މަހުރާމް ބިލްޤީސް

އާކިޔޮލޮޖިސްޓުންގެ މަސައްކަތުން ބިލްޤީސްގެ ފައްޅިކަމަށް ބެލެވޭ ތަނެއްވަނީ ހޯދިފައެވެ. އެމީހުން އެތަނަށް ދިން ނަމަކީ މަހުރާމު ބިލްޤީސް (ޓެމްޕަލް އޮފް ޝީބާ) އެވެ. މިތަން 37 އޭކަރުގެ ބިމަށް ފެތުރިފައި ވެއެވެ. ސަހަރާގެ ބިމުގައި މިތަން ވަޅުލެވިފައި ވަނިކޮށް ހާމަކުރެވިފައިވަނީ އެތަނުގެ ވަރަށް ކުޑަ ސަރަހައްދެކެވެ. ކޮންނަމުންދާއިރު ސަހަރާގެ ވެއްޔާއި ހިރަފުހުގެ ސަބަބުން އެތަން ފޮރުވެމުންދިޔުމާއި ދެކޮޅަށް އާކިޔޮލޮޖިސްޓުން ވަރަށްބުރަކޮށް މަސައްކަތްކުރަން ޖެހެއެވެ.ތިރީގައިވާ ފޮޓޯގައި އެވަނީ މަހުރާމް ބިލްޤީސް ( ޓެމްޕަލް އޮފް ޝީބާ) އެވެ. މިތަން އެންމެފުރަތަމަ ކޮނެހާމަކުރީ އެމެރިކާގެ އާކިޔޮލޮޖިސްޓެއް ކަމަށްވާ ވެންޑީ ފިލިޕް، 1950ގެ އަހަރުތަކުގައި އެވެ ނަމަވެސް 4 މަސްފަހުން ޔަމަނު މީހުން، އެމަސައްކަތައް ހުރަސް އެޅުމާއެކު، އެމަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން ފެއްޓިފައިވަނީ 2000 ގެ އަހަރުތަކުގައެވެ. މަހުރާމު ބިލްޤީސް އަކީ ރަސްކަމުގެ ގަނޑުވަރުކަމަށް ބެލެވޭތަނެވެ. އަދި ސަބާގައި އެތައް ޤަރުނަކަށް ވެރިކަން ކޮށްފައިވާތީ، ބިލްޤީސްގެ ދުވަސްވަރުގެ ތާރީޚީހެކި ހޯދުމަށް 10 ވަރަކަށް މީޓަރުގެ އަޑީގައިވާ ބިނާތައް އަދިވެސް ހާމަކުރަންޖެހެއެވެ. އާކިޔޮލޮޖިސްޓުންގެ އުއްމީދަކީ ބިލްޤީސްގެ ވެރިކަމުގެ ނިޝާންތައް ކޮންމެވެސް ދުވަހަކުން ފެނިގެން ދިޔުމެވެ. ލަފާކުރެވޭ ގޮތުގައި ސަބާގެ ވެރިކަން ނިމުމަކަށް އައީ ބިންހެލުމަކުން ޑޭމްހަލާކުވުމާއި އަދި އެދުވަސްވަރު ވިޔަފީރީގެ މަގުތަކަށް އައި ބަދަލުގެ ސަބަބުންނެވެ.