ރާއްޖޭގެ އީއީޒެޑާއި ޗާގޯސްގެ ސަރަހައްދު ފުށުއަރާތަން ބަހަން 1992 ގައި އިނގިރޭސިންނާއި ރާއްޖެއިން ހެދި ޑްރާފްޓް އެއްބަސްވުން

މުޙައްމަދު ޖަމީލް (11 މެއި 2023)

 

އެތައް ޒަމާނެއް ވަންދެން މޮރިޝަސް އާއި އިނގިރޭސިންގެ މެދުގައި ޗާގޯސްގެ މިލްކުވެރިކަމާއި ބެހޭގޮތުން ދެބަސްވުން ކުރިއަށް ގޮސްފައި ވެއެވެ. މި މައްސަލައިގެ ތެރެއަށް ދިވެހިރާއްޖެ އަށް ވަދެވުނީ ދިވެހިރާއްޖޭގެ EEZ (އެކްސްކްލޫސިވް އިކޮނޮމިކް ޒޯން) ޗާގޯސްގެ ސަރަހައްދާއި ފުށުއަރާތީއެވެ. މި މައްސަލައިގައި ދިވެހިރާއްޖެއަށް ހައްލު ހޯދުމަށް ދަތިވެފައި ވަނީ ލިޔުންތަކުން އެނގޭގޮތުގައި ޗާގޯސްގެ މިލްކުވެރި ފަރާތަކީ އިނގިރޭސިންތޯ ނުވަތަ މޮރިޝަސްތޯ ނިންމަން ދަތިވެގެންނެވެ. ފާޑުކިޔުންތެރި ބައެއް ލިޔުންތަކުން އެނގޭ ގޮތުގައި މި މައްސަލައަށް ދިވެހިރާއްޖެ އަށް 1992 ގައި ވެސް ހައްލު ލިބުނީހެވެ. 1992 ގައި އޭރުގެ ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރުން ޗާގޯސްއާއި ފުށުއަރާ EEZ ގެ ސަރަހައްދު ދެފަރާތް އެއްބަސްވި ބޭސްލައިނުން، “އީކުއި ޑިސްޓެންސް” އަށް ބަލައިގެން ބަހަން އެއްބަސްވިއެވެ. ނަތީޖާއެއްގެ ގޮތުން އިނގިރޭސިން ސަރަހައްދު ބަހަން ބޭނުންކުރާނެ ކޯޑިނޭޓް ކަނޑައަޅައި ޑްރާފްޓް އެއްބަސްވުމެއް ހަދައި ރާއްޖެއަށް ހުށައެޅިއެވެ. މަޝްވަރާތަކުގައި ބައިވެރިވި ދެ ސަރުކާރުގެ މަންދޫބުން އޭރު އެއްބަސްވެފައި ވަނީ، އެ ބޭފުޅުން ނިސްބަތްވާ ސަރުކާރުތަކަށް ހުށައެޅުމަށް ފަހު އެއްބަސްވުމުގައި ސޮއިކުރުމަށެވެ. އެދުވަސްވަރު ރާއްޖޭގައިވެސް އައު “މެރިޓައިމް ޤާނޫނެއް” ޑްރާފްޓް ކުރެވެމުން ގޮސްފައިވެއެވެ. ރާއްޖޭގެ މެރިޓައިމް ޤާނޫނު ފާސްވެ އަމަލުކުރަން ފެށުނީ 1996 ގައެވެ. އެހެނަސް ރާއްޖެއިން 1992 ގައި ތައްޔާރުކުރެވުނު ޑްރާފްޓް އެއްބަސްވުމާއި ގުޅޭކަންކަން އިތުރަށް ކުރިއަށް ގެންގޮސްފައި ނުވެއެވެ. މިއާއި ޚިލާފަށް އިނގިރޭސި ސަރުކާރުން އެކަމުގައި ކުރިއަށްގޮސް 2010 ގައި ޑްރާފްޓް އެއްބަސްވުމުގައި ހިމެނި ކޯޑިނޭޓްތަކުގެ މައްޗަށް ބަލައި ޗާގޯސްގެ ވަށައިގެންވާ މެރިޓައިމް ޒޯން، މެރިޓައިމް ސެންޗުއަރީއަކަށް ނުވަތަ “މެރިން ޕްރޮޓެކްޓެޑް އޭރިއާ އަކަށް ބަދަލުކުރިއެވެ. އަދި ރާއްޖެއަށް ވީފަޅި އޮތްގޮތަށް ބޭއްވި އެވެ. 

އިނގިރޭސި ޕާލަމެންޓުގައި ކުރެވުނު ބަހުސްގެ ތެރެއިން

އިނގިރޭސި ޕާލަމެންޓްގައި 9 ޖެނުއަރީ 2008 ގައި ރާއްޖެއާއި ދެމެދު ވީ އެއްބަސްވުމާއި ބެހޭގޮތުން ވާހަކަ ދެކެވިފައި ވެއެވެ. މި ބަހުސާއި ގުޅޭ ރަސްމީ ރިޕޯޓް ގެ ޓެކްސްޓް ފައިލް ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި އޭގެތިރީގައި އެބަހުސްގެ މުހިއްމު ބައިތަކުގެ ތަރުޖަމާއެއް ހުށައަޅައި ދޭނަމެވެ.

Volume 470: debated on Wednesday 9 January 2008 –Maldives: Chagos Archipelago

މި އެއްބަސްވުން ކުރިއަށް ގޮސްފައިވަނީ ކިހާ ވަރަކަށްތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ސެކެރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން އެންޑް ކޮމަންވެލްތް އެފެއާޒް، ޑ.ރ. ހަވަލްސް ވިދާޅުވެފައިވަނީ:

“ދިވެހިރާއްޖެ އާއި ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީއާ ދެމެދު ސަރަހައްދީ ކަނޑުން އެއްވެސް ފުށު އެރުމެއްނެތް. މޯލްޑިވްސް އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (EEZ) އާއި ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ ފިޝަރީ ޒޯނާ ދެމެދު އޮންނަ ސަރަހައްދީ ރޮނގާއި ބެހޭ ޑްރާފްޓް އެއްބަސްވުމެއް ޓެކްނިކަލް ފެންވަރުގައި 1992 ވަނަ އަހަރު ހެދިނަމަވެސް، އެ އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާތީ ދުވަހަކުވެސް އެ އެއްބަސްވުމަށް އަމަލުކުރަމުން ނުދޭ.  ދިވެހިރާއްޖެ އިން ވަނީ EEZ އާއި ބެހޭ ގޮތުން 1976 ވަނަ އަހަރު ފާސްކުރި ގާނޫނުގެ ބަދަލުގައި ޖޫން 1996 ގައި ނެރުނު ގާނޫނު ނަންބަރު 6/96 އަށް 1992 ވަނަ އަހަރުން ފެށިގެން އަމަލުކުރަން ފަށާފަ. އާކިޕެލެޖިކް ބޭސްލައިން ޕޮއިންޓްތައް ތައާރަފްކުރާ މި އީއީޒެޑް ގާނޫނަށް އައި ބަދަލުތަކާ އެކުވެސް، 1992 ވަނަ އަހަރު ޑްރާފްޓުގައި އެއްބަސްވި ބައުންޑަރީއަށް އިހުތިރާމް ކުރާހެން ހީވޭ.” (ނޯޓް ސަރަހައްދީ ކަނޑަކީ ރަޢްތަކާއި ފަރުތައް ހިމެނޭގޮތަށް ބޭސްލައިނުން ފެށިގެން 12 ނޯޓިކަލް މޭލެވެ. EEZ ގެ ސަރަހައްދަކީ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލެވެ.)

އިނގިރޭސިވިލާތުގެ ޗާގޯސް އާކިޕިލަގޯގެ ސަރަހައްދާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ވަކިކުރާ ރޮނގު ކަނޑައެޅިއިރު އީކުއިޑިސްޓެސް ޕްރިންސިޕަލްގެ ކޮންބޭނުމެއްތޯ ހިފީ؟ މި ސުވާލުގެ ޖަވާބުގައި ޑ.ރ. ހަވަލްސް ވިދާޅުވެފައިވަނީ؛

“މޯލްޑިވްސް އެކްސްކްލޫސިވް އިކޮނޮމިކް ޒޯނާއި ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ ފިޝަރީޒް ޒޯނާ ދެމެދު ކަނޑުގެ ސަރަހައްދު ކަނޑައަޅާން، 1992 ވަނަ އަހަރު އެއްބަސްވި ޑްރާފްޓް އެއްބަސްވުމަކީ އެއްވެސް އުނިއިތުރެއްނެތި މުޅިން އިކުއިޑިސްޓެންސް ޕްރިންސިޕަލްގެ މައްޗަށް ބިނާވާ އެއްޗެކެވެ.”

އިނގިރޭސިން BIOT ގެ ސަރަހައްދަކީ މެރިން ޕްރޮޓެކްޓެޑް އޭރިއާ އަކަށް ކަނޑައެޅުމުން ދެން ރާއްޖެއިން ޢަމަލުކުރި ގޮތާއި ނަތީޖާ ނިކުތްގޮތް
 
ޖުލައި 2010 ދިވެހިރާއްޖެއިން އައްޑުއަތޮޅުން ފެށިގެން 200 ނޯޓިކަލްމޭލުގެ EEZ ސަރަހައްދެއް ހޯދުމަށް އޭރު އޮތް ރާއްޖޭގެ ސަރުކާރުން އ.ދ. ގައި ހުށައެޅިއެވެ. އޭރު ރާއްޖެއިން ބުނެފައިވަނީ ޗާގޯސްގެ ހާލަތުތަފާތު ކަމަށާއި ޗާގޯސްގައި މަހަށް ބަރޯސާވާ ދާއިމީ އާބާދީއެއް ނެތްކަމުގައެވެ. އެހެންނަމަވެސް ޔޫއެން ކޮންވެންޝަން އޮން ލޯ އޮފް ސީ (UNCLOS) ގައިވާގޮތުން މީހުން ދިރިއުޅުނަސް އަދި ނޫޅުނަސް މީހުން ދިރިއުޅެވިދާނެ ކޮންމެ ރަށެއްގެ ވަށައިގެން EEZ އަށް އެދެވިދާނެ އެވެ. މިކަމާއި ގުޅިގެން މޮރިޝަސް ހިންހަމަނުޖެހިފައި ވަނިކޮށް، ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ 2011 ގައި މޮރިޝަސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި އިނގިރޭސިން ޗާގޯސްގެ ވަށައިގެން މެރިން ޕްރޮޓެކްޓެޑް އޭރިޔާއެއް ހެދުމާއި ދެ ޤައުމު ވެސް ދެކޮޅުކަމަށާއި އަދި EEZ ން ފުށުއަރާބަޔާއި ގުޅޭގޮތުން ބައި ލެޓްރަލް އެއްބަސްވުމެއް ހަދަން އެއްބަސްވެފައިވެއެވެ. 
 
2011 ން 2019 އާޢި ހަމަޔަށް އައި އިރުވެސް ބޯޑަރުގެ މައްސަލައިގައި ދިވެހިރާއްޖެއަށް މާ ބޮޑު ކުރިއެރުންތަކެއް ހޯދިފައި ނުވަނީސް، މިކަން ކޮޅެއްގައި ޖެއްސުމަށް މޮރިޝަސް އިން އިނގިރޭސިވިލާތާއި ރާއްޖެއާއި ދެކޮޅަށް ޤާނޫނީ ފިޔަވަޅުއެޅިއެވެ. މިގޮތުން އިނގިރޭސިންނާއި ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (ICJ) ގައި މޮރިޝަސް ދައުވާ އުފުލިއެވެ. ICJ އިން މިކަމާއި ގުޅިގެން އެޑްވައިޒަރީ އޮޕީނިއަންއެއް ނެރުނެވެ. މި ބަޔާނުގައި މޮރިޝަސްގެ ޑީކޮލޮނައިޒޭޒަންގެ ކަންކަން ގެންގޮސްފައި ވަނީ ޤާނޫނާއި އެއްގޮތަށް ނޫން ކަމަށާއި ޗާގޯސްގެ މައްޗަށް ވެރިކަން ކުރުން ވީހާވެސް އަވަހަކަށް ނިމުމަކަށް އިނގިރޭސިން ގެންނަން ޖެހޭކަމުގައި ބަޔާން ކޮށްފައިވެއެވެ. މި ދެންނެވި އޮޕީނިއަން އާއި އެކު ޗާގޯސް އަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ޤާނޫނީ ހަމައިން ބެލޭނެތީ، ރާއްޖެއާއި EEZ ން ފުށުއަރާ ބައި ޙައްލުކުރުމުގެ ޢަމަލީ މަސައްކަތް މޮރިޝަސް އިން ފެށިއެވެ. އެންމެފަހުން 24 ސެޕްޓެމްބަރު 2019 ގައި މި މައްސަލަ ITLOS މެދުވެރިކޮށް ޙައްލުކުރަން ދެ ޤައުމުން އެއްބަސްވެ ITLOS އަށް މައްސަލަ ހުށައެޅިއެވެ. ނަތީޖާއެއްގެ ގޮތުން 27 ސެޕްޓެމްބަރު 2019 ITLOS އިން މިކަން ބަލާނެ ޓްރައިބިއުނަލެއް އެކަށައެޅިއެވެ. އަދި 3 އަހަރަށް ވުރެ ދިގުމުއްދަތެއްނެގި މި މައްސަލަ ITLOS ބެލެމުށްފަހު އެންމެ ފަހުން ފުށުއަރާ ސަރަޙައްދު މިހިނގާ 2023ގައި ބަހާފައިވަނީ އިކުއިޑިސްޓެންސް ގެއުސޫލުންނެވެ. ބަހައިފައިވަނީ 1992 ގައި އިނގިރޭސިންނާއި އޭރުގެ ރާއްޖޭގެ ސަރުކާރުގެ ޓެކްނިކަލް ޓީމުން އެއްބަސްވި ރޮނގާއި ގާތްގަޑަކަށް އެއްރޮގުންނެވެ. 
 

ކަނައަތް ފަރާތު ޗާޓުގައިވަނީ އެންމެ ފަހުން ކަނޑައެޅުނު މޮރިޝަސް އާއި ރާއްޖޭގެ ބޯޑަރެވެ. ވައަތްފަރާތު ގައިވާ ޗާޓުން (ރަތްރޮނގު) ދައްކައިދެނީ BIOT ވަށައިގެން އިނގިރޭސިން 2010ގައި ޤާއިމްކުރި EFZ ޒޯން އާއި މިހާރު ދިވެހިރާއްޖޭގެ EEZ ސަރަހައްދު ބައްދަލުވާ ހިސާބެވެ. 

ރެފަރެންސް

Chagos Archipelago – Hansard – UK parliament. (2008, January 9).