ޒަމާނީ ފިޒިކްސްއާއި ރެލެޓިވިޓީ 

އިނގިރޭސި ސައިންސްވެރިއާ އައިސާކް ނިއުޓަންއަކީ ސައިންސުގެ ކާފައިންގެ ތެރެއިން އެކަކޭ ބުނުމަކުން ހަމަގައިމުންވެސް ގޯހެއްނުވާނެއެވެ. އަދި މިޒަމާނުގެ ސައިންޓިފިކް މެތަޑްތައް ތަރައްޤީ ކުރުމުގައި އޭނާގެ ރޯލާއި ބައިވެރިވުމަކީ ވެސް ފާހަގަކޮށްލެވޭ ކަމެކެވެ. އޭނާއަކީ މި މަސްއުނިކާއިނާތުގެ ކަންކަން ހިގާގޮތް ވަރަށް ފަސޭހަ ތިން ޤާނޫނުން (އުސޫލުން) އަހަރެމެންނަށް ބުނެދިންމީހާއެވެ. އަދި ގްރެވިޓީ ބޭނުންކޮށްގެން ހިސާބުހަދާނެގޮތް ތައާރަފްކުރުމުގެ އިތުރަށް ހުދު އަލި އެކުލެވިގެންވަނީ 7 ކުލައިކަން އަހަރެމެންނަށް ބުނެދިން ވެސް މީހާއެވެ. އައިސްޓައިން ޚާއްސަވަނީ ހަމައެކަނި އޭނާގެ އާދަޔާ ކިލާފު ހެއާރ ސްޓައިލަކުން އެކަނި ނޫނެވެ. އުޑު ނޫކޮށް ފެންނަނީ ކިހިނެއް ވެގެން ކަން ބުނެ ދިނުމުގެ އިތުރަށް އޭނާއަކީ ނިއުޓަންގެ ބައެއްހޯދުންތައް ނުބައިކަން ދެއްކިމީހާވެސް މެއެވެ. އައިސްޓައިންގެ ކުރިން އެންމެން ބަލަމުން ދިޔައީ ވަޤުތަކީ ހުރިހާ ތަނެއްގައި އެއްގޮތަކަށް ހިނގާ އެއްޗެއްކަމެވެ. ވަޤުތަކީ ނިއުޓަން ދެކޭގޮތަށް ހުރިހާތަނެއްގައި އެއްގޮތަކަށް ހިނގާ އެއްޗެއް ނޫންކަމާއި ވަޤުތަކީ ބެލޭތަނުގެ ގޮތުން ކުރުވެ ދިގުވާ އެއްޗެއްކަން އައިސްޓައިން، އޭނާގެ ސްޕެޝަލް ރެލެޓިވިޓީން ދެއްކިއެވެ. އަދި ސްޕޭސް އަކީ ކުރުކޮށްލެވޭ އަދި ދިގުކޮއްލެވޭ އެއްޗެއްކަމުގައިވެސް އޭނާ އަޅުގަނޑުމެންނަށް ބުނެދިނެވެ. އައިންސްޓައިންގެ ޖެނެރަލް ރެލެޓިވިޓީގައި ގްރެވިޓީއާއި ބެހޭގޮތުން ނިއުޓަން ބުނެފައި ވަނީ ނުބައިކޮށްކަމާއި، ގްރެވިޓީ ކިޔާ ފޯސް އަކީ ވަޤުތާއި ސްޕޭސް ކާވްވެގެން ވާކަމެއްކަން ބުނެދިނެވެ. އަދި ސްޕޭސް އާއި ވަޤުތަކީ ވަކިކުރެވޭނެ އެއްޗެއް ނޫންކަމާއި “ސްޕޭސް-ޓައިމް” ގެ ހަތަރު ޑައިމެންޝަންގެ ޚިޔާލު އަހަރެމެންނަށް ފުރަތަމަ ފަހަރަށް ތަޢާރަފް ކޮށްދިނެވެ.

މި މަޒްމޫނު އަމާޒްކޮށްފައިވަނީ ސްޕެޝަލް ރެލެޓިވިޓީ އާއި ޖެނެރަލް ރެލެޓީގެ މައިގަނޑު ޚިޔާލުތަކުގެ މައްޗަށެވެ. މިގޮތުން މި މަޒްމޫނުގައި ހިމެނިގެންވާ ބައިތައް ތިރީގައިވަނީ އެވެ.

1 ރެލެޓިވް ވެލޯސިޓީ
2 ގެލެލެއޯގެ ރެލެޓިވިޓީ
3 ކްލާސިކަލް މޭކޭނިސް އިން އައިންސްޓައިންގެ ރެލެޓިވިޓީއަށް
4 އައިންސްޓައިންގެ ސްޕެޝަލް ރެލެޓިވިޓީ
5 އައިންސްޓައިންގެ ޖެނެރަލް ރެލެޓިވިޓީ
6 ޤުރުއާންގައިވާ ޓައިމް ޑައިލޭޝަންގެ ދެ މިސާލެއް
7 ވަޤުތު ހުއްޓުން
8 ހިނދުން ހިނދައް ކަންވުން
9 ބޭނުންތެރި ވީޑިއޯތައް

1 ރެލެޓިވް ވެލޯސިޓީ 

ފުރަތަމަ ރެލެޓިވް ވެލޯސިޓީއަކީ ކޮބައިތޯ ބަލާލާނަމެވެ. ފިޒިކްގައި ވެލޯސިޓީއަކީ ދަތުރުކުރާ އުޅަނދެއްގެ ސްޕީޑާއި މިސްރާބެވެ. ވެލޯސިޓީއޭ ބުނެފައި މިސްރާބު ނުބުނާނަމަ އެއީ ހަމަ ސްޕީޑެވެ. ނުވަތަ އެއްޗެއްގެ ދުވެލީގެ ބާރުމިނެވެ.

ރެލެޓިވް ވެލޯސިޓީއަކީ ކޮން އެއްޗެއްކަން މިސާލަކުން ބުނެދެވޭތޯ ބަލާނަމެވެ. މަތީގައިވާ ފޮޓޯގައި އެފެންނަ ބަހާއި ކާރުގެ ސްޕީޑް، ޕޭވްމަންޓް މަތީ ހުރި ފުލުސް، ފާތިމަތު ބެލިއިރު ބަހުގެ ސްޕީޑަކީ ގަޑިއަކު 20 ކިލޯމީޓަރުގެ ބާރުމިނެވެ. އަދި ކާރުގެ ސްޕީޑަކީ ގަޑިއަކު 30 ކިލޯމީޓަރުގެ ބާރު މިނެވެ. ކާރު ދުއްވާފައި ދަނީ ބަހަށްވުރެ ކުރިއަރާ ދިއުމަށެވެ. ކާރު އޯވަޓޭކް ކުރަމުން ދާއިރު ފަހަތު ސީޓުގައި އިންނަ އަޙުމަދަށް އިހުސާސްކުރެވޭނީ  ކާރު ހުއްޓައިގެން އޮތްކަމުގައެވެ. ބަސް ގަޑިއަކު 10 ކިލޯމީޓަރުގެ ބާރު މިނުގައި ފަހަތަށް ދާކަމުގައެވެ. އަދި ބަހުގައި އިންނަ އައިޝަތަށް އިހުސާސްކުރެވޭނީ ބަސް ހުއްޓައިގެން އޮތްކަމުގައެވެ. އަދި 10 ކިލޯމީޓަރުގެ ބާރުމިނުގައި ކާރު ކުރިއަރައި ދާކަމުަގައެވެ. ކޮންމެ އުޅަނދެއްގެ މީކަށް ފެންނާނީ ދެ އުޅަނދުގެ ސްޕީޑް ނުވަތަ ވެލޯސިޓީގެ ފަރަގެއެވެ. މިއާއި ޚިލާފަށް އެއް އުޅަނދު އަނެއް އުޅަނދާއި ދިމާއަށް އަންނަނަމަ ގަޑިއަކު 50 ކިލޯމީޓަރުގެ ބާރުމިނުގައި އަންނަތަން ފެންނާނެއެވެ. މިއަދަދަކީ އުޅަނދުތަކުގެ ވެލޯސިޓީ އެއްކުރުމުން ލިބޭ އަދަދެވެ.  މިއީ ރެލެޓިވިވް ވެލޯސިޓީ (ނުވަތަ ސްޕީޑް) ގެ ދެ މިސާލެވެ. ހަޤީގަތަކީ ހުއްޓިގެން (ރެސްޓްގައި) ހުރި އެކަކުވެސް ނެތެވެ. އީކުއޭޓަރު މަތީގައި ހުންނަ މީހަކުވެސް ދުނިޔޭގެ ދައުރުކުރުމުގެ ސަބަބުން ގަޑިއަކު 1600 ކިލޯމީޓަރުގެ ބާރުމިނުގައި ޖައްވުގައި ދަތުރުކުރެއެވެ. ވުމާއެކު ފުލުސްމީހާވެސް ދަތުރުކުރެއެވެ. އަދި އެހެންމެ ދުނިޔެ އިރުވަށައި ސިކުންތަކު 30 ކިލޯމީޓަރު ބާރުމިނުގައި ދަތުރުކުރެއެވެ. އަދި އިރާއި ސޯލާ ސިސްޓަމް ސިކުންތަކު 220 ކިލޯމީޓަރުގެ ބާރުމިނުގައި މިލްކީވޭ ވަށައި ދައުރުކުރެއެވެ. މިހެން މިކަންހުރުމާއެކު ހަގީގީ ވެލޯސިޓީއެއް ނުހޯދޭނެއެވެ. ދެންފަހަރަކު އެއާޕޯޓެއްގެ ކޮންވޭޔާރ ބެލްޓަކަށް އަރަން ފުރުސަތު ލިބޭ  އިރު މިކަން ތަޖުރިބާކޮށްލާށެވެ.