ކަނޑުގެ ލޮނުގަނޑަށް އަންނަބަދަލާއި ފަރުގެ ދިރުން

ކެންޗް، ސްމިތާސް، މެކްލީސް އަދި ނޮކޯލް (2009) ވެސް ހޮލޮސީންގެ ދުވަސްވަރު ރާއްޖޭގެ ފަރުތައް ދިރަމުންދާގޮތް ބެއްލެވުމުގެ ގޮތުން މާޅޮސްމަޑުލު ދެކުނުބުރީ ފުނަދޫ ފަރާއި ހުޅުދޫފަރު ތޮރުފާފައިވެއެވެ. މި ދިރާސާއިން ދެ ގަނޑުފެނުގެ ޒަމާނުގެ އެންމެފަހުގެ ފަރުފެނިފައިވެއެވެ. މިފަރުގެ އުމުރަކީ ގާތްގަޑަކަށް 129 ހާސް އަހަރާއި 115 ހާސް އަހަރާއި ދެމެދެވެ. ބުނެވޭގޮތުގައި ކޮންމެ 100،000 އަހަރަކުން ގަނޑުފެނުގެ ޒަމާނެއް އާދެއެވެ. މިދިރާސާއިން މިވޭތުވެދިޔަ 8000 އަހަރުތެރޭގައި، 3 މަރުހަލާއެއްގައި  އަދި 3 އަވަސްމިނެއްގައި، ކަނޑުގެ ލޮނުގަނޑު އުސްވަމުން އައިސްފާވާ ކަމުގައި ފެނިފައިވެއެވެ. އަދި މީގެ އިތުރަށް  ހޮލޮސީންގެ ދުވަސްވަރު ކަނޑުގެ ލޮނުގަނޑަށް އަންނަބަދަލާއި އެއްވަރަށް ފަރުތައްވެސް ދިރަމުން ދާކަން ހޯދިފައިވެއެވެ. ގަނޑުފެން އެންމެގިނައިން ދުނިޔޭގެ ބިމުގައި އެކުލެވިގެންވި ދުވަސްވަރު ކަނޑުގެ ލޮނުގަނޑު ހުންނަކަމަށްވަނީ ފަރުގެ މައްޗަށްވުރެ ތިރިއަށެވެ. ދިވެހިރާއްޖޭގެ ޖަޒީރާތައް އުފެދިފައިވަނީ 5500 އަހަރާއި 4500 އަހަރާއި ދެމެދުގައި ހޮލޮސީންގެ ދުވަސްވަރު ފަރުތަކަށް އަނެއްކާވެސް ލޮނުއަރާ އުފެދެން ފެށުމުންކަމުގައި މިބޭފުޅުން ފާހަގަ ކުރައްވާފައިވެއެވެ.  


ނިންމުން 

ރާއްޖޭގެ ރަށްތައް އުފެދިފައިވަނީ ކުރީގެ އަލިފާންފަރުބަދަޔެއްގެ މަތީގައެވެ. ބައެއް އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ އަތޮޅުތަށް އުފެދެން ފެށީ ފެނުން މަތީގައިހުރި ވޮލްކެނިކް ރިޖުގެ އުސްތަންތަނުގެ ވަށައިގެން އުފެދުނު ފްރިންޖިންގް ރީފުންނެވެ، އަދި މިހާރުވެސް ގިނަބޭފުޅުން ޤަބޫލުކުރާ ތިޔަރީއަކީވެސްމިއެވެ. އަނެއްބައި ޢިލްމުވެރިންދެކެވަޑައިގަންނަވަނީ ރާއްޖޭގެ އަތޮޅުތަށް އުފެދިފައިވަނީ ފެނުއަޑީގައި އޮތް ވޮލްކެނިކް ރިޖެއްގެ އުސްތަންތަން މަތީގައި ކާބަނިކް ޕްލެޓްފޯމުތަކެއް އުފެދި އުސްވެގެންނެވެ. މީގެ އެންމެ މުހިއްމު ނުގުތާއަކީ މިހުރިހާ ތިޔަރީތަކެއްވެސް ބިނާވެފައިވަނީ ދިރާސާތަކެއްގެ މައްޗަށް ކަމުގައިވާކަމެވެ. އަދި އަތޮޅުއުފެދޭ ގޮތުގެ މައިގަނޑު 4 ތިއަރީއެއްވާއިރު ރާއްޖޭގެ ރަށްތައް އުފެދުނުގޮތް މުޅިންނިންމަން ރާއްޖޭގެ ކާބަނޭޓް ސިސްޓަމް އުފެދިފައިވާގޮތް އިތުރަށް ބަލައި ދިރާސާކުރަން ޖެހެއެވެ. ރާއްޖޭގެ ކާބަނޭޓް ސިސްޓަމުގެ އޮޅުންބޮޅުން ބޮޑުކަމާއެކު، މި އަތޮޅުތަކަކީ ވަކިޚާއްސަގޮތަކަށް އުފެދިފައިވާ އަތޮޅުތަކެއްކަމަށް ގިނަ އިލްމުވެރިން ދެކެވަޑައިގަންނަވައެވެ.