4.3 نوح ގެފާނުގެ ޠޫފާން އައި ދުވަސްވަރު ލަފާކުރުން

نوح ގެފާނުގެ ޠޫފާން އައި ދުވަސްވަރު އަންދާޒާ ކުރުމަށްޓަކައި ޖިދުލަތް ކޯރާއި ފުރާތުކޯރުގެ ފެންބޮޑުވާ ސަރަހައްދުގެ ސެޑިމެންޓްރީ ރެކޯރޑް ބޭނުން ކުރެވިދާނެ އެވެ. 1970 އާއި 1980 ގެ ދެމެދު އެކިފަހަރުމަތިން މެސަޕޮޓެނިޔާގެ މި ފެންބޮޑުވާ ހަމަބިމުން ނެގި ސާމްޕަލްތަކުން ފެނިފައިވަނީ އެންމެފަހުގެ އައިސްއޭޖް ނިމިގެން، ކަނޑުގެ ލޮނުގަނޑު ބޮޑުވަމުން އައިދުވަސްވަރު ދެ ފަހަރަށް އާދަޔާއިޚިލާފް ފެންބޮޑުވުމެއް އައިސްފައިވާ ކަމުގައެވެ. އެއީ 4300 ބީ.ސީ. އާއި 5500-6100 ބީ.ސީ. ގައެވެ. ކުރިން ހީކުރެވިފައިއޮތީ نوح ގެފާނުގެ ޠޫފާން އައީ 4300 ބީ.ސީ. ހިސާބުގައި ކަމުގައެވެ. ނަމަވެސް ފަހުގެ ސާމްޕަލްތަކަކުން ފެނިފައިވަނީީ އެންމެ ބޯކޮށް ވާރޭވެހިފައިވަނީ 5500-6100 ބީ.ސީ. ގައި ކަމުގައެވެ. ފެންބޮޑުވެފައިވަނީ ދެކޯރުގެ ހެޑްވޯޓާއިން އައިފެނުންކަމަށާއި ކަނޑުގެ ލޮނުގަނޑު އެހާއެއްގަމަށް އަރާފައި ނުވާކަމުގައެވެ. . އަދި މީގެ އިތުރުން އިރުދެކުނު “ކަރުން ކޯރުން” ނަގާފައިވާ ސެޑިމެންޓް ތަކުންވެސް 5600 އަދި 5900 ބީ.ސީ. އާއި ދެތެރޭ ވަރުގަދަ ތޫފާނަކުން މެސަޕޮޓެނިޔާގެ ސަރަހައްދު ފެންބޮޑުވެފައިވާކަން އޮކްސިޖަން 18 ބޭނުންކޮންގެން ހެދި އެނެލެސިސްއިން އެނގިފައިވެއެވެ(ޑިކިން، 2018). 

ލޭކް ވޭން (ފޮޓޯ ކްރެޑިޓް: Feng Wei)

“ލޭކް ވޭން” ގެ(މަތީގައިވާ ތަސްވީރު) އަޑިންނެގޭ ސެޑިމެންޓްގެ ރެކޯޑް ބޭނުންކޮށްގެންވެސް އެންމެ ބޯކޮށް ވާރޭވެހުނު ދުވަސްވަރު ބެލިދާނެއެވެ. ލޭކްވޭން އޮންނަނީ دجلة ކޯރާއި ފުރާތު ކޯރުގެ ހެޑްވޯޓަރސް (ކޯރުގެ އުސްސަރަހައްދު) ގެ މެދުގައި، މިދެކޯރުގެ ފެން އެޅޭ ލޭކެއްގެ ގޮތުގައެވެ. ލޭކްވޭންގައި ފެންބޭރުވާނެ އިތުރުގޮތެއް ނެތުމާއިއެކު ފެނުގެ ލެވެލް ހަމައެކަނި ބަދަލުވަނީ ފެން އާތްވަށް އަރައިގެންނެވެ. ލޭކްވޭންގެ އައްސޭރިކައިރީގައި “މައުންޓް ސޫފާން” އާއި “މައުންޓް ނެމްރޫތު”، މި ދެ ވޮލްކެނޯވެއެވެ. ހޫނު މޫސުމުގައި ފެން އާތްވަށް އެރުމުގެ ސަބަބުން ވޭންގެ ފެނުގެ ލެވެލް ދަށްވެއެވެ. ވުމާއިއެކު ވާރޭވެހޭ މޫސުމާއި ހޫނު މޫސުމާއި ދެމެދު ފެނުގެ ލެވެލް 1 މީޓަރުގެ ފަރަގު އާދެއެވެ. ލޭކްވޭންގެ އަޑިންނެގިފައިވާ ސެޑިމެންޓް ރެކޯޑުން ފެނިފައިވަނީ 11500، 8500 އަދި 6000 ބީ.ސީ. އަކީ އެންމެ ގިނައިން ލޭކަށް ފެން އެޅިފައިވާ ދުވަސްވަރުކަމުގަ އެވެ. މި ހޯދުމުން  نوح ގެފާނުގެ ޠޫފާން އައީ 6100 ބީސީ ހިސާބުގައި ކަމުގައި އަންދާޒާ ކުރެވިދާނެއެވެ. (ޑިކިން، 2018). 

ގޫޓަރ، ރޭމާ އަދި ކޭމްޕީ (1996) ގެ ޑޭޓާރ ބޭނުންކޮށްގެން ޑިކިން (2018) ހަދާފައިވާ ރީކޮންސްޓްރަކްޓެޑް ގްރާފް އެއް 

ފާޓައިލް ކްރެސެންޓާއި މެސަޕޮޓެނިއާ ހިމެނެނީ ރީޖަނަލް ވެދާސިސްޓަމްގެ ބައެއްގެ ގޮތުގައެވެ. ވުމާއިއެކު އެހެން ސަރަހައްދަކުން ވެސް މިތާރީޚް ރަގަޅުތޯ ބެލިދާނެއެވެ. ބައިތުލްމަޤްދިސް ކައިރީގައިވާ ސޯރަޤް ހޮހޮޅައިގައި ހުންނަ ކެލްސިޓް އުފެދިފައިވާ ލޭޔަރުތައް ބޭނުންކޮށްގެން ޔުރޭނިއަމް، ސްޓޭބަލް ކާބަން އަދި އޮކްސިޖަން 18 ބޭނުންކޮށްގެން ހޯދިހޯދުމުން އެނގިފައިވަނީ 6500-5000 ބީ.ސީ. އާއި ދެމެދު އާދަޔާއި ޚިލާފަށް ވާރޭވެހި ހޮހޮޅައިގެ އެތެރެއަށް ފެން ވަދެފައިވާކަމުގައެވެ (ބާ-މެތިއުސް، އަޔަލޯން އަދި ކައުމަން 2000). ޑެޑްސީގެ ދެކުނު ފަރާތު އެކިތަންތަނުން ނެގުނު 8 ސެޑިމެންޓް ކޯއިން އެނގިފައިވަނީ 6050 ބީ.ސީ އާއި 4550 ބީ.ސީ އާއި ދެމެދު އަދި 2250 ބީ.ސީ އާއި 2550 ބީ.ސީ، އާއި ދެމެދު އާދަޔާއި ޚިާފަށް ޑެޑްސީއަށް ސެޑިމްންޓް އެޅިފައިވާކަމުގައެވެ. އަދި މީގެ ތެރެއިން 6050 ބީ.ސީ އާއި 4550 ބީ.ސީ އާއި ދެމެދު އެންމެ ގިނައިން އެޅިފައިވާކަމަށެވެ. ވުމާއިއެކު މީގެން އެގެނީ މިދުވަސްވަރު ޖޯޑަންއާއި، ލެބަނަންއާއި، ސީރިއާއާއި ފަލަސްތީނާއި އިޒްރޭލަށްވެސް (މެޑިޓެރެނިއަން) އަށް ބޯކޮށް ވާރޭވެހިފައިވާ ކަމުގައެވެ. އެހެންވެއްޖެނަމަ “ޖޯޑަން ވެލީ” އާއި “ޑެޑް ސީ” އާއި “ސީ އޮފް ގެލިލީ” ވެސް ފެންބޮޑުވާނެއެވެ (މިގޮސްވްސްކީ، އެޓް އާލް. 2001).

ސޯރަގު ހޮހޮޅަ-  ސޯސް:Wikimedia Commons