Author: Mohamed Jameel, Published: 12 Mar 2020

ކިޔުއްވި ބޭފުޅުން: 5905

 

ދަނޑުވެރިކަން: ޕެސްޓް ކޮންޓްރޯލް ކުރާނެގޮތް

ފެށުން

ތަރުކާރީއާއި މިރުސްފަދަ ބާވަތްތައް ހެއްދުމަކީ އޭގެން ލާބަޔާއި މަންފާ ލިބޭ ކަމެކެވެ. އެއީ ފެނުގައި ހެއްދިކަމުގައި ވިޔަސް އަދި ވެލީގައި ހެއްދި ކަމުގައި ވިޔަސްމެއެވެ. މިފަދަ ގަސްގަސް ހައްދާ މީހުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕެސްޓާއި ގަހަށްޖެހޭ ބަލިތަކުގެ ސަބަބުން ގަހަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އުދަގޫވުމެވެ. ސަބަބަކީ އެކަން ރަގަޅަށް ނުކުރެވުނުނަމަ ޚަރަދާއި ވަޤުތު އިސްރާފުވެ، ގަސްތަކުން ލިބެން ޖެހޭ ފުރިހަމަ ނަފާ ނުލިބުމެވެ. ހާމަކޮށް ހުޅުވިފައި ހުންނަ ތަންތަނުގައި އާއި އަދި ގިނަ ގަސްގަހުގެ ކައިރީގައި، ހައްދާއިރު މި އުނދަގޫ މާ ބޮޑަށް ފޯރައެވެ. އެއީ ގަދަވަޔާއި ވިއްސާރައާއި އަވީގެ ސަބަބުން ދިމާވާ މައްސަލަތަކުގެ އިތުރަށެވެ. ބައެއްކަހަލަ ޕެސްޓަކީ އަމިއްލައަށް ގަސްގަހަށް ގެއްލުން ދިނުމުގެ އިތުރަށް ބައެއް ފާޑުގެ ވައިރަސްތައް ވެސް އެއްގަހުން އަނެއްގަހައް އުފުލާ ތަކެއްޗެވެ. މިކަމަށް ހައްލު ހޯދުމުގެ ގޮތުން، ގިނަ ދަނޑުވެރިން ކެމިކަލް ޕެސްޓިސައިޑު ބޭނުންކުރެއެވެ. ކެމިކަލް ޕެސްޓިސައިޑް ބޭނުންކުރުމަކީ ގަންނަ ފަރާތްތަކުގެ ކަންބޮޑުވުން ނުހަނު ބޮޑުކަމެކެވެ. ޕެސްޓް ކޮންޓްރޯލް ކުރަން އެންމެ ރަގަޅުގޮތަކީ އެ އިންސެކްޓެއް ކާނާގެގޮތުގައި ބޭނުންކުރާ އެހެން އިންސެކްޓެއް ދަނޑަށް ތައާރަފް ކުރުމެވެ. ގްރީންހައުސް ތަކުގައި ދަނޑުވެރިކަން ކުރާފަރާތްތަކަށް އޮންނަ އެންމެ ބޮޑު ފައިދާއަކީ މިކަހަލަ ކަންކަން ކުރުމުގެ ފުރުސަތު ލިބުމެވެ. ޕެސްޓިސައިޑް ބޭނުން ކުރުމުން ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޭނުންތެރި އިންސެކްޓްތައް ވެސް ނެތިގެން ދިއުމާއި އިންސެކްޓްގެ އިމިއުންސިސްޓަމް އެ ޕެސްޓިސައިޑަކަށް ހޭނުމެވެ. ނަތީޖާއެއްގެ ގޮތުން ގެއްލުންދޭ ޕެސްޓްސް އިތުރުވާން ފުރުސަތު ލިބެއެވެ. އަޅުގަނޑު މި މަޒްމޫނުގައި ބަޔާންކޮށްފައިވާ ބައެއްގޮތްތަކަކީ އޯގަނިކް ޕެސްޓިސައިޑްވެސް ހެދޭނެ ގޮތްތަކެވެ. މިއީ މިކަމުގެ މާހިރުން ލަފާދޭ އެންމެރަގަޅުގޮތް ނޫންކަމުގައިވިޔަސް ކެމިކަލް ޕެސްޓިސައިޑު ބޭނުންކުރުމަށް ވުރެ ރަގަޅުގޮތެއްކަމަށް ގިނަ މީހުން ޤަބޫލުކުރާ ގޮތްތަކެކެވެ. އަދި ގޭގޭގައި ތަފާތުބާވަތްތަކުގެ ގަސް ހައްދާ މީހުންގެތެރޭ މިފަދަ އޯގަނިކް ޕެސްޓިސައިޑް ބޭނުންކުރާ މީހުންވެސް ގިނައެވެ.