4.1 ބިމުން ފެން އެރުން

ތުރުކީއަކީ ކާސްޓް އެކުއިފާސް (ފެން ހަރުލާ ލައިމްސްޓޯނާއި ޑޮލަމައިޓް ފަދަ ހިލައިން ބިންގަނޑު އެކުލެވިގެންވާ) ޤައުމެކެވެ. ނަތީޖާއެއްގެ ގޮތުން ފެން އާރުތަކާއި، ފެން ހުންނަ ހޮހޮޅާއި، ބިމުއަޑީގެ ކޯރުތައް ގިނައިއިން ހުރި ޤައުމެކެވެ. ކީރިތި ޤުރުއާންގައި ވާގޮތުން نوح ގެފާނުގެ ތޫފާން މެދުވެރިވީ ބިންގަނޑު ކަނޑައިގެންގޮސް ބިމުން އެރި ފެންއާރުތަކުންނާއި މަތިން ވެހުނު ވާރޭފެން ބައްދަލުވެ ފެންބޮޑުވުމުގެ ސަބަބުންނެވެ. ބާބާ އެޓް އާލް. (2018)ގެ ދިރާސާ ރިޕޯރޓް ގައި ވިދާޅުވެފައިވާ ގޮތުން ޖުމުލަ 1500 ތާމަލް އަދި މިނަލް ވޯޓާރ ފެންއާރު (springs) ތުރުކީގެ އެކި ސަރަހައްދުތަކުގައިވެއެވެ. 

ފެން އާރެއް (ސްޕްރިންގ)-wikimedia commons

فَفَتَحْنَا أَبْوَابَ السَّمَاءِ بِمَاءٍ مُّنْهَمِرٍ ﴿١١﴾ وَفَجَّرْنَا الْأَرْضَ عُيُونًا فَالْتَقَى الْمَاءُ عَلَىٰ أَمْرٍ قَدْ قُدِرَ ﴿١٢﴾ وَحَمَلْنَاهُ عَلَىٰ ذَاتِ أَلْوَاحٍ وَدُسُرٍ ﴿١٣﴾

ފަހެ، ބޯކޮށް އޮހިގަންނަ ފެނަކަށް ތިމަންރަސްކަލާނގެ އުޑުގެ ދޮރުތައް ހުޅުއްވެވީމެވެ. އަދި ތިމަންރަސްކަލާނގެ ފެންއާރުތަކަކަށް ބިންގަނޑު ފެޅުއްވީމެވެ. ފަހެ، ނިޔާކުރައްވާފައިވާ ކަމެއްގެ މައްޗަށް އެ ފެން (އެބަހީ: އުޑުން އޮހުނު ފެނާއި، ބިމުންއެރި ފެން) ބައްދަލުވިއެވެ (ޤުރުއާން، 54:12). 

މިލާރ (2007) ވިދާޅުވެފައިވަނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިމުގެ އަޑީގައި ހުންނަ ހޮހޮޅަތަކާއި އެއާއި ގުޅިފައިހުންނަކެނޑުމާއި ފެން އާރުތަކަށް ފެން އެޅުމުން، މިފެން ވޯޓާރ ޓޭބަލްގެ މަތީގައި ހަރުލާކަމަށެވެ. ބޯކޮށް ވާރޭވެހުމުން ވަރަށްގިނަ ފެން މި ނެޓްވޯކަށް ޖަމާވެ އުފެދޭ ޕްލުއިޑް ޕްރެޝަރުގެ ސަބަބުންވެސް ބިންހެލުން އަންނަކަމަށެވެ. އަދި އެފަދަ ބިންހެލުމުގެ ސަބަބުން ބޮޑުސަރަހައްދަކުން ބިންގަޑު އިތުރަށް ކަނޑައިގެންގޮސް ބިމުއަޑީގެ އެކި ސަރަހައްދުތަކުގައި  ފެންއާރުތައް އުފެދި  ބިމުންފެން އަރައިދާނެކަމުގައެވެ.   

ތުރުކީގައިވާ އެންމެ ބޮޑެތި ކާސްޓް ސްޕްރިންގތައް (ފެންއާރުތައް) ހުންނަ ތަންތަން (ގިނައި އަދި ތޮރުކު، 2015)

ތުރުކީގައި ފެން ހުންނަ ބޮޑެތި ހޮހޮޅަ ހުންނަ ތަންތަން (ގިނައި އަދި ތޮރުކު، 2015)

މަތީގައިވާ ދެ ޗާޓުން ތުރުކީގެ މެޑެޓެރެނިއަން ސަރަހައްދުގެ،  ބޮޑެތި ގިނަ ފެންއާރުތައްވާ ދެ ސަރަހެއްދެއް ފާހަގަވެއެވެ. އަދި އެ ދެސަރަހައްދުގެ ދެމެދު ފެން ހުންނަ ބޮޑެތި ހޮހޮޅަތައް ވާތަންތަން އެބަފެނެއެވެ. ވުމާާއެކު އަޅުގަނޑުގެ ފުރަތަމަ ކްރައިޓީރިއާއަށް މިސަރަހައްދުފެތެވެ. މެޑެޓެރެނިއަންގެ އެހެން ޤައުމެއްގައި މިހާ ގިނަ ފެންއާރުތަކެއް ނުވެއެވެ. ނައުކޮޅަށް نوح ގެފާނު އަރުއްވަންވާ ވަޤުތު سورة هود ގެ 40 ވަނަ އާޔަތުގައި  ބަޔާން ކުރައްވާފައިވެއެވެ. އެއީ އެނައުކޮޅަށް އަރާ އެންމެން ޠޫފާނުން ސަލާމަތްވުމުގެ ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. 

حَتَّىٰ إِذَا جَاءَ أَمْرُنَا وَفَارَ التَّنُّورُ قُلْنَا احْمِلْ فِيهَا مِن كُلٍّ زَوْجَيْنِ اثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ الْقَوْلُ وَمَنْ آمَنَ ۚ وَمَا آمَنَ مَعَهُ إِلَّا قَلِيلٌ ﴿٤٠﴾

ތިމަންރަސްކަލާނގެ أمر ފުޅު އައިސް، އަދި އުނދުނުގެ ތެރެއިން ފެން އަރައި އުތުރިގެންފުމަށް ދާނދެނެވެ. (އެހިނދު) ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. ކޮންމެ އެއްޗަކުން (އަންހެން ފިރިހެން) ދެ ޖިންސުގެ ދޭއްޗާއި، އަދި ހަލާކުވެ ނެތިދިއުމުގެ ބަސްފުޅު، އިސްވެގޮސްފައިވާ މީހަކު ފިޔަވައި، ކަލޭގެފާނުގެ أهل ވެރިންނާއި، إيمان ވެގެންތިބި މީހުން އެ ނާކޮޅަށް ލައްވާށެވެ! މަދު މީހަކު މެނުވީ، އެކަލޭގެފާނުގެ އަރިހުގައި إيمان ވެގެނެއް ނުވެތެވެ (ޤުރުއާން. 11:40).