ހުވަފެނުގެ ތަޖުރިބާ

ކޮންމެ ހުވަފެނަކީ މުސްތަޤްބަލްގައި ހިނގާނެ ކަމެއްގެ ނިޝާނެއް އެކުލެވިގެންވާ ހުވަފެނެއް ނޫނެވެ. ނަމަވެސް ވަކިކަހަލަ ގޮތަކަށް ފެންނަ ހުވަފެންތަކަކީ ކޮންމެވެސް މެސެޖެއް އޭގައި އެކުލެވިގެންވާ އެއްޗެއް ކަމުގެ އިހުސާސް، އެފެނުމުން ކުރެވޭ ހުވަފެންތަކެވެ. މިތަނުގައި އަޅުގަނޑު ހިއްސާކޮށްލާނި އަޅުގަނޑު ދުށް މިފަދަ ހުވަފެންތަކުގެ ތެރެއިން ދެ ތިން ހުވަފެނެވެ. މިފަދަ ހުވަފެން ފަހަރުގައި ތިޔަ ކިޔުންތެރިއާއަށް ވެސް ފެނިފައިވުން އެކަށީގެންވެއެވެ.

ސުނާމީ އެރުމުގެ ދުވަސްތަކެއް ކުރިން، ކަނޑުންނެގި ބޮޑުރާޅެއް ފުއްޓަރުފަރާތުން އައިސް އަޅުގަނޑުމެންގެ ރަށުތެރެއަށް އެރިތަން ހުވަފެނެއްގައި އަޅުގަނޑު ދެކުނީމެވެ. އެ ރާޅު ގެތަޢް ހަލާކުކޮށް ގިނަބަޔަކު ކަނޑަށް ދަމާއިގަތް މަންޒަރު ހުވަފެނުގައި އަޅުގަނޑު ދެކުނީމެވެ. އެއަށްފަހު ސުނާމީ އެރުމުން އަޅުގަނޑަށް ކުރިން ފެނުނު ހުވަފެނުން ލިބުނު މެސެޖަކީ ސުނާމީ އަންނަ ކަމުގެ މެސެޖުކަން އެނގުނެވެ. މިފަދަ އެހެން ހުވަފެނަކީ 2003 ގައި ރާއްޖެއިން ބޭރުގައި އަޅުގަނޑު ހުރި ދުވަސް ވަރު ދުށް ހުވަފެނެކެވެ. މިދެންނެވި ހުވަފެނުގައި އަޅުގަނޑު ދުށީ ވަރަށް ބަނަ، އިރުގެ އަލިކަން ފަނޑު ދުވަހެކެވެ. ކުއްލި އަކަށް މާލޭގެ ބިންގަނޑު ރާޅުތަކެއް ފަދައިން ހަރަކާތްތެރިވަނިކޮށް އަޅުގަނޑަށް ފެނުނެވެ. ޖެހިގެންއައިދުވަހު ޚަބަރު ލިބުނީ މާފުށީޖަލުގައި ގައިދީއެއްގެ ގޮތުގައި އޮތް ޙަސަން އީވާން ނަސީމް ޖަލުގައި ހިނގި ހަމަނުޖެހުންތަކަކާއި ގުޅިގެން މަރުވި ވާހަކަޔާއި މާލެތެރޭގެ ހާލަތު ވަރަށް ގޯސްވެ ކުއްލިޙާލަތު އިޢުލާން ކުރިވާހަކަ އެވެ. މިފަދަ މެސެޖެއްލިބުނު ހުވަފެނެއް  ކޮވިޑް-19 ގެ ކުރިންވެސް އަޅުގަނޑު ދެކުނީމެވެ. މި ހުވަފެނުގައި އަޅުގަނޑު ދުށީ ގޮނޑުދޮށުގައި އެހެން މީހަކާއިއެކު ހުއްޓާ ބިޔަރާޅެއް ދުރުން ރަށާއި ދިމާއަށް އަންނަތަނެވެ. މިރާޅުން ސަލާމަތްވުމަށް އެއްގަމަށް އަޅުގަނޑުމެން އެރީމެވެ. ވަލުތެރެއިން ހާމަތަނަކަށް ނިކުމެވުުނު އިރު ލޮނުގަނޑު އެއްގަމަށް އަރައިފައި އޮތެވެ. އަދި ގިނަބަޔަކު މަރުވެގެން ފަޅުތެރޭ އުފުލިފައި ވެއެވެ. ހުވަފެނުގައި އަޅުގަނޑު ދަންނަ މީހަކު މަރުވި ޚަބަރު އަޅުގަނޑަށް ލިބެއެވެ. ނަމަވެސް އެވާހަކަ ބުނީ ކާކުކަމެއް އަޅުގަނޑަކަށް ނޭގެއެވެ. ކޮވިޑް-19 ރާއްޖެއައީ މި ދެންނެވި ހުވަފެން ފެނުނުތާ މަހެއް ފަހުންނެވެ. ކޮވިޑްގައި ރާއްޖެއިިން ވަނީ މީހުން މަރުވެފައެވެ، އޭގެތެރޭގައި އަޅުގަނޑާއި އެކު އެއް ތަނެއްގައި ވަޒީފާއަދާކުރި މީހަކުވެސް ހިމެނެއެވެ.

މިފަދަ އެހެން ހުވަފެންތައްވެސް އަޅުގަނޑުގެ ހަޔާތުގެ އެކި ހާދިސާތަކާ ގުޅޭގޮތުން ދެކެފައިވަމެވެ. ނަމަވެސް އޭގެން އެއްވެސް ހުވަފެނެއް ފެންނައިރު އެހުވަފެން ތައުބީރު ކުރާކަށެއް އަޅުގަނޑަކަށް ނޭގެއެވެ. އޭގެ ފަހުން ހާދިސާއެއް ދިމާވުުމުން ހުވަފެނުން ފެނުނު ކަންކަމާއި ހާދިސާތަކާއި ވަރަށް ބޮޑަށް ގުޅުވާލަން އެނގެއެވެ. އެއްބަޔަކު ޤަބޫލުކުރާ ގޮތުގައި ހުވަފެނަކީ ކުރިއަށް ހިނގާނެ ކަމުގެ މެސެޖް ދޭ އެއްޗެއް ނޫނެވެ. ތިމާ އަމިއްލަޔަށް ދިމާވާ ހާދިސާތަކާއި ހުވަފެން ގުޅުވާލަނީއެވެ. އަޅުގަނޑު ދެކޭގޮތް މިކަމުގައި ތަފާތެވެ. އަޅުގަނޑު ދެކެނީ ބައެއް ހުވަފެނަކީ މުސްތަޤްބަލްގައި ހިނގާނެ ކަންކަމުގެ މެސެޖް ދޭ އެއްޗެކެވެ. ނަމަވެސް ހުވަފެން ރަނގަޅަށް ތައުބީރުކުރުމުގެ ޢިލްމު ލިބިފައި ނުވަނީއެވެ.  ބައެއް އެހެން މީސްމީހުން ބުނާގޮތުންނަމަ ހުވަފެނަކީ ތިމާ ދުވާލު ކުރާކަންކަމާއި ވިސްނުމާއި ގުޅިފައި ހުންނަ އެއްޗެކެވެ. އެއީވެސް ޤަބޫލުކުރެވޭ އެއްޗެއްކަން ތިރީގައި ބަޔާން ކޮށްފައިވާ ހުވަފެންނުން އަޅުގަނޑަށް ޤަބޫލުކުރެވެއެވެ.

2019 ގެ ފަހުކޮޅު ރައްޓެއްސަކާއި އެކު އޭނާ ދިރިއުޅޭ ފްލެޓްގައި އެއް ރެއަކު ޓީވީ ބަލަން ތިބީމެވެ. ދެކެވެމުން ދިޔަ ވާހަކައިގައި، އޭނާގެ ކޮންސްޓްރަކްޝަން މަސައްކަތެއް ހިންގަމުންދާ، މާލެ ކައިރީގައި އޮތް ރަށަކަށް އަޅުގަނޑުމެން ދާ ވާހަކަތަކެއް ދެއްކީމެވެ. އެ ދުވަހު ޓީވީއިން ބެލި ފިލްމެއްގައި އާގުބޯޓުތަކެއް މަރާމާތުކުރަން ބީއްސާގޮތް ދައްކާ ފިލްމެއްވެސް އަޅުގަނޑު ދެކުނީމެވެ. އަދި ތީރު ޖެހުމުގެ ހުނަރު ދައްކާދޭ ފިލްމެއްގެ އިޝްތިހާރެއް ވެސް އަޅުގަނޑު ދުށީމެވެ. އޭގެ ދެތިން ރޭ ފަހުން ހުވަފެނުގައި ފެންނަނީ ދޯންޏެއްގައި އަޅުގަނޑު ދަތުރުކުރާ މަންޒަރެވެ. އަދި ކަނޑުމަތިން ދުއްވާފައި ދިޔަ ބޯޓެއް ކައިރީގައި އޮތް ރަށެއްގެ ފަރަށް އެރި މަންޒަރު ފެނުނެވެ. އަދި އެބޯޓުން ފޭބި މީހެއް ކަނޑުމަތީ ސްކީކޮށްފައި ދުނިދަނޑިއެއް ހިފައިގެން ތީރުޖަހަން ތައްޔާރުވެގެން އަޅުގަނޑުދަތުރު ކުރި ދޯނި ކައިރިން އަދި ފަަހަތުން އައިސް ކުރިއަރައިގެން ދިޔަތަން ފެނުނެވެ. މިހުވަފެނުން މި ފެނުނު ވާހަކައިގެ ބައިތަކަކީ ހަޤީގަތުގައި ދެއްކި ވާހަކަތަކާއި ބެލި ފިލްމުތަކެއްގެ މަންޒަރުތަކެކެވެ. ޝައްކެއް ނެތްގޮތުގައި އޭގެދެތިންރޭ ކުރިން އަޅުގަނޑު ކުރި ކަންކަމާއި ހުވަފެނުން ފެނުނު ވާހަކަޔާއި ވަރަށް ގާތް ގުޅުންތަކެއް އެބަވެއެވެ. ބެލެވޭ ގޮތުގައި އަޅުގަނޑުގެ ސިކުޑީގައި ހުރި ގުޅުން ނެތް މަޢުލޫމާތު ތަކަކުން ވާހަކައެއް އުފައްދާ ހުވަފެނުގެ ގޮތުގައި ދައްކާލަ ދިނީއެވެ.

މީގެ އަހަރުތަކެއް ކުރިން އަޅުގަނޑުގެ ރައްޓެއްސެއްގެ ފިރިމީހާ މަރުވިއެވެ. އަދި މަރުވިތާ ހަފްތާއެއްފަހުން މިދެންނެވި ދެމަފިރިންނާއި ކޮންމެވެސް ވަރެއްގެ ތިމާގެ އަދި ވަރަށް އެކުވެރި އަންހެނަކަށް މަރުވިމީހާ ހުވަފެނުން ފެނުނެވެ. ހުވަފެނުފެނުގައި މަރިވިމީހާ މިދެންނެވި އެކުވެރި އަންހެން މީހާގާތު އޭނާގެ އަންހެނުންގާތު ވާހަކައެއް ބުނެދިނުމަށް އެދެއެވެ. އެ ވާހަކައަކީ އޭނާގެ ފޮށީގައި، ރަބަރުކޮތަޅަކަށް ލައިފައި އޮތް 10،000 ރުފިޔާ، ބޭރުގައި ކިޔަވަން ހުރި އޭނާގެ ދަރިފުޅާއި ހަވާލުކޮށްދިނުމެވެ. މި ޚަބަރު ލިބުމާއިއެކު އޭނާގެ އަންހެނުން އެފޮށިބެލިއރު ބަރާބަރަށް 10،000 ރުފިޔާ އޮތެވެ. އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ސުވާލަކީ މި ހުވަފެނުގައި އެވާހަކަ އެބުނީ މަރުވީހާގެ ފުރާނަ ހެއްޔެވެ؟