ހެދިބޮޑުވުން 

ރަހިމުގެ އަދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ނިކުންނައިރު އެތުއްތު ދަރިފުޅަށް ބޭނުންވާ ރައްކާތެރި ކާނާ ﷲ މައިމީހާގެ ކިރުގައި ލައްވާފައިވެއެވެ، މަންމައާއި ބައްފަގެ އަޅާލުމާއި ރައްކާތެރިކަމުގައި ބޮޑުވަމުން އައިސް ބިންމަތީ ފިރުކި އޭގެ ފަހުގައި ކޮޅަށްތެދުވެ ހިނގަންފަށައެވެ. އެއާއިއެކު ފަހަރަކު ބަހަކުން ވާހަކަ ދައްކަމުންގޮސް ބަސްކޮށާރަ މުއްސަދިވެ އަހަރު ދެއަހަރުވާއިރު ވާހަކަ ދައްކާންދަސްވެއެވެ. އޭނާ އުޅޭމާހައުލުން، އެކުގައި އުޅޭމީހުންގެ ފަރާތުން، ކަންކަންދަސްވެ، މީހެއްގެ އެހީއެއްނެތި އުޅެވޭނެ އިންސާނަކަށް އޭނާތަސައްރަފު ފުދޭއިރުވެދެއެވެ. އަދި އެކުގައި އުޅޭނެބައިވެރިއެއް ލިބުމަށްފަހު ކައިވެނިކޮށް އެދެމަފިރިންނަށް ދަރިންލިބިދެއެވެ. މިއީ މިދުނިޔޭގައި އިންސާނީ ނަސްލު ދެމެހެއްޓުމައްޓަކައި ﷲ ލައްވަވާފައިވާ ނިޒާމެވެ. އެންމެ އިންސާނެއްގެ ފަރާތުން މިއަދު ދުނިޔޭގައި މިތިބި އެތައްބިލިޔަން އިންސާނުން އައިގޮތެވެ. އަޅުގަނޑުމެން ކޮންމެ މީހަކު މިދުނިޔެއަށް އަންނަނީ  މައެއްގެ ހަށިގަނޑުގައި އުފެދި ހެދިބޮޑުވެގެންނެވެ. ނުވަމަސްދުވަސް ވަންދެއް އެތައްގިނަ ވޭނަކާއި ބުރައެއް އެމައިމީހާ އުފުއްލުމަށް ފަހުގައެވެ. އަދި އޭގެފަހުން އަމިއްލައަށް އުޅެވެންދެން ބައްޕައާއި މަންމަގެ އަޅާލުން ލިބިގެންނެވެ. މަންމައާއި ބައްޕަގެ ބެލުމުގެ ދަށުގައި އަހަރުތަކެއް ހޭދަކުރުމަށްފަހު އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމަކަށް ދާއިރު ގިނަފަހަރަށް އެދެމަފިރިން ތިބެނީ މުސްކުޅިވެ އުމުރުން ދުވަސްވެ، އަޅުގަނޑުމެންގެ އަޅާލުން ބޭނުންވާ ހިސާބަށް ގޮސްފައެވެ. ކީރިތި ޤުރުއާންގައި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ﷲ وصية ކުރައްވާފައި ވެއެވެ. ކީރިތި ޤުރުއާންގެ سورة الأحقاف ގެ 15 އާޔަތުގައިވަނީ،

وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ إِحْسَانًا ۖ حَمَلَتْهُ أُمُّهُ كُرْهًا وَوَضَعَتْهُ كُرْهًا ۖوَحَمْلُهُ وَفِصَالُهُ ثَلَاثُونَ شَهْرًا ۚ حَتَّىٰ إِذَا بَلَغَ أَشُدَّهُ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ ﴿١٥﴾

إنسان އާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ. އޭނާ ފުރާފުރިހަމަވެ، ސާޅީސްއަހަރު ފުރިއްޖެހިނދު، އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صالح عمل ކުރުމަށް މިއަޅާއަށް إلهام ކުރައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި إصلاح ކޮށްދެއްވާނދޭވެ! ހަމަކަށަވަރުން، ތިމަންއަޅާ އިބަރަސްކަލާނގެޔަށް توبة ވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ مسلم ންގެ ތެރެއިންނެވެ. (ޤުރުއާން، 46:15).

وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴿٢٣﴾ وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ﴿٢٤﴾

އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! (23) އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ! (24) (ޤުރުއާން،  24-17:23)