ބިލްޤީސް ވެރިކަން ކުރީ ކޮންތަނެއްގައިތަ؟

ބިލްޤީސް ރަނިން ވެރިކަން ކުރެއްވިކަމަށް قرآنގައި އެވަނީ ސަބާކިޔާ ސަރަހައްދެއްގައެވެ (القرآن، 27.22) . މި ސަރަހައްދުގެ ދެތަނެއްގެ މީހުން އެބައިމީހުންގެ ރަށަކީ ސަބާ ކަމަށް ކިޔާއުޅެތެވެ. އެއްތަނަކީ އިތިޔޮޕިޔާގެ ލަލީބެލާއެވެ. އަނެއްތަނަކީ ޔަމަނުގެ މައުރިބެވެ. 

އިތިޔޮޕިޔާގެ ލަލީބެލާ

އިތެޔޮޕިޔާގެ އެންމެދުވަސް ވީ ދީނީ އަދި ތާރީޚީ ފޮތް ކަމުގައިވާ ކެބްރަ ނަގަސްޓްގައިވެސް މަކީޑާ ކިޔާ މުއްސަދި ރާނީޔަކު سليمان ގެ ފާނުންގެ އަރިއަހަށް ދިޔަކަމަށް އޮވެއެވެ. އިތިޔޮޕިޔާގެ މީހުން ޤަބޫލުކުރަނީ ބިލްޤީސް އަކީ އޭނާ ކަމުގައެވެ. ކޮންމެމެއަކަސް އިތެޔޮޕިޔާގެ ލަލީބެލާ އަކީވެސް އާސާރިތަންތަން ހުރިސަރަހައްދެކެވެ. މިތަނަށް އެރަށުގެ އަހުލުވެރިން އައު ޖެރޫސަލަމްއޭވެސް ކިޔާއުޅެތެވެ. މިތަނުގެ އާސާރީ ސަރަހައްދުގައި 11 ފައްޅި ހުންނަކަމަށްވެއެވެ.

ޔަމަނުގެ މައުރިބު

ގިނަ އާކިޔޮލޮޖިސްޓުންނާއި ތާރީޚީ އިލްމުވެރިން ދެކެނީ ސަބާގެ ވެރިކަން އޮތީ ޔަމަނުގެ މައުރިބުގައި ކަމުގައެވެ. މިތަނުގައި، އެތަނުގެ އަހުލުވެރިން ވަރަށްބޮޑު ޑޭމެއްވެސް ހަދާފައިވެއެވެ. އެޑޭމުން ތިރީގައިވާ ސަހަރާގެ ބިމަށް ފެންދީގެން ދެފަރާތުގައި ދެ އޮއެސިސް އުފެއްދިއެވެ. އަދި އެތަންތަނުގައި ދަނޑުގޮވާންކޮށް، ވަރަށް ތަނަވަސްކަންމަތީ އެބައިމީހުން ދިރިއުޅުނެވެ. މިހިސާބުގެ އަހުލުވެރިން މިތަނަށް ކިޔާއުޅެނީ ދެ ސުވަރުގޭގެ ބިމެވެ. ބުނެވޭގޮތުގައި މިޑޭމުން 30 ހާހާއި 50 ހާސް މީހުންގެ ދިރިއުޅުމަށް ބޭނުންވާ ކާބޯތަކެތި އުފައްދާ އުޅުނެވެ. މިޑޭމް ބޭނުން ނުކުރާތާ މިހާރު ވަރަށްގިނަ ޒަމާންވެއްޖެއެވެ. ޑޭމް މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައިވަނީ އާކިޔޮލޮޖިސްޓުން ދެކޭގޮތުގައި އައި ވަރުގަދަ ބިން ހެލުމެއްގެ ސަބަބުން ނުވަތަ ގަދަ ވިސްސާރައިގެ ސަބަބުން ފެންބޮޑުވެގެންނެވެ. ކީރިތި ޤުރުއާނުގެ سورة سبإ ގެ 15 ވަނަ އަދި 16 ވަނަ އާޔަތް މިތަނުގައި ފާހަގަ ކޮށްލަމެވެ.

 

لَقَدْ كَانَ لِسَبَإٍ فِي مَسْكَنِهِمْ آيَةٌ ۖ جَنَّتَانِ عَن يَمِينٍ وَشِمَالٍ ۖ كُلُوا مِن رِّزْقِ رَبِّكُمْ وَاشْكُرُوا لَهُ ۚ بَلْدَةٌ طَيِّبَةٌ وَرَبٌّ غَفُورٌ ﴿١٥﴾

ހަމަކަށަވަރުން، سبإ ގެ أهل ވެރިން އުޅުނުތާނގައި، އެއުރެންނަށް ކަލާނގެ ކުޅަދުންވަންތަކަމުގެ ހެތްކެއްވިއެވެ. (އެއީ) ދެ ބަގީޗާއެކެވެ. (އެރަށުގެ) ކަނާތްފަރާތުންނާއި، ވާތްފަރާތުންނެވެ. (އަންގަވާފަދައެވެ.) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ދެއްވި رزق ން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން އެކަލާނގެއަށް شكر ވެރިވާށެވެ! (ތިޔަބައިމީހުންގެ ރަށަކީ) ރަނގަޅު، މޮޅު ރަށެކެވެ. އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.

فَأَعْرَضُوا فَأَرْسَلْنَا عَلَيْهِمْ سَيْلَ الْعَرِمِ وَبَدَّلْنَاهُم بِجَنَّتَيْهِمْ جَنَّتَيْنِ ذَوَاتَيْ أُكُلٍ خَمْطٍ وَأَثْلٍ وَشَيْءٍ مِّن سِدْرٍ قَلِيلٍ ﴿١٦﴾

ދެން އެއުރެން (އެކަލާނގެ نعمة އަށް) ފުރަގަސްދިނޫއެވެ. ދެން ތިމަންރަސްކަލާނގެ އެއުރެންގެމައްޗަށް ފައިބައިގެން އަންނަ ބޮޑުވެގެންވާ ފެންގަނޑު (އެބަހީ: سيل العرِم) ފޮނުއްވީމެވެ. އަދި އެއުރެންގެ ދެ ބަގީޗާގެ ބަދަލުގައި، އެއުރެންނަށް ތިމަންރަސްކަލާނގެ އެހެން ދެ ބަގީޗާ ދެއްވީމެވެ. ކާންނުކެރޭފަދަ ހިތި މޭވާގެ ގަސްތަކަކާއި، މޭވާއެއްނެތް ކަށިގަސްތަކަކާއި، އެތަންމިތާނގައި ވަރަށްމަދު ކުންނާރު ގަސްތަކެއްހުރި ދެ ބަގީޗާއެވެ.