ސޯލާ ސިސްޓަމް އުފެދުނު ނެބިއުލާ

ގެލެކްސީތަކުގައި ދުވާލެއްގެ މައްޗަށް އެތައްހާސް ތަރިތަކެއް އުފަންވެ އަދި އަނެއްބައި ތަރި ނެތެމުންދެއެވެ. ވުމާއެކު އަޅުގަނޑުމެންގެ އިރުފަދަ ތަރިތައް އުފެދި ނެތިދާގޮތް ހޯދުމަކީ، މިކަމުގެ މާހިރުންނަށް މިހާރު މާއުދަގޫ ކަމެއްނޫނެވެ. އެކަންކުރަނީ، އެކި ސްޓޭޖްތަކުގައިވާ ތަރިތައްް، ހަބަލް ޓެލެސްކޯޕުފަދަ ޖައްވުގައި ބަހައްޓާފައިވާ އެއްޗަކުން ފޮޓޯނަގާ، އެތަރިތަކުން އަންނަ ރޭޑިއޭޝަން ބަލައި ދިރާސާކޮށްގެންނެވެ.

 

ހަބަލް ޓެލެސްކޯޕް ޖައްވުގައި- ސޯސް: thetimenow.com 

އިރު އުފެދިފައިވަނީ މިލްކީވޭގެ ތެރޭ އުފެދުނު ނެބުލާ އަކުންނެވެ. ނެބިއުލާ އަކީ ހީލިޔަމް އާއި ހައިޑްރިޖަން ގޭހާއި ޑަސްޓާއި ޕްލަޒްމާ އެކުލެވިގެންވާ ދުންގަޑެކެވެ. މިފަދަ ނެބިއުލާތައް ގެލެކްސީތަކުގައި ގިނައަދަދަކަށް ހުރެއެވެ. ނެބިއުލާގައި ހުންނަތަކެއްޗަކީ ގެލްކްސީ އުފެދުނު ގޭހާއި އަދި ގެލެކްސީގެ ތެރެއިން ކުރިން ގޮވާފައިވާ ތަރިން (ސްޕަނޯވާރ އެކްސްޕޮލޯޝަން) އުފެދޭ ތަކެއްޗެވެ. ވުމާއެކު ތަރި ގޮވުމުގެ ކުރިން އުފެދުނު ހެވީ އެލެމެންޓްްސް، އަލަށް އުފެދޭ ނެބިއުލާގައި ހުރެއެވެ. އަޅުގަނޑުމެންގެ ސޯލާސިސްޓަމް އުފެދުނު ނެބިއުލާގައި ދުނިޔެ އުފެދުމަށް ބޭނުންވާ ނައިޓްރިޖަން، އޮކްސިޖަން، އަޔަން އަދި ސިލިކަން ފަދަ ހެވީ އެލެމެންޓްސް ހުރިކަމަށް ޤަބޫލުކުރެވެއެވެ. (ހޯކިންގ، 2017). ތިރީގައިވާ ތަސްވީރުން ދައްކައި ދެނީ ނެބިއުލާ އެކެވެ.

ނެބިއުލާއެއް: ސޯސް: https://www.nasa.gov

ސޯލާސިސްޓަމް އުފެދުނުއިރު ނެބިއުލާގައި ހުރި ގޭހާއި ޑަސްޓު އެކިދިމަދިމާޔަށް ޖަމާވެ ދެން އުފެދުނީ ގުޅަވަރު ތަކެކެވެ. އަދި ގްރެވިޓީގެ ސަބަބުން، މިގުޅަވަރު ތަކުގައި ހުރި ސާމާނު މަޑުމަޑުން ގާތައްލެފި ދުނިޔެ އާއި އެހެން ޕްލެނެޓްތަކާއި ހަނދުތައް އުފެދެން ފެށިއެވެ. ނެބިއުލާގެ އެންމެ މެދުގައި މިގޮތުން ހައިޑްރިޖަން ގޭހުގެ ބޯޅައެއް އުފެދި އޭގައި ހުރިސާމާނު ގްރެވިޓީގެ ސަބަބުން އިތުރަށް ގާތައްލެފި، ޑެންސިޓީ މަތިވެ، ގްރެވިޓޭޝަނަލް ޕޮޓެންޝިއަލް އެނާޖީ ދެން ހީޓް އެނާޖީއަށް ބަދަލުވާން ފެށިއެވެ. އަދި މީގެ ސަބަބުން ޕްރެޝަރާއި ޓެމްޕަރޭޗާރ އާދަޔާ ޚިލާފަށް މަތިވެ ހޫނުކަން މިލިޔަން ޑިގްރީތަކަކަށް އެރުމުން އިރުގެ މެދުގައި (ކޯގައި) ހައިޑިރިޖަމްގެ ނިއުކްލިއަސްތައް ގުޅި، ހީލިއަމްއަށް ބަދަލުވާންފެށިއެވެ. މިގޮތުން ނިއުކްލިއާރ ފިއުޝަން ފެށުމާއި އެކު އިރުން އަލިއާއި ހޫނުފަދަ ރޭޑިޔޭޝަން ދޫކުރަން ފެށިއެވެ، އެއާއި އެކު އަޅުގަނޑުމެންގެ އިރު ވުޖޫދަށް އައެވެ.