ނެބިއުލާ އިން އިރު އުފަންވުން

އިރު އުފެދިފައިވަނީ މިލްކީވޭގައި އުފެދުނު ނެބުލާ އަކުންނެވެ. ނެބިއުލާ އަކީ މައިގަނޑުގޮތެއްގައި ވަރަށް ހޫނު ހީލިޔަމް އާއި ހައިޑްރިޖަން ގޭހާއި ހިރަފުސް އެކުލެވިގެންވާ ދުންގަޑެކެވެ. މިފަދަ ނެބިއުލާތައް ގެލެކްސީތަކުގައި ގިނައަދަދަކަށް ހުރުމުން ރެއާއި ދުވާލު އެތައްހާސް ތަރިއެއް އުފަންވެ ނެތެމުންދެއެވެ. ނެބިއުލާގައި ހުންނަތަކެއްޗަކީ ކުރީގައި ގޮވާފައިވާ ތަރިން (ސްޕަނޯވާރ އެކްސްޕޮލޯޝަން) އުފެދޭ ތަކެއްޗެވެ. ވުމާއެކު ތަރިތަކުގައި އުފެދޭ ބަރު މާއްދާތައް (އެލެމެންޓްސް)، އަލަށް އުފެދޭ ނެބިއުލާގައި ހުރެއެވެ. އަޅުގަނޑުމެންގެ އިރުގެ ނިޒާމް އުފެދުނު ނެބިއުލާގައި ދުނިޔެ އުފެދުމަށް ބޭނުންވާ ނައިޓްރިޖަން، އޮކްސިޖަން، ދަނގަޑު އަދި ސިލިކަން ފަދަ ބަރު މާއްދާތައް ހުރިކަމަށް ޤަބޫލުކުރެވެއެވެ. (ހޯކިންގ، 2017). ކީރިތި ޤުރުއާނުގައި ދުންގަނޑަކުން އުޑުހެއްދެވިކަން سورة فصلت ގެ 11 ވަނަ އާޔަތުގައި ވެއެވެ. އަދި އެއަށްފަހު ދުނިޔެހެއްދެވިކަން ބަޔާންކުރައްވާފައިވެއެވެ. ބެލެވޭގޮތުގައި އުޑަކީ މިލްކީވޭ ގެލްކްސީއެވެ. އެއާޔަތުގައި ވަނީ؛

ثُمَّ اسْتَوَىٰ إِلَى السَّمَاءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ ﴿١١﴾

ދެން ދުމެއްގެ ސިފައިގައި އުޑުވަނިކޮށް، އުޑުހައްދަވައި، ފުރިހަމަ ކުރެއްވުމަށް އެކަލާނގެ އިރާދަކުރެއްވިއެވެ. ފަހެ، އެކަލާނގެ އެ އުޑަށާއި، ބިމަށް وحى ކުރެއްވިއެވެ. ރުހުމުގައި، ނުވަތަ ނުރުހުމުގައިވިޔަސް (ފުރާފުރިހަމަވެގެން) އަންނާށެވެ! އެ އުޑާއި ބިން ދެންނެވިއެވެ. ތިމަންމެން ރުހުމުގައި އަތުވެއްޖައީމުއެވެ. (ޤުރުއާން 41:11).

600-700 އަލިއަހަރު ދުރުގައިވާ ޕައިޕް ނެބިއުލާއަކީ ތަރިތައް އުފަންވަމުންދާ ކަޅުކުލައިގެ ދުންގަނޑެއްގެ ސިފައިގައިވާ ނެބިއުލާއެކެވެ. ތަފާތު ކުލަ ކުލައިގެ ނެބިއުލާ ހުންނަކަމުގައި ވިޔަސް ޤުރުއާނުގައި ސިފަކޮށްދީފައި ވަނީ މިފަދަ ނެބިއުލާއެކެވެ. ސޯސް: Space

އިރުގެ ނިޒާމް އުފެދުނުއިރު ނެބިއުލާގައި ހުރި ގޭހާއި ހިރަފުސް އެކިތަންތަނަށް ޖަމާވެ ފުރަތަމަ އުފެދުނީ ގުޅަވަރު ތަކެކެވެ. އަދި ދަމާ ބާރު (ގްރެވިޓީ) ގެ ސަބަބުން، މިގުޅަވަރު ތަކުގައި ހުރި ސާމާނު މަޑުމަޑުން ގާތައްލެފި ދުނިޔެ އާއި އެހެން ޕްލެނެޓްތަކާއި ހަނދުތައް އުފެދެން ފެށިއެވެ. ނެބިއުލާގެ އެންމެ މެދުގައި ހައިޑްރިޖަން ގޭހުގެ ބޯޅައެއް އުފެދި އޭގައި ހުރިސާމާނު އިތުރަށް ގާތައްލެފި، ބަރުވެ، ދަމާބާރު ނުވަތަ ގްރެވިޓީގެ ސަބަބުން އުފެދުނު ހަކަތަ ހޫނަށް ބަދަލުވާން ފެށިއެވެ. އަދި މީގެ ސަބަބުން ޕްރެޝަރާއި ފިނިހޫނުމިން އާދަޔާ ޚިލާފަށް މަތިވެ މިލިޔަން ޑިގްރީތަކަކަށް އެރުމުން އިރުގެ މެދުގައި ނިއުކްލިއާ ރިއެކްޝަން ފެށި ހައިޑިރިޖަން ހީލިއަމްއަށް ބަދަލުވާންފެށިއެވެ. މި ނިއުކްލިއާރ ރިއެކްޝަންގެ ސަބަބުން އިރުން އަލިކާމާއި ހޫނުކަން ދޫކުރަން ފެށިއެވެ، މިހާހިސާބުން އަޅުގަނޑުމެންގެ އިރު ވުޖޫދަށް އައެވެ.