އާދަޔާ ޚިލާފަށް އުފެއްދެވި އިންސާނުން

ފުރަތަމަ އިންސާނާ, ހައްދަވާފައިވާ މާއްދާތައް، ﷲ ކީރިތި ޤުރުއާންގައި އަންގަވާފައި ވެއެވެ.  މިގޮތުން سورة الروم ގެ 20 ވަނައާޔަތުގައި އެކަލާނގެ އިންސާނާ ވެލިން ހައްދަވައި ބިންމަތީ ފެތުރުއްވެވިކަމުގައި ވެއެވެ. އަދި سورة الصافات ގެ 11 ވަނަ އާޔަތުގައި އިންސާނާ ހެއްދެވީ ތަތްލާ މަށިންކަމުގައި އަންގަވާފައިވެއެވެ. މީގެ އިތުރުން سورة الرحمن 14 ވަނަ އާޔަތުގައި މުށިތަކެއްފަދަ ހިކިމަށިން (sounding clay) އިންސާނާ އުފެއްދެވި ކަމުގައިވެއެވެ. އަދި އެހެންމެ سورة الحجر 28 ވަނަ އާޔަތުގައިވަނީ, تغيّر ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން އިންސާނަކު ހައްދަވާނެ ކަމުގައެވެ. އަދި އެކަލާނގެ ރޫޙުފުޅުން އެއިންސާނާއަށް ފުމެލެއްވެވުމުން މަލާއިކަތުން އޭނާޔަށްޓަކައި ސަޖިދަޔަށް ތިރިވުމަށް ދެންނެވުނު އެވެ. ޤުރުއާންގެ އެކިތަންތަނުގައި آدمގެފާނުން ހެއްދެވުމަށް ބޭނުންކުރެވުނު ވެލީގެ ނަންތައް ތަފާތުކޮށް ބަޔާން ކުރައްވާފައިވާތަން އަޅުގަނޑުމެންނަށް އެބަފެނެއެވެ. ދުނިޔޭގައި ހުންނަވެލި ފެނާއެކުވުމުން ކިސަޑަށް ބަދަލުވެއެވެ. އަދި އޭގައި ހުންނަފެނުގެ ބައެއް އާތްވަށް އެރުމުން ތަތްވެއެވެ. އަދި އިތުރު މުއްދަތަކަށް ބަހައްޓައިފިނަމަ ވަސްދުވައި ކަޅުވަންވެސް ފަށައެވެ. މިފަދަ މާއްދާއަކުން އެކަލޭގެފާނު ހައްދަވައި އެކަލޭގެ ފާނުންގެ ފުރާނަފުޅުނެތް ހަށިކޮޅު ހިކި މުށްޓައްވަންދެން  ބޭއްވުނީ ބާވައެވެ؟ މި އާޔަތްތަކަށް ބަލާއިރު އެކަލޭގެފާނުގެ ފުރާނަނެތްހަށިކޮޅަށް ﷲ ގެ ރޫޙުފުޅުން ފުމެލެއްވުމުން އިންސާނަކަށް ބަދަލުވިކަމަށް ބެލެވެއެވެ.  (ސްޓޭސީ، 2008). ﷲ އީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އަދި މަށިން އިންސާނާ ހެއްދެވިގޮތާއި ހިކުމަތް މޮޅަށް ދެނެވޮޑިގެންވަނީވެސް ހަމައެކަލާނގެއެވެ.

މާތް ﷲ، آدم ގެފާނުން ފިޔަވާ އެހެން ދެ އިންސާނަކު އާދަޔާ ޚިލާފު އުފެއްދެވުމަކުން އުފެއްދެވިއެވެ.  حوّاء ގެފާނުން މަން،މައެއްނެތި ހެއްދެވިކަން سورة الزمرގެ 6 ވަނަ އާޔަތުގައި ވެއެވެ. އަދި އީސާގެފާނުން ބައްޕައެއްނެތި ހެއްދެވިކަން سورة آل عمرانގެ 47 އާޔަތުން އެނގެއެވެ. ނަމަވެސް އަޅުގަނޑުމެން އެހެން އިންސާނުން ދުނިޔެއަށްފޮނުއްވަނީ ބައްޕަޔަކާއި މަންމައެއް މެދުވެރި ކުރައްވައެވެ. ބޭސްވެރިކަމުގެ ތަޢުލީމް މިއަދު ކުރިއަރާފައިވާ މިންވަރުން ސްޓެމްސެލް ބޭނުންކޮށްގެން ދަރިން އުފަން ކުރެވިދާނެކަމަށް ސައިންސްވެރިން ބުނެއެވެ. ޖަޕާނުގެ ކުޔުޝޯ ޔުނިވާރސިޓީގެ ސައިންސްވެރިންގެ ޓީމަކުން މީދާތަކެއްގެ ސްޓެމްސެލް ބިހަށްބަދަލުކޮށް ފާޓިލައިޒް ކުރުމަށްފަހު ސަރުގޭޓް އަންހެން މީދަލެއްގެ ހަށިގަނޑުގައި އިމްޕްލާންޓްކޮށް ކާމިޔާބު ކަމާއިއެކު ވަނީ ސިއްޙަތުރަގަޅު ކުދި މީދާތަކެއް އުފަންކުރުވާފައެވެ. (ވަޓްކިންސް، 2016) އަޅުގަނޑުމެން އިންސާނުން ﷲ ހައްދަވާފައި ސެލް މިހެން ރީޕްރޮގްރާމްކޮށްގެން މިކަންކުރުމުގެ ޢިލްމުދެއްވާފައިވާއިރު ނެތުމުގެ ތެރެއިން އެންމެހާތަކެތި އުފެއްދެވި ރަސްކަލާނގެއަށް އެ ދެއިންސާނުން އާދަޔާ ޚިލާފަށް އުފަންނުކުރެވެންވީ ކީއްވެހެއްޔެވެ؟

إِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي خَالِقٌ بَشَرًا مِّن طِينٍ ﴿٧١﴾ فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُوا لَهُ سَاجِدِينَ ﴿٧٢﴾ فَسَجَدَ الْمَلَائِكَةُ كُلُّهُمْ أَجْمَعُونَ ﴿٧٣﴾إِلَّا إِبْلِيسَ اسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ ﴿٧٤﴾

ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، މަށިން إنسان އަކު ހައްދަވާހުށީމެވެ. (71) ފަހެ، ތިމަންރަސްކަލާނގެ އެ إنسان އާ (އެބަހީ: آدم ގެފާނު) ހައްދަވައި ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ روح ފުޅުން އެ إنسان އާއަށް ފުމެލައްވައިފިހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި سجدة އަށް ތިރިވާހުށިކަމެވެ! (72) ފަހެ، ملائكة ން، އެ އެންމެން އެކުގައި سجدة ކުރައްވައިފޫއެވެ. (73) إبليس މެނުވީއެވެ. އެކަލޭގެ ބޮޑާވެ، كافر ވި މީހުންގެ ތެރެއިންވިއެވެ. (74). (ޤުރުއާން، 74-38:71)

خَلَقَكُم مِّن نَّفْسٍ وَاحِدَةٍ ثُمَّ جَعَلَ مِنْهَا زَوْجَهَا …﴿٦﴾

އެކަލާނގެ ތިޔަބައިމީހުން ހެއްދެވީ، އެއް نفس އަކުންނެވެ. (އެއީ آدم ގެފާނެވެ.) ދެން އެ نفس ން އެކަލޭގެފާނުގެ އަނބިކަނބަލުން (حوّاء ގެފާނު) ހެއްދެވިއެވެ. (6) (ޤުރުއާން، 39:6)

قَالَتْ رَبِّ أَنَّىٰ يَكُونُ لِي وَلَدٌ وَلَمْ يَمْسَسْنِي بَشَرٌ ۖ قَالَ كَذَٰلِكِ اللَّـهُ يَخْلُقُ مَا يَشَاءُ ۚ إِذَا قَضَىٰ أَمْرًا فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ ﴿٤٧﴾

އެކަމަނާ ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާޔަށް ދަރިޔަކު ލިބޭނީ ކޮންފަދަޔަކުންތޯއެވެ؟ އެއްވެސް އިންސާނަކު ތިމަންއަޅާގެ ގަޔަކު ނުބީހެއެވެ. އެ ملائكة އާ ވިދާޅުވިއެވެ. (ކަންހުރީ) އެފަދައިންނެވެ. اللَّه، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވަތެވެ. އެކަލާނގެ ކަމަކަށް ނިޔާކުރައްވައިފިނަމަ އެކަމަކަށް وحى ކުރައްވާކަން ކަށަވަރީ، “ވާށޭ” އެވެ! ދެން އެކަމެއް ވެދެއެވެ. (ޤުރުއާން، 3:47)