7 ކީ ސިގްނޭޗާރސް އަދި ސާކަލް އޮފް ފިފްތް

އިސްވެދެންނެވި ސްކޭލްތައް ނަގާފައިވަނީ C ގެ ކީއިންނެވެ. ސްޓާފްގައި އެކްސިޑެންޓަލްއެއް ނެތި ނޯޓްތަކެއް ކުރަހައިފިނަމަ ކުރެހޭނީ C މޭޖާރ ސްކޭލުންނެވެ. ސަބަބަކީ އެ ސްކޭލްގައި އެއްވެސް ޝާޕެއް ނުވަތަ ފްލެޓެއް ހިމެނިފައި ނުވާތީއެވެ. އެހެނަސް C ގެ މައިނާ ސްކޭލްތަކުގައި ނޯޓްތަކުގެ ޕިޗް ބަދަލުކުރުމަށްޓަކައި ފްލެޓްތައް ޖަހާފައިވާ ތަން ފެންނާނެއެވެ. މިގޮތަށް ކޮންމެ ބަދަލުކުރަންޖެހޭ ނޯޓެއްގައި ނިޝާން ޖެހުމުގެ ބަދަލުގައި ކީ ސިގްނޭޗާއެއް ޖެހުމުން ސްޓާފް ގެ އިންނަ ކީ ބަދަލުކޮށްލެވެއެވެ. އޭރުން C ގެ ކީއެކޭ އެއްގޮތަށް ކޮންމެ ނޯޓެއްގެ ކުރިމަތީ ފްލެޓް ނުވަތަ ޝާޕް ނުޖަހާ ފަރުޖެހެއެވެ. އަދި ބައެއް ޙާލަތުގައި ބައެއް އިންސްޓްރޫމެންޓްތައް ހުންނަނީވެސް ވަކި ކީ އަކުންނެވެ، ވުމާއެކު އެ އިނިސްޓްރުމެންޓް ގެ މިއުޔުޒިކް ލިޔަންވެސް ޖެހޭނީ އޭގެ ކީއިންނެވެ. ހުރިހާ ކީ ސިގްނޭޗާރ ހަދާފައި ހުންނަނީ ސްޓާފުގައި ކޮންމެ ކީއަކުންވެސް މިޔުޒިކް ލިޔެވޭ ގޮތަށެވެ. ކީ އޭ ބުނަނީ ސް ކޭލަށެވެ. ކީ ސިގްނޭޗާރތައް ހެދުމުގައި ސާކަލް އޮފް ފިފްތްއަކީ ވަރަށް މުހިއްމު އެއްޗެކެވެ. 

7.1 ސާކަލް އޮފް ފިފްތް

މިއުޒިކްގައި ސްކޭލްގެ ރޫޓް ނޯޓް ފިޔަވާ ދެން އެއާއި އެންމެ އަޑުގެ ގުޅުން ހުންނަ ނޯޓަކީ ޕާފެކް ފިފްތެވެ، ކޮންމެ ނޯޓެއްގެ ވެސް ޕާފެކްޓް ފިފްތް އިންނާނީ 7 ސެމީޓޯންގެ ދުރުމިނުގައެވެ. މިސާލަކަށް ކްލޮކްވައިސްކޮށް ބަލާއިރު C ގެ ފިފްތަކީ G އެވެ. އަދި G ގެ ފިފްތަކީ D އެވެ. C ގައި އެއްވެސް ޝާޕެއް ނުވަތަ ފްލެޓެއް ނުވެއެވެ. G ގެ ކީ ސިގްނޭޗަރ ގައި ކުރަހާނީ އެއް ޝާޕެވެ. ދެން  D ގެ ކީ ސިގްނޭޗާރގައި 2 ޝާޕެވެ. މިގޮތައް ކޮންމެ ކީއެއް ގެ ފިފްތް ދުރުގައި އިންނަ ކީއަކަށް އެ ކީއަށް ވުރެ 1 ޝާޕް އިތުރުވެއެވެ. މިގޮތުން އެންމެ ފަހުން 7 ޝާޕް ކުރަހަނީ #C ގައެވެ. ފްލެޓްތައް ކުރަހާއިރު ފްލެޓް ތަކުގެ އަދަދު އިތުރުވަމުން ދާނީ ކައުންޓާރ ކްލޮކްވައިސްއަށް ކޮންމެ ފިފްތަކުން ނެވެ. އެއީ ކީބޯޑުގެ ވައަތްފަރާތަށެވެ. މިގޮތުން C ގެ ފުރަތަމަ ލޯވާރ ފިފްތަކީ F އެވެ، އެފްގައި އިންނަނީ އެންމެ ފްލެޓެކެވެ. F ޖެހިގެން ދެން އިންނާނީ Bb އެވެ. މި ކީގައި އިންނާނީ 2 ފްލެޓެވެ. މި އުސޫލުން ފްލެޓްތައް އިތުރުވަމުން ގޮސް 7 ފްލެޓް ވީމާ ނިމުނީއެވެ. 

 7.2 ރެލްޓިވް މައިނާ

ކޮންމެ ކީއެއްގައި ރެލެޓިވް މައިނާއެއްވެއެވެ. މިސާލަކަށް A ނެޗުރަލް މައިނާގައި  C މެޖާރ ސްކޭލްގެ ހުރިހާ ނޯޓްތަކެއް ވެއެވެ. ސާކަލް އޮފް ފިފްތްގައި ސިމްޕަލް އަކުރުން ލިޔެފައިވަނީ ކޮންމެ މޭޖާ ކީއެއްގެ ރެލެޓިވް މައިނާއެވެ. A އިން ފެށިގެން ކްލޮކްވައިސްކޮށް ނުވަތަ އެންޓިކްލޮކް ވައިސްކޮށް ބަލާނީއެވެ. ތިރީގައި އެވަނީ B މޭޖަރ ސްކޭލް އާއި  #G ނެޗުރަލް މައިނާ ސްކޭލްގެ އެސެންޑިންގ ނޯޓް ތަކެވެ. ބޭނުން ކޮށްފައިވަނީ 5 ޝާޕް އެކުލެވިގެން ވާ ކީސިގްނޭޗާރ އެކެވެ.  7 ފްލެޓް ގެ ކީ ސިގްނޭޗާރ އެއްވެސް ބޭނުން ކުރެވިދާނެއެވެ.