އެ މަރުގެ ސިއްރު
(+18)

މުޙައްމަދު ޖަމީލް

 

ބޯކޮށް ވެހެމުންދާ ވާރެއާއި ވަޔާއެކު ދޯނީގެ ހިޔައުގަނޑު މަތީ ހަރުކޮށްފައި އޮތް ސަތަރިގަނޑު ތެޅިތެޅި އޮތްވަރުން އެއްގޮތަކަށް ވެސް ހަސަންފުޅަކަށް ނިދޭގޮތެއް ނުވެއެވެ. އެންމެފަހުން ބޯ ދަށުގައި އޮތް ތުނި ބާލީސް ބޯ މަތީގައި އެޅިއެވެ. މިވަރުން ވެސް ލޮލަކަށް ނިންޖެއް ނާދެއެވެ. ހަސަންފުޅަށް ނުނިދުނަސް ދެން ތިބި ފަޅުވެރިން ތިބީ ހަމަ ގަދަ ނިދީގަ އެވެ. ހަސަންފުޅު ކުރިމަތީ އޮތް އެދުގައި އިންޖީނު އިސްޓާޓުކޮށްގެން މުޙައްމަދު މަނިކު ނިދާފައި އޮތެވެ. ހަސަންފުޅު އެންމެފަހުން ރުޅި އައިސްގެން ބާލީސް މުޙައްމަދު މަނިކާއި ދިމާއަށް އެއްލިއެވެ. އަދި އަނެއް ފަރާތަށް އެބުރުނެވެ. “ހަސަނާ ކަލެއާ ހުރެ ނިދޭވަރެއް ނޫން. ތިޔަ ސަކަރާތް ނުޖަހާ ނިދާބަލަ!” މުޙައްމަދު މަނިކު ބާލީސް ހަސަންފުޅާ ދިމާއަށް އަބުރާ އެއްލިއެވެ. “ކަލޭ ތިޔަ އިސްޓާޓުކޮށްގެން އުޅޭ އިންޖީނަކާހުރެ ނިދޭތަ؟” ހަސަންފުޅު ބޮލުގައި ޖެހުނު ބާލީސް ބޯދަށަށް ލަމުން މުޙައްމަދު މަނިކާ ދިމާއަށް އެނބުރި ބުންޏެވެ. ދޯންޏަށް އަރަން ބާއްވާފައި އޮތްފިލާ ހިއްލިފައި ތައްޓުމަތީ ޖެހުނު އަޑު ކުއްލިއަކަށް އިވިއްޖެއެވެ. އެއާއި އެކު ދުވެފައި މީހަކު އަސިސް ހިޔާގަނޑުތެރެއަށް ވަނެވެ. ” ހެއް ހެއް ހޭ. އެއްކަލަ މުޙައްމަދުފުޅު ދޯ؟ ކިތަންމެ ވިއްސާރަޔަސް ކަތްދާފުޅު ގާތަށް ނުގޮސް ކަލެއަކަށް ފަރު ނުޖެހޭ ދޯ؟” “ސާބަހޭ. ކިތައްފަހަރު ބުނާނީ އަހަރެން ވަހީދުގެޔަށް ދަނީ ވަހީދުއާ މަށާ އޮންނަ ގާތްކަމަކުންނޭ. ކޮންމެހެން ކަތްދާފުޅު ހޯދާކަށެއް ނޫނޭ.” މުޙައްމަދުފުޅު ތެތް ޓީޝާޓު ބާލަމުން ޙަސަންފުޅަށް ޖަވާބުދިނެވެ. “ކަލޭ ބަލައްޗޭ މާބައިދުއަށް ގޮސް ފާތުމާފުޅު ގާތު ހުރިހާ ވާހަކަޔެއް ކިޔައިދޭނަން.” “ތިޔަހެން ކަލޭ ކިޔާ ކޮންމެ ދަތުރަކު ވެސް”  މުޙައްމަދުފުޅު ބޮކި ނިވާލަމަުން ބުންޏެވެ. “ކަލެއަކަށް ރަނގަޅަކަށް ތިޔަ ގެޔަށް ދާ ވާހަކަ ނުބުނަނީ ނުން” ހަސަންފުޅު ބުންޏެވެ. 

މެކުނަކީ ވަރަށް ފުރިހަމަޔަށް ހަދާފައިވާ ދޯންޏެކެވެ. ހައެއްކަ މީހުންނަށް ނިދޭނޭ ގޮތަށް ހަދާފައިވާ މި ޒަމާނުގެ ދޯންޏެކެވެ. މިދުވަސްވަރު ލ. އަތޮޅުގެ މަސްވެރިކަން ދައްކަމުން ހުވަދުއަށް މަސްވެރިކަމު އައިސް އޮތީއެވެ. މި ދެ ހަފްތާ މޫސުން އޮތީ ވަރަށް ރަނގަޅަށެވެ. މަސް ވެސް ރަނގަޅަށް ބޭނިއެވެ. ކުރިންއޮތީ މިއަދު ހެނދުނު ފުރާގޮތަށެވެ. އެހެން ނަމަވެސް ކިރިއާވެސް ދަތުރުކުރެވޭ ވަރަށް މޫސުމް ތަން ދިނުމުން ދަތުރުކުރާގޮތަށް އާދަނު ވަނީ ނިންމާފައެވެ. 

***************************

ކޮބާ މުޙައްމަދުފުޅު މިދަތުރުގައި ކިހާވަރެއް ލިބުނުތަ؟ ފާތުމާފުޅު ސައިތަށި މޭޒުކައިރީ އިން މުޙައްމަދުފުޅު ކުރިމަތީ ބަހައްޓަމުން ބުންޏެވެ. ހަސަންފުޅު ގޯތީ އައިސަ ބުނީ ވިހިހާސް ލިބުނޯ. އެއީ ތެދެއްތަ؟ ފާތުމާފުޅު ހަސަންފުޅާ ކަޅިޔާކަޅި ހަމަކުރަމުން ބުންޏެވެ. “އޭނަ ކަނޑާނެ އެކަހަލަ ފޮނި. މީހަކަށް ލިބުނީ 12000”. މުޙައްމަދުފުޅު ބުންޏެވެ. މި ފަހަކަށް އައިސް އެހެންމީހުންނަށް ލިބުނުކަމަށް ބުނާ އަދަދުތަކާއި މުޙައްމަދުފުޅަށް ލިބޭކަމަށް ބުނާ އަދަދުތަކާއި ދިމާނުވާކަން ފާތުމާފުޅަށް ފާހަގަ ކުރެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. މުޙައްމަދުފުޅާ ފާތުމާފުޅު އިނދެގެން އުޅޭތާ މިހާރު މިއީ 15 އަހަރެވެ. ކަންދިމާކުރިގޮތުން މި ދެމަފިރިންނަށް ދަރިއަކު ލިބިފައެއް ނުވެއެވެ. ފާތުމާފުޅަކީ ދީންވެރި ހެޔޮލަފާ އަންބެކެވެ. މުޙައްމަދުފުޅަށް އެހާމެ ވަފާތެރި އަންބެއްވެސް މެއެވެ. މިކަމުގައި ގޮތެއްފެނޭތޯ އިންޑިޔާއަށް ވެސް ދެތިންފަހަރު ވަނީ ގޮސްފައެވެ. ޑޮކްޓަރުން ބުނެފައިވަނީ ފާތުމާފުޅަށް ދަރިން ނުލިބޭނޭކަމުގައެވެ. ފާތުމާފުޅު ބަލައިބޮޑުކުރަން ކުއްޖަކު ހޯދަން މުޙައްމަދުފުޅު ގާތުގައި އެދޭތާ 7 އަހަރުވެދާނެއެވެ. އެކަމަކު މުޙައްމަދުފުޅު އެކަމާ މާކަބޮޑަކަށް ނޫޅެއެވެ. މުޙައްމަދުފުޅަށް އެގޮތްކަމަކު ނުދަނީއެވެ. ފާތުމާފުޅަކީ ވަރަށް ހީވާގި އަންބެއްވެސް މެއެވެ. ކޭކާއި ގުޅަ ހަދައި ފިހާރަތަކަށް ލައިގެން ވަރަށް ލާރިވެސް ހޯދައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ނޫފަރުދާގެއަކީ އެންމެ މިޒަމާނުގެ ފެންވަރަށް ހެދިފައިވާ ގެއެކެވެ. އެހެނަސް މުޙައްމަދުފުޅުގެ ލޯ ފިހިއްޖެނަމަ މިހުރިހާކަމަކަށް ދެންވާނެގޮތް އެނގޭނެއެވެ. 

**************************

ފާތުމާފުޅުގެ ސަންދޯއް ވަޅަށް ތިރިކުރަމުން ދިޔައިރު ފެންކަޅިވެފައި މުޙައްމަދުފުޅު ހުއްޓެވެ. ފާތުމާފުޅަކީ ރަށުގެ އެންމެ ބޮޑު ޢާއިލާއަށް ނިސްބަތްވާ މީހަކަށްވީތީ ވަރަށް ގިނަމީހުން އެތަނަށް ޖަމާވެފައި ތިއްބެވެ. މާބައިދޫ ހެލްތް ސެންޓަރުގެ ޑޮކްޓަރު ބުނެފައިވަނީ ލަފާކުރެވޭގޮތުގައި ނިދިފައި އޮއްވާ ސްޓްރޯކެއްޖެހުނީ ކަމުގައެވެ. އެކަން ބޮޑަށް ޔަޤީންކުރެވޭނީ އިތުރު ޓެސް ހެދުމުން ކަމުގައެވެ. އަދި ޢާއިލާއިން ބޭނުންނަމަ ފޮނަދޫއަށް ފޮނުވައިދީގެން ބަލައިދޭނޭކަމުގައެވެ. އެކަމަކު މުޙައްމަދުފުޅު ބޭނުންވީ ފާތުމާފުޅު ނިޔާވެފައި ވުމާއެކު ބޭކާރު ސަކަރާތްނުޖަހާ އަވަހަށް ވަޅުލާށެވެ. އަދި ފާތުމާފުޅުގެ އާއިލާއިންވެސް އެދުނީ އެގޮތަށެވެ. ފާތުމާފުޅަށް ކަމެއްވީކަން މުޙައްމަދުފުޅަށް އެނގުނީ މަހައްދާންވެގެން ފާތުމާފުޅަށް ގޮވާ ގޮވާ ހޭނުލުމުންނެވެ. އެހިސާބުން ދޯނީގެ ފަޅުވެރިންގެ އެހީއާއި އެކު ފާތުމާފުޅު ހެލްތް ސެންޓަރަށް ގެންދިޔައިރު އޮތީ މަރުވެފައެވެ. ފާތުމާފުޅުގެ މަރާއެކު ރަށުތެރޭ އެކިފާޑުފާޑުގެ ވާހަކަތައް ފެތުރެންފެށިއެވެ. މުޙައްމަދުފުޅު ވާދޫއިން މީހަކާއި ހިތާވެގެންއުޅޭ ވާހަކައާއި ފާތުމާފުޅުގެ މަރާ އެކަން ގުޅުވަން ފެށިއެވެ. އެވާހަކަތަކެއް ފާތުމާފުޅުގެ އާއިލާއަކުން ވެސް ޤަބޫލެއް ނުކުރެއެވެ. އަދި ފާތުމާފުޅުގެ ކަށުކަމާކެމީގެ ކަންކަން ނިމުމުން މުޙައްމަދުފުޅުގެ އެދުމުގެ މަތިން ބޮޑުދައިތަމެން ވަޤުތީގޮތުން ނޫފަރުދާގެއަށް ބަދަލު ވިއެވެ. 

*************************************

ފާތުމާފުޅު މަރުވިތާ 9 ވަނައަށް ވީ ދުވަހު އިރު އަރައިގެން އައީ ރަށުތެރޭ ފެތުރެމުން ދިޔަ އެންމެން ސިހިގެން ދިޔަ ވާހަކަޔަކުންނެވެ. ކުރީރޭ މުޙައްމަދުފުޅު ދެކުނުކޮޅު ތުނޑީ ހޮޅުއަށީގައި އިންދާ ފުލުހުންގެ ދެ ބޭކަލަކު އައިސް މުޙައްމަދުފުޅު ގެންދިޔަ ވާހަކައެވެ. އަދި މައްސަލަބަލަން ފޮނަދޫއަށް ގެންދިޔަ ވާހަކަ އެވެ. ބައެއް މީހުން ކިޔަނީ މުޙައްމަދުފުޅު ގޯތީ ޖެހިގެން އޮންނަ ހަސަންފުޅުމެން ގޯތީ ވަލުތެރޭ ކުކުޅުތަކެއް މަރުވެފައިވަނިކޮށް ފެނުނު ވާހަކައެވެ. އެކަމާ މުޙައްމަދުފުޅާ ގުޅޭގޮތެއް އަދި އޭރަކު ބުނާކަށެއް ނޭގެއެވެ. މުޅިން މައްސަލަ ސާފުވެގެން ދިޔައީ އޭގެ މަހެއް ފަހުންނެވެ. ރޭޑިއޯއިން ކީ ޚަބަރެއްގައިވާ ގޮތުން ފާތުމާފުޅުގެ މަރުގެ ހާދިސާ ހިންގާފައި ވަނީ މުޙައްމަދުފުޅާ ވާދޫ ކަތްދާފުޅާ ގުޅިގެންނެވެ. ޚަބަރުގައި ބުނިގޮތުން ކަތްދާފުޅު ޒަހަރުލާފައި ދިން ރިހާކުރު ފުޅި މުޙައްމަދުފުޅު ގެންގޮސް ފާތުމާފުޅަށް ދީގެން ފާތުމާފުޅަށް ކާންދިނީއެވެ. މި ހާދިސާ ހިނގި ރޭ މުޙައްމަދުފުޅު ކެއީ ޙަސަންފުޅުގެ ގެއިންނެވެ. އަދި ހެނދުނު އެއްލާން ފާތުމާފުޅު ބެހެއްޓި ބަތްތަށީގެ ބަޔަކާއި ރިހާކުރު ފުޅި މުޙައްމަދުފުޅު އެރޭ ދަންވަރު ނިކުމެ ވަލުތެރެއަށް އެއްލީކަމުގައެވެ. މަރުވެފައިވާ ކުކުޅުތަކަކީ މިތަކެތި ކައިގެން މަރުވި ކުކުޅުތަކެއް ކަމަށެވެ. ޚަބަރު ބުނާގޮތުން މުޙައްމަދުފުޅު ބޭނުންވީ ކަތްދާފުޅާއި ދެ އަންބަށް އިންނާށެވެ. އެކަމަކު ކަތްދާފުޅު އެކަމަށް އިންކާރުކޮށް ފާތުމާފުޅު މަރަން ހުރިހާކަމެއް ރާވާދިނެވެ. މިއީ މުޙައްމަދުފުޅު އެއްބަސްވި ގޮތެވެ. ޚަބަރު ބުނާގޮަތުން އެހެން ނަމަވެސް ކަތްދާފުޅު އެކަމަށް އިންކާރުކުރިއެވެ. އަދި މުޙައްމަދުފުޅާ ރައްޓެހިކަން ފިޔަވާ އިތުރު ގުޅުމެއް ނުވާކަމަށް ވަނީ ބުނެފައެވެ. އެއީ މުޙައްމަދުފުޅު ކަތްދާފުޅުގެ ބައްޕަގެ ރައްޓެހިކަމުގައި އެގެއަށް އައިސް އުޅޭތީއެވެ. އަދި މައްސަލަބަލައި މުޙައްމަދުފުޅުގެ މައްޗަށް ޙުކުމްކޮށް ކަމާއި ބެހޭފަރާތްތަކުން ހުކުމް ތަންފީޒް ކުރަން ވަނީ ފަށައިފައެވެ.

***********************************

އޭގެ އަހަރުތަކެއް ފާއިތުވީއިރު ކަތްދާފުޅަކީ އުފާވެރި ދިރިއުޅުމެއް އުޅެމުންދާ 4 ކުދިންގެ މަންމައެކެވެ. ވަރަށް ފަހުން ޖަލުން ސަލާމަތްވި ކުރީގެ ޤައިދީއަކު ގާތު މުޙައްމަދުފުޅު އަމިއްލައަށް ކުރިކަމެކޭ އޭނާ ބުނިކަމުގައި ވެއެވެ. އަދި އޭނާ ކަތްދާފުޅު ގާތު އިންނަން އެހުމުން މުޙައްމަދުފުޅަކީ މީހެއްގެ ފިރިއަކަށް ވާތީ އޭނާގެ ދިރިއުޅުމަށް ހުރަސް އަޅަން ބޭނުން ނޫންކަމުގައި ބުނިކަމަށް ވެއެވެ. އަދި އެ ރިހާކުރު ފުޅިއަކީ ފާތުމާފުޅު އޭނާގެމަތިން ހިތްކަނޑުވަން ފަންޑިތަވެރިއަކު ހަދައިދިން އެއްޗެއްކަމުގައި ބުނިކަމަށްވެއެވެ. އެއީ ކުއްޖަކު ހޯދަން އެހެން މީހަކާއި އިނުމުގެ ނިޔަތުގައެވެ. ކަތްދާފުޅުގެ ވާހަކަ މުޙައްމަދުފުޅު ބުނެފައިވަނީ އޭނަޔާ ދެ އަންބަށް ނުއިނުމުން ބަދަލު ހިފުމުގެ ގޮތުން ކަމުގައި މި ވާހަކަ ކިޔައިދިން މީހާ ލަފާ ކުރެއެވެ. އޭގެއިތުރަށް ކަތްދާފުޅުގެ ބައްޕަ ގެ ހަދަން ނެގި ލޯނުދައްކަން މުޙައްމަދުފުޅު އެހީވަމުން ގޮސްފައިވާތީ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ބުންޏެވެ. އަދި ފަންޑިތަވެރިޔާގެ ވާހަކަ ނުދެއްކީ އެ މުސްކުޅިޔާ ޖަލަށް ދާން ޖެހިދާނެތީ އެވެ. އެމީހާ މިހާރު ދުނިޔޭގައި ނެތްކަމަށް ވެއެވެ. ކޮންމެއަކަސް މުޙައްމަދުފުޅު ޝަރީއަތުގައި ބުނިއެއްޗަކާ މިހާރު ކިޔާއެއްޗަކާ ދިމާނުވާކަން ޔަޤީނެވެ. އަހަރެމެން އެންމެންވެސް ޤަބޫލުކުރަނީ މުޙައްމަދުފުޅު ފާތުމާފުޅާއި އެއްކޮށް އުޅެން ބޭނުން ނޫންނަމަ މިފަދަ ކަމެއް ނުކޮށް ފާތުމާފުޅު ހެޔޮގޮތުގައި ވަރިކުރިނަމަ ފާތުމާފުޅަށާއި މުޙައްމަދުފުޅަށްވެސް މާރަނގަޅު ވީސް ކަމުގައެވެ. ނަމަވެސް މި ގޮތަށް ކަން ގޮސްފައިވަނީ، ﷲ ދެއްވި ސިކުނޑީގެ ބޭނުން މުޙައްމަދުފުޅު ހެޔޮގޮތުގައި ނުހިފުމުންނެވެ. އަދި ދިރިއުޅުމަކީ ކުޅޭކުޅޭ އެއްޗެއްނޫންކަން އިހުސާސް ކުރަން ނޭގުމުންނެވެ.  

*********************************

ނޯޓް: މިވާހަކައިގައި ބޭނުންކޮށްފައިވާ މީސްމީހުންގެ ނަންނަމާއި ރަށްރަށުގެ ނަން ނަމަކީ އަދި މި ވާހަކައިގެ ޕްލޮޓްއަކީ ވެސް ޚިޔާލީ އެއްޗެކެވެ.