9.0 ނިންމުން

މީގެ 20000 އަހަރު ކުރިން ދުނިޔޭގެ ވަރަށް ބޮޑު ސަރަޙައްދެއްގައި އައިސް އުފެދުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހުރީ މިހާރު މިހިރި ލެވެލް އަށްވުރެ 120 މީޓަރު އަޑީގައެވެ.  އެންމެފަހުން އައި އައިސް އޭޖް ނުވަތަ ގަނޑުފެނުގެ ޒަމާން ނިމެމުން ދިޔައިރު ގްލޭޝިއަލް ލޭކްތަކުން ދޫވި ފެނުންވެސް ބައެއް އައްސޭރި (ކޯސްޓަލް) ސަރަހައްދުތަށް ފެންބޮޑުވިއެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވޭތުވެ ދިޔަ 10000 އަހަރުތެރޭގައި ކޯސްޓަލް ސަރަހައްދުތަކުގައި މީހުން ބިނާކުރި އަދި ދިރިއުޅެމުންދިޔަ ބައެއް ސިޓީތަށް ކަނޑުގެ ލޮނުގަނޑު މަތިވުމުގެ ސަބަބުން އަޑިޔަށް ގޮސްފައިވެއެވެ. މިފަދަ ފެންބޮޑުވުމުގެ ވާހަކަތައް ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުން ދައްކައެވެ.  އެބައިމީހުން ދިރިއުޅޭ މާހައުލާއި، ދީނާއި އެއްގޮތަށް މިވާހަކަތައް ބަދަލުވެފައިވެސް ވެއެވެ.  ވުމާއެކު ކަނޑުގެ ލޮނުގަނޑު އުސްވެގެންނާއި އެހެނިހެން ގޮތްގޮތުން މިތަންތަނުގެ މީހުންނަށް ދިމާވެފައިވާ ސަރަހައްދީ ފެންބޮޑުވުންތަކާއި، ފަހުން ހިޖުރަކުރި މީސްމީހުންގެނައި وح ގެފާނުގެ ޠޫފާނުގެ ވާހަކަތައް މަސްއުނި ވެފައިވެއެވެ.

نوح ގެފާނުގެ ޠޫފާނަކީ ގާތްގަޑަކަށް 5100 ބީ.ސީ. އާއި 6100 ބީ.ސީ. އާއި (ނޯޓް؛ މިއީ ދިރާސާތަކުން ލިބިފައިވާ އަހަރުތަކުގެ މެކްސިމަމް އަދި މިނިމަމް އެވްރެޖް ތަކެކެވެ.) ދެމެދުގެ ކޮންމެވެސް ހިސާބެއްގައި މެޑިޓެރެނިއަންގެ ސަރަހައްދަށް އައި ގަދަފަދަ ޠޫފާނެކެވެ. މިތޫފާނުގެ އަސަރު މެޑެޓެރެނިއަންގެ ގިނަޤައުމުތަކަށް ކުރާނެކަމަށް ބެލެވެއެވެ. އަދި އޭގެ ސަބަބުން އެނަޓޯލިޔާ އާއި މެސަޕޮޓެނިޔާގެ ސަރަހައްދާއި ފުރާތާއި ޖިދުލަތާއި ޖޯޑުންކޯރުގެ ފެން ވާދީތަަކަށް ބަނޑުންވެގެންދާނެއެވެ. نوح ގެފާނުގެ ޠޫފާނުގެ ކުރިން ދިރިއުޅުއްވެވީ އެނަޓޯލިޔާގެ ސަރަހައްދުގައި މެޑިޓެރެނިއަން ކޯސްޓް ސަރަހައްދުގައި ކަމުގައި ބެލެވެއެވެ. އަދި ގަދަވިއްސާރާއިގައި ނައުކޮޅު އޮޔާއި އެކު ބެހިގެންގޮސް އިޒްރޭލްގެ އައްސޭރިފަށަށް ލެއްގީއެވެ. އެސަރަހައްދުން ފެންހިދުމުން نوح ގެފާނު އެސަރަހައްދުގެ ކޮންމެވެސް ތަނެއްގައި ވަޒަންވެރިވެވަޑައިގަތީ ކަމުގައިވެދާނެއެވެ. އަދި ނައުކޮޅު މިއަދު ފެންނަންނެތީ އޭގެ ލަކުޑި އެކިއެކިބޭނުންތަކަށް ރޫޅައިގެން ބޭނުންފުޅުކުރެއްވުމުގެ ސަބަބުންކަމުގައި ވެދާނެއެވެ.

މި މަޒްމޫނުގައި މި ބަޔާންކުރީ އަޅުގަނޑުގެ ހޯދުންތަކާއި އުފެއްދި އިލްމީ ލަފާކުރުމެކެވެ. އަޅުގަނޑުމެންގެ އަތުގައިވާ އިތުބާުހުރި ހެއްކަކީ އެތޫންފާން ފޮނުއްވި ކާއިނާތުގެ ވެރިއިލާހު އަޅުގަނޑުމެން އުއްމަތަށް ބާވައިލެއްވި ކީރިތި ޤުރުއާނެވެ. ﷲ އަށް ހުރިހާކަމެއް ކުޅަދުންވަންތައެވެ.  އަޅުގަނޑުމެން މިދުނިޔޭގައިނެތް ޒަމާނުގައި ހިނގި ކަންކަމާއި ހިގާނެ ކަންކަންވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަޅުގަނޑަށް މި މަޒްމޫނު ލިޔުމުގެ ހެޔޮތައުފީޤް ދެއްވިކަމަށްޓަކާ ﷲ އަށް ޙަމްދުކުރަމެވެ. އަދި ކިޔުންތެރިއާއަށް މި މަޒްމޫނު ކަމުދިޔަނަމަ އެހެންމީހުންނާއި ހިއްސާކޮށްދެއްވާނޭކަމުގެ އުއްމީދުގައި ނިންމާލަމެވެ.