ދިރުންވާތަކެތި ނެތިދިޔަ ނުރައްކާތެރި ހާދިސާަތަކަކީ އިންސާނީ ނަސްލު ނިމިދާނެ ގޮތުގެ މިސާލުތަކެއްބާ؟

އެކިއެކިދުވަސްވަރު ދުނިޔޭގައި އުޅުނު، ދިރުންވާތަކެއްޗަށް އައިސްފައިވާ ބަދަލުތައް ފޮޒިލް ރެކޯޑްތަކުން ފެނެއެވެ. މީގެތެރޭގައި އަލަށް އުފަންވެފައިވާ ބާވަތްތަކާއި ދުނިޔެއިން ނެތިގޮސްފައިވާ ބާވަތްތަކުގެ ރެކޯޑުތައްވެސްމެއެވެ. ތާރީޚަށް ބަލާއިރު ދެންނެވޭނީ އެފަދަ ބަދަލުތަކުގެ އަސްލު ގުޅިފައި ހުންނަނީ ދުނިޔޭގެ ވެއްޓަށް އެކިފަހަރު އައިސްފައިވާ އާދަޔާއިޚިލާފު ބަދަލުތަކާއި އެވެ. މިގޮތުން ޖައްވުން އަންނަ މީޓިއޮރައިޓްސް ދުނިޔެއަށް ވެއްޓުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި އަލިފާންފަރުބަދަތައް ގޮވުމުންފަދަ ކުއްލިބަދަލުތައް، ދުނިޔޭގެ ވެއްޓަށް މާޒީގައިވެސް އައިސްފައިވެއެވެ. މިފަދަ ގޮތަކަށް އަންނަ ކުއްލި ބަދަލުތައް ދިރުންވާތަކެއްޗަށް ތަޙައްމަލު ނުކުރެވިގެން ދުނިޔެއިން ނެތިގޮސްފައިވެއެވެ، ލޯކަލް ލެވެލްގައި އާއި ގްލޯބަލް ލެވެލްގައިވެސް މެއެވެ. ތިރީގައިވާ ޗާޓުންދައްކައިދެނީ ދުނިޔޭގެ ދިރުންވާތަކެތި އެންމެ ގިނައިން ނެތިގެންދިޔަ 5 ފަހަރުގެ ހުލާސާއެކެވެ.

ސޯސް: www.livescience.com

އެންމެން ދަންނަ ޑައިނަސޯސް ނެތިދިޔަ ސަބަބެއްކަމަށް ބައެއް ސައިންސްވެރިން ދެކެނީ  ގާތްގަޑަކަށް 6 މޭލުގެ އެސްޓްރޮއިޑެއް ދުނިޔޭގައި ޖެހުމެެވެ. މިއެތި ވެއްޓިފައިވަނީ މެކްސިކޯ ގެ “ޗީކްޝޫލޫބް” އަށެވެ. މިތަނުގައި އެކަމުގެ ނިޝާންތައް ފެންނަން މިހާރުވެސް އެބަހުއްޓެވެ. މި ހިލަ، ދުނިޔޭގެ ވައިގެ ފަށަލައަށް ވަނުމާއިއެކު ފްރިކްޝަންގެ ސަބަބުން ވަރަށް ގަދަޔަށް ހޫނުވެ ބިޔަ އަލިފާނުގެ ބޯޅައަކަކަށް ބަދަލުވިއެވެ. 

ސޯސް: ބީބީސީ 

ސައިންސްވެރިން ބުނާގޮތުގައި، އޭތި ވެއްޓުނު ވަޤުތު އެހިސާބުގެ ލޮނުގަނޑު އާތްވަށް އަރައިގެންގޮސް، ދުނިޔޭގެ ކްރަސްޓުން ބޮޑުސަރަހައްދެއް ގޮވައި އެސްޓްރޮއިޑްގެ ބައިތަކާއެކު އެތައްޓަނެއްގެ ހިލަޔާއި ޕޮލްވަރައިޒް މައިކްރޮސްކޯޕިކް ޑަސްޓު، އެކިދިމަދިމާލަށް ބުރައިގެން ދިޔައެވެ. މީޓިއޮރައިޓް ޖެހުނު ވަޤުތު  ވަރުގަދަ ބިންހެލުމެއް އައިސް، ސޮކްވޭވެއް އުފެދި، ދުނިޔޭގެ ބިންގަނޑު ރަގަބީލެއްހެން ރިންގުވެ، ބިންގަޑު ކަނޑައިގެންގޮސް، ވޮލްކޭނިކް އިރަޕްޝަންތަކެއް ކުރިމަތިވިއެވެ. ވޮލްކެނޯސްތަކުންނާއި މަތިންވެއްޓުނު ހޫނުހިލަތަކުން ޖަންގަލިތަކުގައި ރޯވިއެވެ. އަދި ވައިގެތެރެއަށް ބުރައިގެންދިޔަ އެތައްހާސް ސާމާނާއި ވިހަގޭސް އެކުލެވިގެންވާ ވިލާގަނޑެއް އުފެދި މުޅި ދުނިޔޭގެ އުޑުމަތި އެތައްމައްސަރަކަށް ނިވާވެ، އަލިނުލިބި، ވައި ނުސާފުވެ، ދިގު ފިނިމޫސުމެއް އައިސް، ގަސްގަހާގެއްސާއި ޖަނަވާރުތައް ބަނޑަށް ޖެހި މަރުވިއެވެ.