އިރުގެ ނިޒާމު އުފެދި ތަރިތައް ފެންނަން ފެށުން

އިރުން އަލިވާން ފެށުމާއި އެކު އުފެއްދިގެން އައި ރޯޅީ (ސޯލާ ވިންޑް) ގެ ސަބަބުން ބާކީވި ހިރަފުހާއި ގޭހާއި އެހެނިހެން ސާމާނު، އިރާއި ދުރަށް ފޭވެ އެސަރަހައްދު ސާފުވިއެވެ. އިރާއި އެންމެ ދުރުގައިވަނީ ޖުޕިޓާރ، ސެޓާރން، ޔުރެނަސް އަދި ނެޕްޗޫންފަދަ ބޮޑެތި ގޭހުގެ ޕްލެނެޓްތަކެވެ. އެންމެ އިރާއި ގާތުގައިވަނީ މާކަރީ، ވީނަސް، މާރސް އަދި އަޅުގަނޑުމެންގެ ބިން، (ދުނިޔެ) ފަދަ ހިލައިގެ ބިން އެކުލެވިގެންވާ ޕްލެނެޓްތަކެވެ. އަޅުގަނޑުމެންގެ އިރުގެ ނިޒާމު އުފެދުނުއިރު ބާކީ ވެފައިވާ ތަކެތި މިހާރު ވަނީ ވަށް ބުރެއްގެ ސިފައިގައި، މާސް އާއި ޖުޕިޓާއާއި ދެމުދުގައިވާ 120 މިލިއަން މޭލުފުޅާ  އެސްޓްރޮއިޑް ބެލްޓްގައެވެ، މި ބެލްޓްގައި ވަނީ އިރު ވަށައި ދައުރުކުރާ އެކި ސައިޒުގެ ހިލަގަނޑުގަނޑެވެ. (ރެޑް، 2017).  ދުނިޔޭގެ ސަރަހައްދު ސާފުވުމުން އުޑުމަތިން ހަނދާއި ތަރިތަކާއި ޕްލެންޓްތައް ފެންނަން ފެށިއެވެ. އެއުޑު ހިފެހެއްޓުމަށް سورة الرعد ގެ 2 ވަނަ އާޔަތުގައިވާ ފަދައިން ތަނބެއް ފަދައެއްޗެއް ބޭނުމެއް ނުވެއެވެ.

ސޯލާ ސިސްޓަމްގައި ޕްލެނެޓްތައް ދައުރު ކުރާގޮތް- ސޯސް: bestanimations

اللَّـهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۚ يُدَبِّرُ الْأَمْرَ يُفَصِّلُ الْآيَاتِ لَعَلَّكُم بِلِقَاءِ رَبِّكُمْ تُوقِنُونَ ﴿٢﴾

اللَّه އީ، ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އުޑުތައް އުފުއްލެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ استواء ވެވޮޑިގަތެވެ. އަދި އިރާއި، ހަނދު خدمة ތެރި ކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. ހުރިހާ ކަމެއް އެކަލާނގެ تدبير ކުރައްވަތެވެ. آية ތައް تفصيل ކޮށްދެއްވަތެވެ. (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭކަން، ތިޔަބައިމީހުން يقين ކުރުމަށްޓަކައެވެ. (ޤުރުއާން، 13:2).