ނިންމުން

މި މަޒްމޫނުގައި އަޅުގަނޑު މަސައްކަތްކޮށްފައިވަނީ، ސައިންސުން ލިބެންހުރި އެންމެ ފަހުގެ ހޯދުންތަކާއި ކީރިތި ޤުރުއާންގެ އަލީގައި އާޚިރަތްދުވަހާއި ޤިޔާމަތްދުވަހު ޔުނިވާރސްއަށް އަންނަ ބަދަލާއި ބެހޭގޮތުން ފުރިހަމަ ލިޔުމެއް ހުށައެޅޭތޯއެވެ. މިޒަމާނުގެ ޒުވާނުންނާއި ކިޔަވާކުދިންނަށް ޚާއްސަކޮށްގެން، ސައިންސުން އަޅުގަނޑުމެން އުގެނޭ އެއްޗެތިން އަޤީދާ ވަރުގަދަކުރެވޭނޭ މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ. ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި، އަޅުގަނޑުމެން މިގެންގުޅޭ ޓެކްނޮލޮޖީއެއް ނެތެވެ. ތަރިތައް އުފެދޭގޮތާއި ފަނާވާގޮތެއްގެ މަޢުލޫމާތެއް މީހުންގެނެތެވެ. ކީރިތި ޤުރުއާންއަކީ ޔުނިވާރސް ހެއްދެވި މާތްﷲ ބާވައިލެއްވި ފޮތެއްކަމުގައި ނުވާނަމަ އެކަން އެނގޭނީ ދެން ކޮން އިންސާނަކަށްތޯ އަމިއްލަނަފްސާ ތިބާ ސުވާލުކޮށްބަލާށެވެ. މި މަޒްމޫނު ލިޔުނުއިރު ވަޤުތަކީ ރެލެޓިވް އެއްޗެއްކަމުގައި އަޅުގަނޑު ބަލައިފައިވާނެއެވެ. މިގޮތުން ޤިޔާމަތުގެ ބައެއް ހާދިސާތަކަކީ ޖިއޮލޮޖިކަލް ޓައިމުން ގިނަދުވަސްތަކެއް ނަގާ ކަމެއްގެ ގޮތުގައި ބަލައިފައި ވާނެއެވެ. އިތުރަށް މައުލޫމާތު ހޯދަން އަޅުގަނޑު މިވެބްސައިޓްގައި ލިޔެފައިވާ “ވަޤުތު” މަޒުމޫނު ތިބާ ކިޔާނޭ ކަމުގައި އުއްމީދުކުރަމެވެ. މިދާރިޔާގެ ބާވަތުން ފުދޭވަރެއްގެ ގިނަލިޔުންތައް  މި މަޒުމޫނަށް މަޢުލޫމާތު ހޯދުމުގެ ގޮތުން އަޅުގަނޑު ކިޔައިފައިވެސްވާނެއެވެ. ރިފަރެންސް ލިސްޓުން އެ ވަސީލަތްތައް ތިބާޔަށް ފެންނާނެއެވެ. މި ވެބްސައިޓްގެ ކޮންމެ އާޓިކަލް އަކީ “ޕްރިންޓާރ އެކުވެރި” އާޓިކަލްއެކެެވެ. ތަޢުލީމީ ބޭނުންތަކަށް ޕްރިންޓްކޮށްގެން އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ ހުރިހާ ފަރާތްތަކަކަށްވެސް ދެވިފައިވާނޭ ކަމުގައި އުފަލާއެކު ފާހަގަކުރަމެވެ. އަޅުގަނޑު އެދެނީ އަޅުގަނޑު ލިޔާ ޢިލްމީ މަޒުމޫނުތަކުން ކިޔުންތެރިންގެ މަޢުލޫމާތު މުއްސަދިވެގެން ދިޔުމެވެ. އަދި މިފަދަ ލިޔުންތައް ލިޔުމުގެ ހެޔޮތައުފީޤް ﷲ މިންވަރުކުރައްވާކަމަށްޓަކައި ޝުކުރުވެރިވަމުން،  ތިބާޔަށް މި މަޒްމޫނު  ކަމުދިޔަނަމަ އެހެން ރަޙުމަތްތެރިންނާއި ހިއްސާކޮށްލަދެއްވާނޭ ކަމުގައުއްމީދުގައި ނިންމާލާމެވެ.