ރަތް ހެދުމުގައި ހުރި ނަސީރާ

މަޑުން މަޑުން ޖެހިލަޖެހިލާ ހުރި ރޯޅީގެ ސަބަބުން އަހަރެން އިނީ ހީވެސް ކަރުވައިގެންނެވެ. ތޮށިގަނޑުމަތީ އިށީދެގެންއިނީ މޫދާވީފަރާތަށް ފައި ތިރިކޮށްލައިގެންނެވެ. ބަދަރުމަތި ފެންނަނީ އާންމުކޮށް ކޮންމެ ދުވަހަކުވެސް މިގަޑީގައި ފެންނަގޮތަށް ކާރޫބާރޫ ބޮޑުކޮށެވެ. 200 ވަރަކަށް ފޫޓުދުރުން ބޯޓަކަށް ކުރުބަލާ ދޮންކޭލާ ފޮށިގަނަޑުތަކެއެް އަރުވަމުންދެއެވެ. އަދި އެއަށްވުރެ ތަންކޮޅެއް ދުރުގައި އޮތް ބޯޓަކުން މުދާތަކެއް ބާލާ ޕިކަޕަށް އަރުވަމުން ވެސްދެއެވެ. ގިނަދޯނިފަހަރު މިހާރު މަހުންލަފައި، ފަޅުވެރިން މަސްކޮޅުވިއްކާލާ ގެޔަށްވެސް ހިގައްޖެއެވެ. ނަމަވެސް ދުރުދުރުން ނެރާ ދިމާއަށް މަސްދޯންޏެއް އަންނަތަން އެބަފެނެއެވެ. ހީވާގޮތުން މިއީ މިއަދުގެ އެންމެފަހު ދޯންޏެވެ. މަސްވެރިކަން މިދުވަސްކޮޅު ވަރަށް ދަށްދައްކަމުން، ބޮޑެތި ދޯނިފަހަރު މިއަދުވެސް މަހަކަށް ނުފުރައެވެ. އެކަމަކު ވަދައިދާ ލޯންޗުފަހަރަށް މިދުވަސްކޮޅުވަނީ ރަނުގެ ފުރުސަތަކަށެވެ.

އަހަރެންގެ ބިއްދޮށުން، ހަވީރުފިންޏަށް ބުރުޖަހާ ކާރާއި ސައިކަލުގެ އަޑުއަދިވެސް އިވެއެވެ. ޗުއްޓީނުލިބިގެން އިންތިޒާރު ކޮށްކޮށްތިބި ބައެއްކުދިން، ގޭމީހުންނާއި އެކު އަތިރިމަތީ އުފާވެރި ޗުއްޓީގެ ދެވަނަ ދުވަސް ހޭދަކޮށް އެނިމެނީއެވެ. ހަޅޭލަވާ ދުވެ މަޖާކޮށް ހަދަނީއެވެ. ބައެއްމަންމަމެން އިރު އޮއްސި އަދިރިވާތީ ގެއަށްދާން ކުދިންކައިރީ ބުނާއަޑުވެސް މިހާރު އެބައިވެއެވެ.  މާގިނައިރެއްނުވަނީސް ކުރިންބުނި ދޯނި ނެރުން ވަންނަތަން ފެނިއްޖެއެވެ. އިރުއޮއްސި އަދިރިވަމުން ދާތީ ނެރުބައްތިތަކުގެ ރަތްކުލަޔާއި ނޫކުލަ މިހާރުފާހަގަ ކުރެވެއެވެ. ދޯނިއައިސް ލެފިއިރު އަތިރިމަތީ މާގިނަބަޔަކުފެންނާކަށެއް ނެތެވެ. މީހުންތައް މަދުވީ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.

“އޭ ޝަރީފު! މިއޮތީ ކަންވާރު ކޮތަޅު. ކަރުދާސް ކޮޅަކަށްލާފައި ހައެއްކަ ބުޅި އޮންނާނެ.” ސައިކަަލުމަތީ އިން ހުސެން އަހަރެންނާދިމާއަށް ކޮތަޅެއް އެއްލަމުން ބުންޏެވެ. “ކިރިޔާއެއްނުން ކޮތަޅު މޫދަށް ނުވެއްޓުނީ، މޫނަށް އަލިނުކޮށް ތި ލައިޓް ނިއްވާލަބަލަ!”، އަހަރެން ކޮަތަޅުހިފަމުން ބުނީމެވެ. “އޭ! ކަލޭ އެންކޮޅެއް ތިޔަބުޅީގައަޅާފައި އެއްލަބަލަ. މަ މިއަންނަނީ މަސްރިޕޯޓުނަގައިގެން”، ސައިކަލު ދުއްވާލަމުން ހުސެން ބުންޏެވެ. ހުސެންނަކީ ވަރަށް ރަގަޅު ރައްޓެއްސެކެވެ. އަހަރެމެންދެމީނުންނަކީ ސްކޫލު ދުވަސްވަރުންފެށިގެން ވަރަށް އެކުވެރި ދެރަޙުމަތްތެރިންނެވެ. ކަންދިމާވިގޮތުން ދެމީހުންނަށް އިދެވުނީސް އެކުވެރި ރަޙުމަތްތެރި ދެއަންހެނުންނާއެވެ. ހުސެން އަންހެނުން ނަސީރާޔަކީ އަހަރެން އަންހެނުން ފާތުންގެ ބެސްޓް ފުރެންޑެވެ. އަހަރެމެން ދެމީހުން އިއްތިފާޤުން ވަޒީފާ އަދާކުރަނީ ހިތަދޫ ކައުންސިލްގެ އިދާރާގައެވެ. ހުސެން ރަގަޅޭ ބުނެވޭ ވަރަށް ގިނަސަބަުތަކެއްވެއެވެ. މިސާލަކަށް ގޭގައި ބޮޑުކަމެއް ދިމާވާއިރު ހުސެން އަހަންނަށް އެހީތެރިވާން ހުންނާނީ އެންމެގާތުގައެވެ. އެސަބަބަށްޓަކާ އަހަރެންގެ އާއިލާއިން ހުސެންބަލަނީ އާއިލީ މެންބަރެއްގެ ގޮތުގައެވެ.

ހުސެން ދިޔުމާއެކު ބަޑައިދޫކޮޅެއް ބުޅީގައަޅައި، އަހަރެން ކަންވާރު އެއްލައިފީމެވެ. ކޮށްޓާވެސް ނުލައި އިރުގަޑެއްވެފައި މަހެއް ގަނެގެން ދުއްވައިގަނެފިއެވެ. ފަރުވާތެރިކަމާއެކު މަޑުމަޑުން ދަމަމުން ދިޔައީ ކަންވާރު ކަނޑައިގެން ހިގާދާނެތީއެވެ. ދަމާ ގާތަށްގެނާއިރު މިއިން ދުވަހަކުވެސް ނުބޭނޭވަރުގެ ހަންޖެކެވެ. ދަމާ އެރުވިތަނާ ހުސެންވެސް އައިސް ކައިރިކުރަނީ އެވެ. ” އަހަނ! ކަލޯ ގަދަ. ގަދަ!” ހުސެން ފޯރިއާއި އެކު ބުންޏެވެ. އެރޭގެ ވަޤުތުތައް ފާއިތުވެގެން ދިޔަގޮތް ބުނަންވެސް ނޭގެއެވެ. ހައެއްކަ ހެޔޮވަރު ދެ ކަޅުއޮށާ، ފިލޮޅަކާ ދެހަނދި އެއީ ދެމީހުންގެގައަށް 2 ދުވަހު ލައިގެން ކާނެ އެއްޗެހި ހެދޭނެ މަހެވެ. އަތިރި މަތީ ދެމީހުން ތިބެގެން އެހެން ރޭރެޔޭ އެއްގޮތަށް މަސް ކަނޑާ ސާފުކޮށް، ތައްޔާރު ކޮށްގެން، ދެކޮތަޅަށް މަސް އަޅައިގެން ނައްޓާލައިފީމެވެ. ހުސެންމެންގެ ހުންނަނީ ބޭރުމަތީގައެވެ. އަހަރެމެންގެ ހުންނަނީ މާމެންދޫ ފްލެޓްތައް ކައިރީ އޮންނަ ގޯލިއެއްގައެވެ. އަހަންނަށްވުރެ ކުރިން ހުސެންނައްޓާލައިފިއެވެ. ގަޑިޔަށް ބަލާލާފައި 12 ގަޑި ބައިވަނީއޭ އަހަރެން ހުސެންގާތު ބުނީމެވެ.

ވައަތުން މަސްކޮތަޅު ހިފައިގެން ކަނައަތުން ސައިކަލް ހުންގާނު ހިފަމުން މަޑުމަޑުން އާރިމަގުން ދެކުނަށް ގޮސް އަހަރެމެންގޭ ގޯޅިއަށް ލަބާލައިފީމެވެ. ވަރަށް ހިމޭންރެއެކެވެ. އަހަރެމެން ގެއަށް އައި މަގުމަތީންވެސް ވަރަށް މަދުން ނޫނީ ދުއްވާއެއްޗެއްވެސް އަދި މީހެއްވެސް ނުދެކެމެވެ. އަހަރެންމެންގޭ ގޯޅިގައި ހުންނަނީ އެންމެދެގެއެވެ. އެހެންގޯތިތަކުގައި ގެއެއް އަދި އެގޯތިތަކުގެ ވެރިން ނާޅައެވެ. ވީމާ ވަށައިގެން ވައު އޮންނާތީ ދުރުދުރުގައި ޖަހާފައި ހުންނަ މަގުބައްތިތަކުގެ މާބޮޑުއަލިކަމެއް ގޯޅިތެރެއަކަށް ނުވެއެވެ. ގެއާއި ވަރަށް ކައިރިވެފައި ހުއްޓާ ގޯތިތެރެއިން ނުކުތީ ރަތް ހެދުމެއްލައިގެން ހުރިއަންހެނެކެވެ. ނިކުމެގެން އަހަންނަށް ފުރަގަސްދީ ދުރަށްދާން ފެށިއެވެ. “އަނެއްކާ މިގަޑީ މީ ކާކުބާ؟” އަހަރެން ހިތަށްއެރިއެވެ. އެ އަންހެން މީހާ ގަޔަށް ހެޑްލައިޓުގެ އަލިވެސް އެޅިއެޅި ހުއްޓެވެ. ރަގަޅަށް ބެލިއިރު ހިނގުމުނެް އެގުނީ ހުސެންގެ އަންހެނުން ނަސީރާ ކަމުގައެވެ. މަސްކޮޅު މަގުމަތީ ފާރުބުރިމަތީ ބަހައްޓާފައި، ބުޅަލެއް އެހާއަވަހަށް ޖަހައިގެން ނުދާނެކަމަށް ބަލާފައި؛ ސައިކަލުދުއްވާލައިފީމެވެ. ގޭދޮރުވެސް ޖަހާފައި ހުރުމާއެކު މިހާދަންވަރު ކީއްކުރަނީތޯ އަހަންވެގެންނެވެ. ކައިރި ކުރިއިރު އަހަރެން ހީކުރިގޮތަށް ނަސީރާއެވެ. “ބަލަ ހުސެން މިހާރު ގެޔަށްގޮސް ނަސީރާ ނުފެނިގެން އުޅޭނެ؟ ނަސީރާ ކަނައަތްފަރާތު ހުރެގެން ސައިކަލުގައި ނަސީރާއާއި އެއްވަރަށް ދަމުން އަހަރެން ބުނީމެވެ. އަހަންނާ ދިމާޔަށް ނުވެސް ބަލާ ނަސީރާ ހީލިއެވެ. އިތުރު އެއްޗެކޭވެސް ނުބުނެއެވެ. ދެންބުރުގާ ކަންގަޑުން އަނގަނިވާކޮށްގެން ކުރިއަށްބަލައިގެން ހިގަމުން ދިޔައެވެ. “ނަސީރާ ސައިކަލަށް އަރާ. މިހާ ދަންވަރު އެކަނި ދާކަށެއް ނުވާނެ.” އަހަރެން މިހެން ބުނުމުން ނަސިރާ ސައިކަލަށް އަރައިފިއެވެ. އޭރުވެސް ހުރީ އަނގަ ނިވާކޮށްގެންނެވެ. އަހަރެން ގޭ ދޮރުމައްޗަށް ގޮސް ސައިކަލު ހުއްޓާފައި، ސައިކަލުން އެރުނީމެވެ. ނަސީރާ ސައިކަލް މަތީގައި އިނެވެ. މަސްކޮޅު ނަގައިގެންގޮސް ފެންޑާންމަތީގައި ހުރި ހުސްބާލިދީއަކަށްލައި، ފިލާފޮށްޗެއް އޭގެމަތީ ބާއްވައި، އޭގެމަތީ އެޅިގަލެއް ބޭއްވީމެވެ. އެއީ ބުޅަލަކަށް އެބާލިދީ ނުވެއްޓޭގޮތަށެވެ. އަހަރެންގެ ދަރިފުޅު ރޯއަޑުއިވެއެވެ. އަދި އެސޮރުނިދާތޯ އަންހެނުން ނާނާކިޔާ އަޑުވެސް އިވެއެވެ. އަވަސް އަވަހަށް ގޮސް، ސައިކަލަށް އަރާ ދުއްވާލައިފީމެވެ. ސިޓީކައުންސިލްގެ އިދާރާއާއި އަރައި ހަމަވީތަނާ، ޑިއުޓީގައި ހުރި ފަޔާޒު ،އަތުން އަހަންނަށް ހަނާ އެޅިއެވެ. “ބަލަ ކޮންތަނަކަށް އެކަނިތިޔަދަނީ”. “ސާބަހޭ އެކަނިތަ މިދަނީ؟” އަހަރެން އޭނަޔާ ދިމާއަށް ބުނެލީމެވެ. “އޭނަޔަށް ދެން ކޮންކަމެއް ތަ އަހަރެން ކޮންމެ ތަނަކަށް ދިޔަޔަސް. ކީކޭ ނަސީރާ؟ އަހަރެމެންމިރޭ ވަރަށް މަސްބޭނީމޭ. މިހާރު ހުސެންހުންނާނެ، މީނަވީ ނުވީތަނެއް ނޭގިގެން. ކީއްވެ އަނގައިން ނުބުނެ ތިއިނީ؟” އެހެންމިހެން ބުނެފައި ކުޑަކޮށް ފަހަތަށް އެބުރި ބެލިއިރު ނަސީރާ ފަހަތުގައި އެބައިނެވެ. ނަސީރާއާއި އަހަރެން ވާހަކަދައްކަމުން ގޮސް ބޭންކް އޮފް މޯލްޑިވްސް އާއި ދިމާލަށް ލަބާލިއރު ހުސެން އަންނަތަން ފެނިއްޖެއެވެ. މިއަންނަނީ ހުސެން، ކަލޭ ގެއްލިގެން. ނަސީރާ!” އަހަރެން ބުނީމެވެ. “އޭ! ކަލޭ ފޯނު ކޮބާ. މަގޭކޮތަޅުގައި ބާއްވާފަ ތިޔަދިޔައީ. މަށަށް ވެސް ފެނުނީ ގެއަށް ދިޔަފަހުން.” އޭނަ ބުންޏެވެ. “ބަލަ މީނީ ނަސީރާ. މަގޭ ފޯނުތަ މީނަޔަށް މުހިންމީ ނަސީރާތަ؟” އަހަރެން ހުސެންއަށް ބުނީމެވެ. “ކޮބާ ނަސީރާ؟ ކޮންމޮޔައެއް ތި ގޮވަނީ. ތިޔަ ސައިކަލުގައި އެހެން މީހަކުއެބައިންތަ؟ ކަލެއެއްނޫންތަ ތިޔައިނީ؟ ހުސެން ހައިރާންވެފަ މަށާ ދިމާލަށް ފޯނު ދިއްކުރަމުން ބުންޏެވެ. އަހަރެން ފަހަތަށް އެބުރުނުއިރު އެއްވެސް މީހަކު ފަހަތަކުނެތެވެ. “ނަސީރާ ފައިބައިގެން ދިޔައީ ކަންނޭގެ”. ހައިރާންވެފަ އަހަރެން ބުނީމެވެ. “ކަލޭ ސައިކަލް ހުއްޓި އިރުވެސް ތިޔަ ސައިކަލްގައި އެހެން މީހަކުނެތް. އަހަރެން ގެއިން އައިރު ނަސީރާ ހުރިގޭ ފްރިޖަށް މަސްލަން!” ހައިރާންވެފަ ހުސެން ބުންޏެވެ. “ކޮންކަހަލަ ހެދުމެއް ނަސީރާލައިގެން ހުރީ؟” އަހަރެން ހައިރާންވެފަ އަނެއްކާވެސް އެހީމެވެ. “ސާބަހޭ! އޭނަ ނިދަން ލާ ނޫކުލައިގެ ހެދުމޭ.” ހުސެން ބުންޏެވެ.

އެހިސާބުން އަހަރެން ވަރަށް ބިރުގެންފިއެވެ. އަހަރެން ބޭންކުކުރިމަތީ ހުރެގެން ހުސެންއަށް އެހާދިސާ ކިޔައިދިނީމެވެ. ދެން ހުސެންގެ ނަސޭހަތަށް، އެރޭ ގެޔަށް ނުގޮސް ހުސެންމެންގޭ ސިޓިންރޫމުގައި ނިދީއެވެ. ގެއަށް ދިޔައީ އަނެއްދުވަހު އަލިވުމުންނެވެ. ގެއަށް ދިޔައިރު ބާލިދީގައި ހުރިމަސްކޮޅު އަދި ސަލާމަތުން ހުއްޓެވެ. އަންހެނުން ހީކުރީ އަހަރެން ލަހުން އައީ ކަމަށެވެ. އަހަރެމެން ދެމީހުން އެވާހަކަ ގޭ މިހުނަށް ކިޔައިދިނީވެސް ވަރަށް ފަހުންނެވެ.

ކިޔުއްވި ބޭފުޅުން: 3493