މުސްތަޤްބަލުގައި ހިނގާނެ ހާދިސާއެއްގެ ނިޝާން ހުވަފެނުން ފެންނަނީ ކީއްވެ؟

ހުވަފެނުގައި ފެންނަކަންކަން ނުވަތަ ލިބޭ މެސެޖް ފަހުގެ ހާދިސާތަކުަގައި ހިނގާކަމަށް ގިނަބަޔަކަށް ޤަބޫލުކުރެވުނަސް މިކަން މިހެންވާގޮތް ސައިންޓިފިކް އެއްވެސް ތިއަރީއަކުން ބުނެދެވިފައި ނުވެއެވެ. އިންސާނާ ނިދާފައި އޮންނައިރު އޭނާގެ ހޭވެރިކަމެއް (ކޮންޝިއަސްނެސް) ނުހުރެއެވެ. ބުނެވޭގޮތުގައި ނިދާފައި އޮންނައިރު ހަމައެކަނީ ހޭވެރިކަން (ކޮންޝިއަސް) ވާ ވަޤުތަކީ ހުވަފެން ފެންނަވަޤުތު އެވެ. ހުވަފެން ފެންނައިރު އެއީ ހަޤީގަތެއްކަން ނުވަތަ ނޫންކަން އޭނާޔަކަށް އިހުސާސެއް ނުކުރެވެއެވެ. އެކަން ޔަޤީންވަނީ ވެސް ހޭލެވުމުންނެވެ. ހޭލާ ހުންނައިރާއި ނިދާފައި އޮންނައިރު އިންސާނާގެ ބުއްދިޔާއި ފިކުރާއި އިހުސާސްތަކަށް ރޫޙާނީ ބާރުތަކުން ބާރުފޯރުވާކަން އަޅުގަނޑުމެންނަށް އެނގެއެވެ. ހަމަ އެހެންމެ ޑްރަގާއި ރަލާއި މިފަދަ މަސްތުވާތަކެތިންވެސް ޖިސްމާނީގޮތުން ސިކުނޑިއަށް ބާރުފޯރުވައި، ހަޤީގަތާއި ޚިލާފް ކަންކަން ދައްކާދެއެވެ. އާންމުކޮށް އަޅުގަނޑުމެން މިފަދަ ކަންކަމަށް ކިޔަނީ ހެލުސިނޭޝަން އެވެ. ނަމަވެސް ޖާދޫ ހަދާމީހަކު ޝައިތާނެއް ފަދަ ރޫޙާނީ ބާރެއް ބޭނުން ކޮށްގެން އެއްފަހަރާ އެތައްބަޔަކަށް ހަޤީގަތާއި ޚިލާފް މަންޒަރުތަކެއް ނުވަތަ ކަންތައްތަކެއް ދެއްކުމަކީ ކިހިނެއްވާކަމެއް ހެއްޔެވެ؟ އެތައް ސަތޭކަބަޔަކު އެއްފަހަރާ ހެލުސިނޭޓް ވަނީ ހެއްޔެވެ؟ އެހެން އަކަންވުމުގެ ފުރުސަތު ކުޑައެވެ. ވުމާއެކު ޖާދޫ ހަދާ ޙާލަތުގައި އެކަން އިންސާނާގެ ހިއްސުތަކަށް އިހުސާސްކުރެވޭގޮތަށް ޝައިތާނާ ޙާލަތެއް އުފައްދަނީ ކަމަށް ޤަބޫލު ކުރެވެއެވެ. އިބުލީސްގެ ވަސްވާހަކީ ވެސް އިންސާނާގެ ފިކުރާ، ބުއްދިއާއި ވިސްނުން ބަދަލުކޮށްލާ ރޫހާނީ ބާރެކެވެ. ހަމައެހެންމެ ޖިންނި ޝައިތާނުންގެ ސަބަބުން މޮޔަވާ މީހުންނަށް އެެހެންމީހުންނަށް ނުފެންނަކަންކަން ފެނެއެވެ. ނަމަވެސް ބޭސްދީގެންނާއި އެކިގޮތްގޮތުން އެފަދަމީސްމީހުންގެ ސިކުނޑިއަށް ކުރާ އަސަރުތަކަށް ބަދަލު ގެނެވެއެވެ. މިފަދަ ބައެއް ހާލަތުތަކުގައި ބޭހުގެ ފަރުވާއިން ރަގަޅުނުވެ ރުޤްޔާކޮށްގެން ރަގަޅުކުރެވިފައިވެސް ވެއެވެ. މިފަދަ އަނެއް ރޫޙާނީ ބާރަކީ އިންސާނާގެ ހަށިގަނޑާއި އެކު ﷲ ލައްވަވާފައިވާ ފުރާނައެވެ. ކީރިތި ޤުރުއާނުން އަޅުގަނޑުމެންނަށް އެ ފުރާނަ ނިދާއިރު ﷲ ގެންދަވާކަމާއި މަރާއެކު އަބަދަށް އަޅުގަނޑުމެންގެ މާއްދީ ހަށިގަނޑާއި ވަކިވެދާކަން އެނގެއެވެ. ޖިންނި ޝައިތާނުންނާއި ބެހޭގޮތުން އެނގޭވަރަށްވެސް ފުރާނަޔާއި ބެހޭގޮތުން އަޅުގަނޑުމެންނަކަށް ނޭނގެއެވެ. ނިދާފައި އޮންނަމީހާއާއި ފުރާނަ ކުޑަ ހިނދުކޮޅަކަށް ވިޔަސް ވަކިވެދާނަމަ ފުރާނަޔާއި ދިރުމަކީ ދެއެއްޗެކެވެ. ނަމަވެސް ފުރާނަ ޖިސްމާނީ ހަށިގަނޑުގައި ހަރަކާތްތެރިވަނީ އެހަށިގަނޑުގައި ދިރުން ހުުންނަނަމަކަން ވެސް ވިސްނާލުމުން އެބަ އެނގެއެވެ. އަޅުގަނޑަށް ވިސްނޭގޮތުގައި އިންސާނާގެ ކޮންޝިއަސްނެސް އާއި ފުރާނަޔާއި ކޮންމެވެސް ގުޅުމެއް ވެއެވެ. ކީރިތި ޤުރުއާންގެ سورة الرعد ގެ 11 ވަނަ އާޔަތުން އިންސާނާ ބަލަހައްޓަން ބަދަލުވަމުންދާ ގޮތުގައި (ޑިއުޓީ އުސޫލުން) މަލާއިކަތުން ތިއްބަވާކަން އެނގެއެވެ. ޢިލްމުވެރިން ވިދާޅުވާގޮތުންނަމަ އިންސާނާ ނިދާފައި އޮންނަވަޤުތުތަކުގައި އާއި ހޭލާ ހުންނަވަޤުތުތަކުގައިވެސް މި މަލާއިކަތުން އިންސާނާ ޖިންނި ޝައިތާނުންގެ ކިބައިން ސަލާމަތް ކޮށްދެއްވައެވެ. 

لَهُ مُعَقِّبَاتٌ مِّن بَيْنِ يَدَيْهِ وَمِنْ خَلْفِهِ يَحْفَظُونَهُ مِنْ أَمْرِ اللَّـهِ ۗ إِنَّ اللَّـهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ ۗ وَإِذَا أَرَادَ اللَّـهُ بِقَوْمٍ سُوءًا فَلَا مَرَدَّ لَهُ ۚ وَمَا لَهُم مِّن دُونِهِ مِن وَالٍ ﴿١١﴾

އޭނާއަށް (އެބަހީ: އިންސާނާއަށް) އޭނާގެ ކުރިމަތީގައްޔާއި، އޭނާގެ ފަހަތުގައި، ބަދަލުވަމުންދާ ގޮތުގައި ތިއްބަވާ ملائكة ން ވެއެވެ. اللَّه ގެ أمر ފުޅަށް، އެބޭކަލުން އޭނާ ރައްކާތެރިކޮށް ބަލަހައްޓަވަތެވެ. ހަމަކަށަވަރުން، ބަޔަކުމީހުންގެ حالة އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، اللَّه، އެ حالة ބަދަލެއް ނުކުރައްވާނެތެވެ. ހަމަކަށަވަރުން، اللَّه، ބަޔަކުމީހުންނަށް ނުބައިކަމަކަށް އިރާދަކުރައްވައިފި ހިނދަކު، އެކަން ދުރުކުރާނޭ އެއްވެސް ބާރެއް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި، އެއުރެންނަށް އެހީތެރިވާނޭ ފަރާތެއް ނުމެވޭމެއެވެ. (ޤުރުއާން، 13:11)

ކޮންމެ ގޮތެއް ވިޔަސް ވާނެކަންކަން ހަމައެކަނި ދެނެވޮޑިގެންވަނީ ﷲ އެވެ. އެފަދަ އެއްވެސް ޚަބަރެއްގެ މައުލޫމާތު ލިބޭނީ ﷲ ކަނޑައަޅުއްވާފައިވާ ފަރާތަކަށެވެ. މިގޮތުން ޔޫސުފް ގެ ފާނުން ފަދަ ރަސޫލުންނަށް ހުވަފެނުގެ ޒަރިއްޔާއިން ހިނގާނެ ބައެއް ކަންކަމުގެ ޚަބަރުތައް ދެއްވިއެވެ. އަދި އެހުވަފެން އެބޭކަލުންނަށް ތައުބީރުކުރައްވަންވެސް ދަސްކޮށްދެއްވިއެވެ. ވުމާއެކު މުސްްތަޤްބަލްގައި ހިނގަން އޮތްކަމެއް ﷲ މަލާއިކަތުންނާއި ހިއްސާކުރެއްވުމުން ނިދާފައި އޮންނައިރު އިންސާނާގެ ކޮންޝިއަސްނެސް އަށް ބާރުފޯރުވާ ހުވަފެނުގެ ޒަރިއްޔާއިން އިންސާނާއަށް އެ މެސެޖް އިންސާނާގެ ބެލެހެއްޓުމުގެ ޑިއުޓީގައި ތިއްބަވާ މަލާއިކަތުން ދެނީބާވައެވެ؟ މިއީ އަޅުގަނޑަށް ވިސްނުނު ގޮތެވެ.