3 ސްޓާފްއާއި ކްލެފް އަދި ނޯޓުތަކުގެ އަޑުތައް އިނިސްޓްރޫމެންޓާއި ގުޅޭގޮތް

މިއުޒިކް ލިޔެއުޅެނީ އެއް ދުރުމިނެއްގައި ދަމާފައި ހުންނަ ފަސް ރޮނގާއި އެ ރޮނގުތަކުގެ ދެމެދު ހުންނަ ހުސްތަންތަން ބޭނުންކޮށްގެންނެވެ. މި ރޮނގުތަކަށް ކިޔަނީ ސްޓާފް (staff) އެވެ. ސްޓާފްއަކީ ސިޑިބަރިއެއް ފަދަ އެއްޗެކެވެ. އޭގައި ކުރަހާ ނޯޓުތައް މައްޗަށް އަރަމުން ދާވަރަކަށް އެ ނޯޓުތަކުގެ ޕިޗް ދާނީ މަތިވަމުންނެވެ. އަދި ތިރިއަށް ދާއިރު ޕިޗް ދާނީ ދަށްވަމުންނެވެ. ޕިޗްއަކީ އަޑުގެ ބަރުކަމާއި ތޫލިކަމެވެ. ނޯޓްތަކަށް ނަންދެނީ އިނގިރޭސި ބަސް ލިޔަން ބޭނުންކުރާ ފުރަތަމަ 7 އަކުރު ބޭނުންކޮށްގެން އެވެ. މައްޗަށް ދާއިރު އޭބީސީޑީ ތަރުތީބުން ކިޔައިގެން އަދި ތިރިއަށް ދާއިރު އިދިކޮޅަށް ކިޔައިގެންނެވެ. މި ރޮނގުތަކުގައި އަދި ހުސްތަނުގައި ކުރަހާ ނޯޓްގެ ނަން ބިނާވަނީ ސްޓާފް ފެއްޓޭތަނުގައި ޖަހާ “ކްލެފް” ކިޔާ ނިޝާނަށެވެ.

 ފިގާރ 2.1: ކްލެފްތަކާއި އަދި ކްލެފްތަކުގެ ޚާއްސަ ރޮނގުތަކުގެ ނޯޓްތައް ރަމްޒުކޮށްދޭ ޕިއާނޯގެ ފިތްތައް. 

ސްޓާފްގެ މަތީގައި އާއި ތިރީގައި ރޮގުބުރި ތަކެއް ކުރަހައިގެން ސްޓާފްގެ ރޭންޖު ބަދަލު ކުރެވިދާނެއެވެ. މި ރޮގުކޮޅުތަކަށް ކިޔަނީ “ލެޖަލައިން” އެވެ. ލެޖަލައިންގައި ކުރަހާ ނޯޓްތައް ދަނެގަންނާނީ ސްޓާފް މަތީ ނުވަތަ ތިރީގެރޮގުން ބަލައިގެންނެވެ. އެއީ އޭބީސީޑީގެ ތަރުތީބުން މައްޗަށް ނުވަތަ ތިރިއަށް ކިޔައިގެންނެވެ. 

 ފިގާރ 2.2: ގިޓާރގެ ނޯޓްތައް ސްޓާފްގައި ހުންނަ ތަންތަން. ނަމްބަރުތައް ރަމްޒުކޮށްދެނީ ތޫލިކަން މައްޗަށްދާ ތަރުތީބު

އަލަށް މިޔުޒިކް ކިޔަން ދަސްކުރާ މީހުން ޓްރެބެލް ސްޓާފްގެ ނޯޓުތައް ހަނދާންކުރަން ތިރީގައިވާ ދެ އިބާރާތް ބޭނުންކުރެއެވެ.

ފިގާރ 2.3: ޓްރެބެލް ސްޓާފްގެ ނޯޓްތައް ހަނދާންކުރަން ބޭނުންކުރާ އިބާރާތްތައް