ހޯދުމުން އެއަދަދު ދެގުނަވެފައިވާ ކަމަށް ވެއެވެ. މިތަނުން ލިބުނު ތަކެތީގެ އާކިއޮބޮޓަނިކަލް އެނެލިސިސްއިން އެގެނީ މެޑެޓެރެނިއަންގައި ޒައިތޫންޏާއި ފިގާއި (figs) ހައްދާފައިވާކަމާއި މޭބިސްކަދުރު އޭގެފަހުން މެޑިޓެރެނިއަންއަށް އައިކަމެވެ.

ޔޫމުކް ޓެޕޭގެ އެކިއެކި ލެވެލްތަކުން ފެނިފައި ތަކެއްޗާއި ދުވަސްވަރު (ގާސްޓަންގ 1953).

މެސަޕޮޓެނިޔާ އާއި އެނަޓޯލިޔާގައި (ތުރުކީގައި) ވަރަށް ކުރީއްސުރެ އިންސާނުން އުޅެފައިވާކަން އެނގެއެވެ. އަދި އެނަޓޮލިޔާއަކީ އޭޝިއާ އާއި ޔޫރަޕާއި ގޫޅޭ ސަރަހައްދު ކަމުގައިވާތީ ގިނަ حضارة ތަކެއް މިތަނުގައި އުފެދިގެން އައެވެ. ފުރަތަމަ މިތަނުގައި ދިރިއުޅުނު މީހުންނަކީ  ސްޓޯން އޭޖްގެ “ހަންޓާރ-ގެދަރާ” އިންނެވެ. އެއްތަނަކުން ކާބޯތަކެތި ނުލިބި ދަތިވުމުން ދެން ލިބެންހުންނަ ސަރަހައްދަކަށް މިބައިމީހުން ހިޖުރަކުރެއެވެ. މިބައިމީހުން ދިރިއުޅެމުންގޮސްފައިވަނީ ކުދިކުދި ޖަމާއަތްތައް ހަދައިގެންނެވެ.  އަދި ގާތްގަޑަކަށް މީގެ 11000 އަހަރު ކުރިން (9000 ބީ.ސީ.) ހިސާބުގައި ގެރި، ބަކަރި ފަދަ ޖަނަވާރު އޮޅުކޮށްގެން ގެންގުޅެން ފަށައި ކޯރުތަކުގެ އައްސޭރީގައި ދަނޑުގޮވާންކުރަން ފެށިއެވެ (ނިއޮތެލިކް). ގާތްގަޑަކަށް 6000 ބީ.ސީ. އާއި ހަމަޔަށް އައިއިރު މިތަންތަނުގެ އަހުލުވެރިން އިރިގޭޝަން ނިޒާމް ބޭނުންކޮށް، ގޭގެއަޅައި، ހޮހޮޅަތަކުގެ ދިރިއުޅުމުން ވިލެޖް ތަކުގެ ދިރިއުޅުމަށް ބަދަލުވިއެވެ. މިސާލަަކަށް މިފަދަ ދިރިއުޅުން ފެންނަ މެސަޕޮޓެނިޔާގެ އާކިޔޮލޮޖިކަލް ދެ ސައިޓަކީ އިރާޤްގެ “ތަލް އައްސަވާން” އާއި “ޗޮގަމާމީ” އެވެ (އޯޓްސް 1967/68؛ ހެލްވިންގ 2016) . މެދުތެރޭ ތުރުކީގެ އަދި އިރުމަތީ ތުރުކީގެ ސައިޓްތަކުންވެސް 7250 ބީ.ސީ. އާއި 6750 ބީ.ސީ. އާއިދޭތެރޭގެ ތަރައްޤީވެފައިވާ އަވަށްތައް ފެނިފައިވެއެވެ. 

نوح ގެފާނުގެ ޠޫފާން އައިކަމަށް އަޅުގަނޑު ފާހަގަކޮށްފައިވާ ދުވަސްވަރު މިތަނުގައި އުޅެމުންއައީ “ހަސުނާ” އަދި “ޙަލަފް” ސަޤާފަތުގެ މީހުންނެވެ. ހަސުނާ ސަޤާފަތުގެ ދުވަސްވަރަކީ 6000 ބީ.ސީ. އެވެ (ލެވެލް 9، 10އަދި 11). މިބައިމީހުން ދަނޑުވެރިކަން ކޮށްފައިވަނީ އިރިގޭޝަން ނިޒާމް ބޭނުންނުކޮށް ފަރުބަދަތަކުގެ ބުޑުގައި “ޑްރައި އެގްރިކަލްޗާރ” އެވެ. އެއީ ވާރޭވެހޭ މޫސުމާއި ހޫނުމޫސުން އަންނަ ސަރަހައްދުތަކުގައެވެ. އަދި މާސިން އަކީ ޓޯރަސް ފަރުބަދައިގެ މެދުތެރޭ އައްސޭރި އާއި ވީފަރާތްކަމުގައިވާތީ އެކަހަލަ ދަނޑުވެރިކަން މިތަނުގައި ކުރެވެއެވެ. އަދި 12 ވަނަ ލެވެލްއިން ޙަލަފް ދުވަސްވަރުގެ ތަކެތި ފެނިފައިވެއެވެ. މިއީ 6500-5500 ބީ.ސީ. ހިސާބެވެ. އަދި މިލެވަލްއިން ލޯގެ (ކޮޕާ)  ތަކެތި ފެނިފައިވެއެވެ. އެނަޓޯލިޔާގެ އެކިއެކި ސައިޓުތަކުން ނަގާފައިވާ ލޯ (ކޮޕާ) އިން ހަދާފައިވާ ތަކެތިން 8200 ބީ.ސީ އާއި 7500 ބީ.ސީ އާއި ދެމެދުވެސް މިސަރަހައްދުގެ މީހުން ލޯ، އޭގެ ހިލައިން ވަކިކުރަން އެނގޭކަން ފާޅުވެއެވެ. އަދި ލެވެލް 15 އިން 6500-5500 ދޭތެރޭގެ ލޯ ފުރޯތިލައެއް ފެނިފައިވެއެވެ. އަދި ލެވެލް 16 އިން (ހަލަފް-އުބެއިދު ޓްރާންސިޝަން ދުވަސްވަރު) 5500 ބީސީއާއި 5000 ބީ.ސީ. ޢާއި ދެމެދުގެ ލޯ ޗިސެލް އާއި ފުރޯތިލައެއް ފެނިފައި ވެއެވެ. މިތަނުން ފެނުނުތަކެތިން މިބައިމީހުންނަށް ވަޑާންކުރާށާއި އިމާރާތް ކުރަން އެނގޭކަމަށް ބެލިދާނެއެވެ.

12 ވަނަ ލޭޔަރުން ފެނިފައިވާ ލޯ ތައްގަނޑަކާއި ޗިސެލް. ނެގީ ގާސްޓަންގ (1953) އިން

13 ވަނަ ލޭޔަރު ފެނިފައިވާ ހަލަފް ޓްރާންސިޝަނަލް ކަލްޗާރގެ އިމާރާތެއް. ވަކިވަކި ކޮޓަރިތައްލާފައި ވަށައި ފާރުރާނާފައި. ނަގާފައިވަނީ        ގާސްޓަންގ (1953) އިން