2 މީޓަރ އަދި ޓައިމް ސިގްނޭޗާރ

ރީތިލަވައެއް އަޑުއިވުމުން ބައެއްފަހަރު ބީޓާއި އެއްވަރަށް ފައި ޖެހެވެއެވެ. ނުވަތަ ހަށިގަނޑު މިއުޒިކްގެ ބީޓާއި އެއްވަރަށް ހަރަކާތް ކުރެވެއެވެ. މިއުޒިކްގައި ބީޓްތައް ހުންނަނީ “މެޝާސް” ނުވަތަ “ބާ” ތަކަކަށް ބަހާފައެވެ. އޭގެ ސަބަބުން މިޔުޒިކް ކުޅޭ މީހާއަށް މިއުޒިކް ކުރިއަށް ދާގޮތާއި އަދި ދާ މިންވަރު ފަސޭހައިން އެނގެއެވެ. ޚާއްސަކޮށް އިންސްޓްރުމެންޓަލް މިއުޒިކްތަކުގަ އެވެ. މިއުޒިކްގައި “މީޓަރ” އަކީ ސްޓްރޯންގެ އަދި ވީކް ބީޓުން އެކުލެވިގެންވާ އަދި ތަކުރާރުވާ ރިދަމް ޕެޓާނެކެވެ. ބައެއް މިއުޒިކްގެ މުޅި ލަވައިގައި އެއް ޕެޓާނެއް ބޭނުންކުރެއެވެ. ނަމަވެސް ގިނަ ސަޤާފަތްތަކުގެ މިއުޒިކްގައި “މިކްސް މީޓަރ” ބޭނުންކުރެއެވެ. މިސާލަކަށް ލަވައިގެ ކަޑިއާއި މައިގަނޑުގައި ތަފާތު މީޓަރ ތައް ބޭނުންކުރެއެވެ. އޭގެސަބަބުން މިއުޒިކަށް އިތުރު ފުރިހަމަކަން ގެނަސްދެއެވެ. މިއުޒިކްގެ މީޓަރ އަކީ ޅެމުގައި ބޭނުންކުރާ ވަޒަންފަދަ އެއްޗެކެވެ. ބައެއް ވެސްޓަރން ކްލެސިކަލް މިއުޒިކްގައި ސްޓްރޯންގް ބީޓު އެހާފާހަގައެއް ނުވެއެވެ. ވުމާއެކު މީޓާރ ފާހަގަކުރަން އެހާ ފަސޭހައެއް ނޫނެވެ. ނަމަވެސް މިޒަމާނުގެ ޕޮޕް މިއުޒިކާއި މާޗިންގ ބޭންޑްތަކުގެ މިއުޒުކްގައި ސްޓްރޯންގ ބީޓް ހުރުމުން މީޓާރ ފަސޭހައިން ވަކިވެއެވެ.

މިއުޒިކްގެ މީޓަރ ވަކި ކުރާނީ ކިހިނެއް ހެއްޔެވެ؟ ލަވައެއް އަޑުއަހާއިރު މިއުޒިކާއެއްވަރަށް ފައިޖެހިދާނެއެވެ. އާންމުކޮށް ފައިޖެހޭނީ މިއުޒިކްގެ އެންމެ ސްޓްރޯންގ ބީޓާއި އެއްވަރަކަށެވެ، ދެން އޭގެފަހުގައި ދެ ސްޓްރޯންގ ބީޓްއާއި ދެމެދު ހުންނަނީ ކިތައް ވީކް ބީޓްކަން އެނގޭތޯ ބެލިދާނެއެވެ. ބައެއްލަވަތައް މީޓަރގެ ވީކްބީޓުންވެސް ފެށިފައި ހުރެއެވެ.  މީޓަރު ނޯޓުކޮށްފައި އިންނަނީ މިއުޒިކްގައި ދެ ނަންބަރެއް ބޭނުންކޮށްގެނެވެ. އާންމުކޮށް މިދެނަންބަރަށް ކިޔަނީ ޓައިމް ސިގްނޭޗާރ އެވެ. ތިރީނަންބަރު ބުނެދެނީ ޔުނިޓް ބީޓް ރަމްޒުކޮށްދޭ ނޯޓެވެ. މެޝާއެއްގެތެރޭ ހުންނަ ކޮންމެނޯޓަކީ ބީޓަކަށް ވާކަންނުޖެހެއެވެ. ނޯޓުގެ ދިގުމިން 1 ބީޓަށްވުރެވެސް ދިގުވެސް ވެދާނެއެވެ. ނުވަތަ ކުރުވެސް ވެދާނެއެވެ. ނަމަވެސް އެއީ ބީޓެއްގެ ކޮންމެވެސް ބައިކުޅަަބައެކެވެ. މަތީނަންބަރު އަކީ މެޝާއެއްގެ ތެރޭހުންނަ ބީޓުގެ އަދަދެވެ. 

ސިމްޕަލް ޓައިމްގައި ކޮންމެ ބީޓެއް ބެހޭނީ 2 ބަޔަށެވެ. ކޮމްޕައުންޑް ޓައިމްގައި 3 ބަޔަށެވެ. ސިމްޕަލް އާއި ކޮމްޕައުންޑް އެއްކުރުމުން އުފެދޭނީ ކޮމްޕްލެކްސް މީޓާރ އެވެ. ޑޫޕަލް ޓައިމްގައި އިންނާނީ 2 ބީޓެވެ. އަދި ޓްރިޕަމްގައި 3 ބީޓެވެ. އަދި ކުއަޑްްރުޕަލްގައި 4 ބީޓެވެ. 

ތިރީގައި މިވާލަވަޔަކީ ހިންދު “އެމާ ކަނޑުތެރޭން އަލިރަންމުތް ހެން ދިރޭ….” އެވެ. މިލަވަ ހަދާފައިވަނީ ކޮމްޕައުންޑް ޑޫޕަލް ޓައިމް އިންނެވެ، މި ލަވަ އަޑު އަހަމުން ބީޓާއި އެއްވަރަށް އަތްތިލަބަޑި ޖަހާށެވެ. އަދި ކޮންމެ ދެބީޓުން އެއްބީޓް ވަރުގަދަކަން ފާހަގަ ވާނެއެވެ. އެއީ މެޝާގެ ފެށޭ ބީޓެވެ. އާންމުކޮށް ކޮންމެ މެޝާއެއްގެ ފުތަމަ ބީޓް ސްޓްރޯންގ ވާނެއެވެ. ކޮންމެ ބީޓެއް ތިންބަޔަށް ބެހެއެވެ.  އެހެން ވުމުން ބީޓެއްގެ ދިގުމިނަކީ ޑޮޓެޑް ކްރޮޗެޓެކެވެ. ތިރީގައިވަނީ ދިވެހި ލަވަ، “ހިނދު އެމާ ކަނޑު ތެރޭން…” އެވެ. މި ލަވަ އަޑު އަހަމުން އެންމެ ސްޓްރޯންގް ބީޓާއި އެއްވަރަށް އަތްތިލަ ބަޑިޖަހާށެވެ.

ތިރީގައި މިވަނީ ރާއްޖޭގެ ޤައުމީ ސަލާމެވެ. މިއީ ސިމްޕަލް ކުއަޑްރުޕަލް ޓައިމުން ހަދާފައިވާ ލަވައެކެވެ. ވަރަށް ފާޅު ދެ ބެބީޓް މިލަވައިގައި ވެއެވެ. އޭގެން އެއްބީޓް އަކީ މެޝާގެ ފުތަމަ ބީޓެވެ. ދެން އަނެއް ބީޓް އިނީ މެޝާގެ 3 ވަނަ އަށެވެ، 2 ވަނަ އަދި 4 ވަނަ ބީޓް މާ ބޮޑަށް ފާޅެއް ނޫނެވެ، މި ލަވަޔާއެކު އަތްތިލަ ބަޑި ޖެހޭނީ ފުތަމަ ބީޓާއި 3 ވަނަ ބީޓާ އެކުގައެވެ. ޤައުމީ ސަލާމް އަޑުއަހަމުން އަތްތިލަ ބަޑި ޖަހާށެވެ. ލަވައިގައި ރަތް އަކުރުން ފާހަގަ ކުރެވިފައި ތަންތަނަށް ސްޓްރޯންގ ބީޓް އަންނަކަން ފާހަގަ ކުރެވޭނެއެވެ.

 ތިރީގައި ވަނީ ކުރީގެ ހިންދީ ފިލްމެއްގެ ލަވައެއް ކަމުގައިވާ، “ތުމްސެ މިލްކޭ..”. މި ލަވަޔަކީ ސިމްޕަލް ޓްރިޕަލް ޓައިމުން ހަދާފައިވާ ލަވަޔެކެވެ. ލަވަ އަޑުއަހަމުން އެންމެ ސްޓްރޯންގ ބީޓާއި އެއް ހަމަޔަށް އަތްތިލަ ބަޑި ޖަހާށެވެ. މިލަވައިގެ އަނެއް ދެބީޓް ވެސް ފާހަގަކޮށް އެނގެން އިނދެއެވެ.